ޝާހިދު މެމްބަރު ކަމުން އިސްތިއުފާ ދެއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މްމެބަރު އަބްދުﷲ ޝާހިދު މެމްބަރު ކަމުން އިސްތިއުފާދެއްވައިފިއެވެ.
ކުރިން މަޖިލީހުގެ ރައީސްކަންވެސް ކުރެއްވި ޝާހިދު ވިދާޅުވީ މިއަދަކީ މަޖިލީހަށް ވަޑައިގަންނަވާނެ އެންމެ ފަހު ދުވަސް ކަމަށެވެ. މަޖިލީހުގެ އިދާރާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ ކުރިންވެސް ވިދާޅުވި ގޮތަށް ދެން ފެނިވަޑައިގަންނަވާނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކަމަށެވެ.
ޝާހިދު ވިދާޅުވީ މަޖިލީހުގައި ކޮސްދެވުނު ފަދަ އިހްލާސްތެރި މަސައްކަތްތަކެއް ސަރުކާރުގެ ތެރެއިންވެސް ކޮށްދެއްވަން ބޭނުންވާ ކަމަށެވެ. އެހެން ކަމުން ރައީސް އިބޫ ހަވާލުކުރެއްވި ކޮންމެ ކަމެއްގައި ސާބިތު ކަމާއެކު ހުންނަވާނެ ކަމަށެވެ.
ޝާހިދަކީ ރައްޔިތުންގެ މަޖިލީހަށް އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. ޝާހިދު މަޖިލީހުގެ ރައީސްކަން ކުރެއްވީ ޑީއާރުޕީގެ ފަރާތުންނެވެ. އެހެންނަމަވެސް ފަހުން އެމްޑީޕީއާއި ގުޅިވަޑައިގެން ރައީސް މުހައްމަދު ނަޝީދުގެ ފޮރިން މިނިސްޓަރަކަށްވެސް ޝާހިދު ހުންނެވިއެވެ.
ޝާހިދު އިސްތިއުފާދެއްވައި ސަރުކާރާއި ގުޅިވަޑައިގަންނަވާއިރު އަދިވެސް ޝާހިދު އަދާކުރައްވަނީ އާ ސަރުކާރުގެ ކޮން މަގާމެއްކަން ހާމަ ކުރައްވާފައެއް ނުވެއެވެ.
އަބްދުﷲ ޝާހިދަކީ އެމްޑީޕީގެ ފޮރިން ރިލޭޝަން ކޮމެޓީވެސް ލީދް ކުރައްވާ ބޭފުޅެކެވެ. ޝާހިދަކީ މާސްޓާސް ހައްދަވާފައި ވަނީ އިންޓަނޭޝަނަލް ރިލޭޝަނުގެ ދާއިރާއިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ