މެމްބަރު އަސްލަމްގެ ނަމުގައި ދައުރުވަމުންދަނީ ފޭކް މެސެޖުތަކެއް

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާއަށް އިންތިހާބުވެވަޑައިގެންފައިވާ މެމްބަރު މުހައްމަދު އަސްލަމް މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިނުލައްވަން ނިންމަވާފައިވާ ކަމަށް ބުނެ އޭނަގެ ނަމުގައި ދައުރުވަމުންދާ މެސެޖަކީ ފޭކު މެސެޖެއް ކަމަށް މެމްބަރު އަސްލަމް ވިދާޅުވެއްޖެއެވެ.
މެމްބަރު އަސްލަމުގެ ނަމުގައި ދައުރުވަމުންދާ މެސެޖުގައި ބުނެފައިވަނީ ރައީސް ނަޝީދުގެ އެދިވަޑައިގަތުމުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިނުލެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި މަޖިލީހުގެ ރައީސް ކަމަށް ވިލުފުށި ދާއިރާއަށް އިންތިޚާބުވެވަޑައިގެންފައިވާ ހަސަން އަފީފްއަށް ތާއިދު ކުރައްވަން ނިންމަވާފައިވާ ކަމަށްވެސް މެސެޖުގައިވެއެވެ.
މިކަމާއި ގުޅިގެން ވީނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މެމްބަރު އަސްލަމް ވިދާޅުވީ އެއީ ފޭކު މެސެޖެއް ކަމަށާއި އެފަދަ މެސެޖެއް ނުކުރައްވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރު ފެށުމަށް ތައްޔާރުވަމުންދާއިރު މަޖިލީހުގެ ރައިސްކަން ކުރައްވާނެ ބޭފުޅަކާއި މެދު ބަހުސްތައް ހޫނުވެފައިވާއިރު މަޖިލީހުގެ ރައީސް ކަމަށް މިހާރުވެސް 6 މެމްބަރަކު ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެއީ ހަސަން އަފީފާއި މުހައްމަދު އަސްލަމުގެ އިތުރުން އިބްރާހީމް ޝަރީފާއި، ރޮޒައިނާ އާދަމާއި، އަލީ އާޒިމުގެ އިތުރުން އަބްދުﷲ ޖާބިރެވެ.
މީގެ ތެރެއިން މެމްބަރު އަސްލަމަށް ކުރީގެ ރައިސް މުހައްމަދު ނަޝީދު ތާއީދު ކުރައްވާފައިވާއިރު، މަޖިލީހުގެ ރައީސް ކަމަށް މެމްބަރު އަފީފަށް ތާއިދު ކުރައްވާކަން ހާމަވާ ފަދަ މޭރުމަކުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ހަސަން އަފީފުގެ މަސައްކަތް ކުރިންވެސް ފެނިވަޑައިގެންފައިވާ ކަމަށާ އެމަނިކުފާނު ގަބޫލުކުރައްވާގޮތުގައި މަޖިލީހުގެ ރައީސްކަމަށް އެންމެ ރަނގަޅު ބޭފުޅަކީ ހަސަން އަފީފު ކަމަށެވެ.
ރައީސް ސޯލިހުު މިހެން ވިދާޅުވުމާއި ގުޅިގެން މެމްބަރު އަސްލަމް ވިދާޅުވެފައިވަނީ މަޖިލީހުގެ ރައީސްކަމަށް ވަކި ބޭފުޅަކު ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ މަސައްކަތް ކުރައްވަމުން ނުގެންދަވާ ކަމަށެވެ. އެކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާ ކަމަށެވެ.
އަސްލަމް ވިދާޅުވީ މަޖިލީހުގެ ދެ ދައުރުގެ މަމްބަރުންނަށް ބޭއްވި ހާއްސަ ތަރާވީހުގައި ވަރަށް ދިގުކޮށް ރައީސްއާއެކު ތަފާތު އެކި މަޝްވަރާތައް ކުރެވުނު ކަމަށާ މި މަޝްވަރާތަކުގައި މަޖިލީހުގެ ރައީސްކަމަށް ވަކި ބޭފުޅަކު ގެނައުމަށް އެމަނިކުފާނު މަސައްކަތް ނުކުރައްވާކަމަށް ވިދާޅުވި ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ރައީސްކަމަށް ވަޑައިގަތުމަށް ރައީސް ސޯލިހްގެ ތާއީދާއި އިތުބާރު އޭނާއަށް އެބައޮތްކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ