އެސްއޯއެފްގެ އެކައުންޓުން ފައިސާ ޖަމާކުރީ އަސްވާޑު: މޫސަ

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ، އެސްއޯއެފްގެ އެކައުންޓުން ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކުގެ އެކައުންޓަށް ޖަމާކޮށްފައިވާ 100،000 (އެއް ލައްކަ) ޑޮލަރަކީ ސަންގު ޓީވީގެ މެނޭޖިން ޑައިރެކްޓަރު އިބްރާހީްމ ވަހީދު (އަސްވާޑު) ފޮނުވި ފައިސާކަމަށް މޫސަ ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުން ދައުލަތަށް 1.4 ބިލިއަން ރުފިޔާ ލިބެން ޖެހޭއިރު އެފައިސާ އިން އެއް ލައްކަ ޑޮލަރު އެސްއޯއެފްގެ އެކައުންޓު މެދުވެރިކޮށް މޫސަގެ އެކައުންޓަށް ގޮސްފައިވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އާންމުކުރި ބޮޑު ހިޔާނާތުގެ ތަހުގީގީ ރިޕޯޓުން ދައްކާފައިވާތީ އޭސީސީގެ ރައީސް ހަސަން ލުތުފީއަށް އެކަން ހިނގާދިޔަ ގޮތް ހާމަކޮށް މޫސަ ވަނީ ސިޓީއެއް ފޮނުވާފައެވެ.
އެ ސިޓީގައި މޫސަ ވިދާޅުވީ، އޭނާއަކީ 1989 ވަނަ އަހަރުން ފެށިގެން ވިޔަފާރި ކުރަމުން އަންނަ މީހެއް ކަމަށެވެ. އަދި ރާއްޖެއިން ބޭރުގައި ވެސް ވިޔަފާރި ކުރާކަން ފާހަގަކުރައްވާ މޫސަ ބުނީ ބޭރު ފައިސާ ގަނެ ރާއްޖެއިން ބޭރަށް ވެސް ފޮނުވާ ކަމަށެވެ. އެކަމަކު ވިޔަފާރިއެއްގައި އެއްއޯއެސް އާއެކު މުއާމަލާތެއް ކޮށްފައި ނުވާކަމަށެވެ.
އެސްއޯއެފްގެ އެކައުންޓުން ފައިސާ ޖަމާކޮށްފައިވާ 155 މީހުންގެ ލިސްޓުގައި އޭނާގެ ނަން ހިމެނިފައިވާތީ ކަން ހިނގިގޮތް ބަލާފައިވާކަން ފާހަގަކުރައްވާ މޫސަ ވިދާޅުވީ، ވެލިދޫ ދާއިރާގެ މެމްބަރު ޔާމިން ރަޝީދާއި އަސްވާޑް އަލަށް ހަދާ ޓީވީ ޗެނަލަކަށް ބޭނުންވާ އާލާތްތައް ސިންގަޕޫރުން ގެންނަން ބޭނުންވާތީ އެ ގައުމުން ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި އެދިވަޑައިގެންނެވި ކަމަށެވެ. އަދި އޭނާގެ ބީއެމްއެލް އެކައުންޓަށް ފައިސާ ޖަމާކުރުމުން ސިންގަޕޫރުން ފައިސާ ލިބޭނެ ގޮތް ހަދައިދޭނެ ކަމަށް އަންގާފައިވާނެ ކަމަށެވެ.
މޫސަގެ އެންގުމަށް އެއަހަރުގެ މާޗު 8 ގައި އަސްވާޑު އޭނާގެ އެކައުންޓަށް އެއް ލައްކަ ޑޮކަރު ޖަމާކޮށްދިން ކަމަށެވެ. އަދި އެއީ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ހިންގި މުއާމަލާތެއް ކަމުން އެ ފައިސާ މޫސަގެ އެކައުންޓަށް ޖަމާކުރީ އަސްވާޑުގެ އެކައުންޓުން ކަމަށް ނިންމައިގެން ހުރިކަމަށް މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ، ހަމަ އެދުވަހު އޭނާގެ އެޗްއެސްބީސީ ސިންގަޕޫރުގެ އެކައުންޓުގެ ހަތަރު ޗެކު އޭނާ އަސްވާޑުއާ ހަވާލުކުރުމުން ފައިސާ ނެގި ކަމަށެވެ. އަދި އެކަންތައް ކޮށްދީފައިވަނީ ޔާމީން އާއި އަސްވާޑަކީ ވެސް ދެ ރަހުމަތްތެރިން ކަމުން ކަމަށެވެ.
ތަހުގީގީ ރިޕޯޓުގައި މޫސަގެ ނަން އޮތް ނަމަވެސް އޭސީސީން އޭނާއާ ސުވާލުކޮށްފައި ނުވާކަމަށާއި އެހެންކަމުން، ހަގީގަތް އޮޅޭނެ ފަދަ ގޮތަކަށް އޭނާގެ ނަން ބޭނުންކުރުމުގެ ނަތީޖާއަކީ ގާނޫނު އަސާސީން ލިބިދޭ ހައްގުތައް ގެއްލި އަމިއްލަ ދިރިއުޅުމާއި ވިޔަފާރިއަށް އޭގެ ނޭދެވޭ އަސަރުކުރުން ކަމަށެވެ.
މޫސަ ވިދާޅުވީ، އޭނާއަކީ ދައުލަތުގެ ޒިންމާދާރު މަގާމެއްގައި ހުރި މީހެއްކަމުން، ބޮޑު ހިޔާނާތެއްގެ ތެރެއަށް ނަން އައުމަކީ ރައްޔިތުންގެ ހިދުމަތުގައި ހޭދަކުރި 15 އަހަރުގައި ކުރިމަތިވި އެންމެ ބޮޑު ލަދުވެތިވުމެވެ.
އެއީ އަސްވާޑު ޖަމާކުރި ފައިސާއެއްކަމަށް މޫސަ ވިދާޅުވިނަމަވެސް ބައެއް މީޑިއާތަކާއި ވާހަކަ ދައްކަވަމުން އަސްވާޑު ވަނީ އެކަން ދޮގުކޮށްފައެވެ. އަދި ރިޕޯޓުގައި ވެސް އޭނާގެ ނަން ނެތް ކަމަށާއި އެސްއޯއެފް އިން ދިން ޗެކެއްގައި ވެސް ހިފާފައި ނުވާނެ ކަމަށް ވިދާޅުވިއެވެ.
މޫސަގެ އިތުރުން ވެސް ބައެއް މަޖިލިސް މެމްބަރުންނަށް އެސްއޯއެފްގެ އެކައުންޓު މެދުވެރިކޮށް ފައިސާ ޖަމާވެފައިވާކަން އެ ރިޕޯޓުން ދައްކައެވެ. އެގޮތުން ރިޔާޒު ރަޝީދުގެ މަސްލަހަތު އޮންނަ ކުންފުންޏަކަށާއި ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފާއި ގުރައިދޫ ދާއިރާގެ މެމްބަރު ހުސެއިން މަނިކު ދޮންމަނިކުގެ އެކައުންޓަށް ފައިސާ ޖަމާވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ