ޓައިލްގެ ބެޓެރި ބަދަލުކުރެވޭ ގޮތަށް ހަދައިފި

އާންމުކޮށް ގެންގުޅޭ އެއްޗެހީގެ ތެރެއިން ފަސޭހައިން ގެއްލޭ އެއްޗެހީގައި އަޅާނެ ފާހަގައެއް މުހިންމެވެ. އެ އޮތް ތަނެއް ހޯދޭނެ ފާހަގައެކެވެ. މިކަމަށް އެންމެ މަޝްހޫރު އެކައްޗަކީ "ޓައިލް" އެވެ.
ޓައިލްއަކީ ސްމާޓްފޯން އެޕަކާ ބްލޫޓޫތު މެދުވެރިކޮށް ގުޅޭ ގޮތަށް ފަރުމާކޮށްފައިވާ ތަޅުދަނޑި ފުލަކަށް ފުދޭ އެއްޗެކެވެ. ތަޅުދަނޑިއާއި ދަބަހާއި ފޯނާއި އައިޕެޑާއި ބައިސްކަލާއި ކާރު ފަދަ އަގުހުރި ތަކެތީގައި މި އަޅުވާލެވެއެވެ. އޭރުން މި ގެއްލުނަސް ހާސްކަމެއް ނެތި ސްމާޓްފޯން އެޕްގެ އެހީގައި އެ ތަކެތި އޮތްތަން ދެނެގަނެވެއެވެ.
ޓައިލްގެ އެންމެ ފަހުން ނެރުނު އަޕްޑޭޓަކީ ގިނަ ބަޔަކަށް ލިބޭނެ ހިތްހަމަޖެހުމެކެވެ. މިހާތަނަށް އައި އިރު ޓައިލް ބޭނުންކުރާ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބެޓެރީ ބާރު ދެރަވުމުންނާއި ބެޓެރީއަށް ދިމާވާ ބައެއް މައްސަލަތަކުގެ ސަބަބުން ޓައިލްގެ ބޭނުން ކެނޑުމެވެ. މިފަހަރު ނުކުތް ޓައިލް ޕްރޯ އާއި ޓައިލް މޭޓް ފަރުމާކޮށްފައިވަނީ ބެޓެރީ ބަދަލުކުރެވޭ ގޮތަށެވެ. އަލަށް ނުކުތް ޓައިލް ފޮތިތަކާއެކު ބެޓެރީ ވިއްކާކަށް ނުހުރެއެވެ. އެކަމަކު ޓައިލް ޕްރިމިއަމްގެ ނަމުގައި ފަށާފައިވާ އިތުރު ޚިދުމަތެއްގެ ތެރެއިން ޓައިލް ބެޓެރީ ލިބެން ހުރެއެވެ.
ޓައިލް ޕްރީމިޔަމްއަކީ މަހުފީ ނުވަތަ އަހަރީ ފީ ދައްކައިގެން ލިބޭ ޚިދުމަތެކެވެ. މި ޚިދުމަތަށް އަގު ދެއްކުމުން އިތުރު ފުރުސަތުތަކަކަށް މަގުފަހިކުރުވައެވެ. އޭގެތެރޭގައި ޓައިލް ފާހަގަ ޖަހާފައިވާ ތަކެތި ހޯދުމުގައި ޓައިލް ބޭނުންކުރާ އެހެން މީހުންގެ ޑިވައިސްތަކުން ލިބޭ އެހީތެރިކަން ހިމެނެއެވެ. ގެއްލިފައިވާ ޓައިލް އަޅުވާފައިވާ އެއްޗެއް، "ޓައިލް ކޮމިޔުނިޓީ"ގެ އެހެން ޑިވައިސް އަކަށް އެރިޔަސް ހޯދޭނެއެވެ. މިކަމަށް 30 ދުވަހުގެ މުހުލަތެއްވެސް ލިބެއެވެ. މާނައަކީ ތިމާގެ ފޯނުގެ ބްލޫޓޫތު ރޭންޖުން އެ އެއްޗެއް ގެއްލުނަސް ޓައިލް ބޭނުންކުރާ އެހެން މީހެއްގެ ރޭންޖަށް ވަނުމުން އެކަމުގެ މައުލޫމާތު ތިމާއަށް ވެސް ލިބުމެވެ. އަދި ނުވިތާކަށް ތިން އަހަރުގެ ވޮރަންޓީ އާއި ޓައިލް އެޕްގެ ތެރެއިން ކަސްޓަމަރުންނަށް އެހީތެރިވެދޭނެ އިންތިޒާމް ވެސް ހަމަޖެހިފައިވެއެވެ.
ޓައިލް ޕްރީމިޔަމްގެ އިތުރުން ޓައިލް ޕްރޯ އާއި ޓައިލް މޭޓްގެ މިފަހަރުގެ އަޕްޑޭޓްގައި ފާހަގަކޮށްލެވޭ ބަދަލުތަކެއް ހިމެނެއެވެ. ޓައިލް މޭޓްގެ ބްލޫޓޫތު ރޭންޖް ވަނީ 150 ފޫޓަށް އިތުރުކޮށްފައެވެ. މިފަހަރު ނުކުތް ޓައިލް މޭޓް ހުންނަނީ ހުދުކުލައިގައެވެ. ޓައިލް ޕްރޯއަށް އައި އެންމެ ބޮޑު ބަދަލަކީ ބްލޫޓޫތު ރޭންޖް 300 ފޫޓަށް ދަންމާލިކަމެވެ.
ޕްރޯ ލިބެން ހުރީ ކަޅުކުލަ އާއި ހުދުކުލަ އާއި މައުދަނުގެ ރިހިކުލައިގައެވެ. ބެލެވޭ ގޮތުގައި ދުނިޔޭގެ 230ގައުމެއްގައި 4 މިލިއަނެއްހާ ތަކެތީގައި ޓައިލް ފާހަގަ މިހާރުވެސް ބޭނުންކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ