ދުވާފަރު ރައްޔިތުން ފަޅު ރަށަކަށް ރަޖިސްޓްރީވެފައި އޮންނަ މައްސަލަ މިހަފުތާގެ ތެރޭގައި ހައްލު ކުރަނީ

ސުނާމީ ކާރިސާގައި ފަޅުވި ރ. ކަނދޮޅުދޫ ރައްޔިތުން އެ އަތޮޅު ދުވާފަރަށް ބަދަލު ކުރިތާ ދިހަ އަހަރު ފަހުން ވެސް އެމީހުންގެ ކަނދޮޅުދޫގައި ރަޖިސްޓްރީކޮށްފައި އޮތް މައްސަލަ މިހަފްތާ ތެރޭގައި ހައްލު ކުރަން ފަށާނެ ކަމަށް ދުވާފަރު ދާއިރާގެ މެމްބަރި އިސްމާއިލް އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ޑިސެމްބަރު 26، 2004 ގައި އައި ސުނާމީ ގައި އެއްކޮށް ސުންނާފަތިވެގެން ދިޔަ ކަނދޮޅުދޫ މީހުން ދުވާފަރުގައި އާބާދު ކުރީ 2008 ވަނަ އަހަރު އެވެ. އޭގެ ފަހުން ދިހަ އަހަރަށް ވުރެ ގިނަ ދުވަސްވެފައި ވާއިރު، އެމީހުން އަދިވެސް ރަޖިސްޓްރީކޮށްފައި އޮންނަނީ ކަނދޮޅުދޫގަ އެވެ.
ދުވާފަރުގައި މީހުން އާބާދުވި ފަހުން ދުވާފަރަށް އުފަންވާ ކުދިން ވެސް ރަޖިސްޓްރީ ކުރަމުން ދިޔައީ ކަނދޮޅުދޫ އަށެވެ. މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެމްބަރު އިސްމާއިލް އަހުމަދު ވިދާޅުވީ ދުވާފަރު ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ "ރެފިއުޖީންގެ ގޮތުގައި" އުޅެން ޖެހުން ކަމަށެވެ.
ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ މިއަދުގެ މަޖިލިސް ޖަލްސާ އަށް ހާޒިރު ކުރުމުން ސުވާލު ކުރަން ލިބުނު ފުރުސަތުގައި އިސްމާއިލް ވަނީ ކަނދޮޅުދޫ ރައްޔިތުން ދުވާފަރުގައި ރެފިއުޖީންގެ ގޮތުގައި އުޅެމުން އަންނަތާ އަހަރުތަކެއް ފަހުން، މިހަފުތާގެ ތެރޭގައި އެ އެމީހުން މިހާރު އުޅެމުން އަންނަ ގެތަކަށް ދާއިމީ ރަޖިސްޓްރީ ބަދަލުކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން ދާތީ، އާތިފާ އަށް ޝުކުރު އަދާ ކުރައްވާފަ އެވެ.
ސުނާމީ ކާރިސާއާ ގުޅިގެން ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު 26 ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ދަނީ ފާހަގަކުރަމުންނެވެ. މިދިޔަ އަހަރު އެ ދުވަސް ފާހަގަކުރުމަށް ދުވާފަރުގައި ބޭއްވި ހަފުލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ދުވާފަރަށް ރަށުގެ ރައްޔިތުންގެ ރަށްވެހިކަން ބަދަލުކުރުމުގެ މަސައްކަތް ފައްޓަވައި ދެއްވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ އުއްމީދަކީ އެނބުރި މާލެ ދިއުމަށް ފަހުގައި ރައްޔިތުންނަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު އެއް އުނދަގޫ ކަމުގައިވާ ރަށުގެ ރަށްވެހިކަމާއި ދީފައި ހުރި ގޯތިތަކުގެ ރަޖިސްޓްރީ މިރަށުގެ ރައްޔިތުންނަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިގަތުން،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ދުވާފަރުގައި 5000 އަށް ވުރެ ގިނަ މީހުން އަންނަނީ ދިރިއުޅެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ