އިންސާފުގެ މަގަށް މުޅި ގައުމުގެ މިސްރާބު ބަދަލުވާތަން އެބަފެނޭ - ގާސިމް

އިންސާފުގެ މަގަށް މުޅި ގައުމުގެ މިސްރާބު ބަދަލުވާތަން ފެންނަމުންދާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މީގެކުރިން ނިންމި ނިންމުން މިއަދު ބާތިލުކުރުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
ގާސިމް ވިދާޅުވީ އިންސާފުގެ މަގަށް މުޅި ގައުމުގެ މިސްރާބު ބަދަލުވެގެން އަންނަ މަންޒަރު ފެންނަމުންދާ ކަމަށާއި މި ބަދަލުތައް ފެންނަމުންދަނީ ރައްޔިތުން ނިކުމެ ބޮޑު މަންޒަރު ބޮޑުތަނުން ބަދަލުކުރުމުން ކަމަށެވެ. މީގެއިތުރުން ގާސިމް ވަނީ ގާނޫނު އަސާސީގައި ހިފެހެއްޓެވީތީ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނަށް ވެސް ޝުކުރު އަދާކުރައްވާފައެވެ.
12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އީސީން ނިންމިއިރު އެ ކޮމިޝަނުން މިއަދު ވަނީ އެ 12 ދާއިރާގައި ބައި އިލެކްޝަން ބޭއްވުމަށް ނިންމި ނިންމުން ވެސް ބާތިލުކޮށްފައެވެ. އީސީގެ މި ނިންމުންތައް ރައްޔިތުންގެ މަޖިލީހުގެ އިތުރުން ކަމާބެހޭ ފަރާތްތަކަށް ރަސްމީކޮށް މިހާރު ވަނީ އަންގާފައެވެ.
ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންނަކީ ހަނިމާދޫ ދާއިރާގެ ހުސައިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފާއި ދަގެނތީ ދާއިރާގެ އިލްހާމް އަހްމަދާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހު އަދި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ