ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމަށް އެދޭ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި

އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމަށާއި މޮނިޓާ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.އިލެކްޝަންސް ކޮމިޝަނުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނަރަލް އާސިމް އަބްދުއްސައްތާރު ވިދާޅުވީ އިންތިހާބު އޮބްޒާވް ކުރުމަށާއި މޮނިޓަރު ކުރުމުގެ ފުރުސަތަށް އެދުން މި އަންނަ ޖުލައި މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި އިންތިހާބު އޮބްޒާވް ކުރުމަށާއި މޮނިޓަރު ކުރުމަށް އެދުމަށް ބޭނުންވާ ފޯމް އިއްޔެ ފެށިގެން އިލެކްޝަންސް ކޮމިޝަނުން ލިބެން ހުންނާނެ ކަމަށް ވެސް އާސިމް ވިދާޅުވިއެވެ.އިލެކްޝަން ކޮމިޝަން ސެކްރެޓަރީ ޖެނަރަލް އާސިމް އިތުރަށް ވިދާޅުވީ، މޮނިޓަރުންގެ ގޮތުގައި ބެލެވޭނީ ހަބަރުފަތުވާ ވަސީލަތްތަށް ކަމަށާއި އަދި އޮބްޒާވަރުންގެ ގޮތުގައި ބެލެވޭނީ ކެންޑިޑޭޓުންގެ އޮބްޒާވަރުންނާއި މަދަނީ ޖަމާއަތްތަކާއި ބައިނަލްއަގުވާމީ ފަރާތްތަށް ކަމަށެވެ.އިލެކްޝަން ކޮމިޝަން ސެކްރެޓަރީ ޖެނަރަލް އާސިމް ވިދާޅުވިގޮތުގައި، އަންނަ ރިޔާސީ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ވަގުތީ ލިސްޓަށް 2279 ޝަކުވާ ލިބިފައިވާ ކަމަށާއި އެ ޝަކުވާތައް ބެލުމަށް ފަހު އަންނަ ހަފްތާގައި އެ ލިސްޓަށް އަންނަ ބަދަލުތައް ގެޒެޓްކުރާނެ ކަމަށެވެ. އަދި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން ބޭނުންވާ ފަރާތްކަށް ވޯޓުލާން ބޭނުންވާ ތަނެއްގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އަންނަ މަހުން އެ އެއް ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލުމަށް ހަމަ ޖައްސާފައިވާ ކަމަށް ސެކްރެޓަރީ ޖެނަރަލް އާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ