ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާ އެގައުމުގެ ޕާލަމެންޓް އުވާލައްވައި، އަވަސް އިންތިޚާބަކަށް ގޮވާލެއްވުމަކީ ޣައިރުދުސްތޫރީ އަމަލެއްގެ ކަމަށްބުނެ ސިޔާސީ ޕާޓީތަކުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ދިރާސާ ސުޕްރީމް ކޯޓުން ފެށުމާއެކު، ސުޕްރީމް ކޯޓު ހުންނަ ސަރަހައްދުގައި ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަ ކޮށްފިއެވެ.
ޚާއްސަކޮށް ސުޕްރީމް ކޯޓު އިމާރާތް ވަށައިގެންވާ ސަރަހައްދުތަކުގައި ސްރީލަންކާ ސިފައިންގެ ޚާއްސަ ކޮމާންޑޯއިން ވަރަށް ވަރުގަދައަށް ބަލަހައްޓަމުން އެބަގެންދެއެވެ.
ސްރީލަންކާގެ ބޮޑުވަޒީރު ކަމުގައި ހުންނެވި ރަނިލް ވިކްރަމަސިންހަ މަގާމުން ދުރުކުރެއްވުމަށްފަހު، އޭގެ ދެހަފްތާފަހުން ޕާލަމެންޓް އުވާލައްވައި، އަންނަ އަހަރުގެ ޖެނުއަރީމަހުގެ 5 ވަނަ ދުވަހު އަވަސް އާންމު އިންތިޚާބު ބޭއްވުމަށް ސްރީލަންކާގެ ރައީސް ގޮވާލެއްވުމާ ގުޅިގެން ސްރީލަންކާވަނީ ދުސްތޫރީ ބޮޑު މައްސަލަގަނޑެއްގެ ތެރެއަށް ވެއްޓިފައެވެ.
ރައީސް ސިރިސޭނާ ޕާލަމެންޓް އުވާލައްވައި އަވަސް އިންތިޚާބަކަށް ގޮވާލެއްވި މައްސަލަ، ސިޔާސީ ޕާޓީތަކުގެ އިތުރުން، މަދަނީ ޖަމްއިއްޔާތަކާއި އަމިއްލަ ފަރުދުންވެސް ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވެއެވެ. ރައީސްގެ ނިންމެވުމަށް ގޮންޖަހައި، ސްރީލަންކާގެ އިލެކްޝަންސް ކޮމިޝަނުންވެސްވަނީ އެކަމާ ދެކޮޅަށް ނުކުމެފައެވެ.
ސުޕްރީމް ކޯޓަށް ހުށަހޅާފައިވާ މައްސަލާގައި، މައްސަލަ ހުށަހެޅި ފަރާތްތަކުން އުއްތަމަ ފަނޑިޔާރު ނަލިން ޕެރޭރާ ހިމެނޭ ތިން މެމްބަރުންގެ ބެންޗުގެ ކިބައިން އެދިފައިވަނީ، ޕާލަމެންޓް އުވާލައްވައި، އަވަސް އިންތިޚާބަކަށް ރައީސް ގޮވާލެއްވި ގޮވާލެއްވުމަކީ ބާތިލް ނިންމެވުމެއް އަދި ބާތިލް ގޮވާލެއްވުމެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.
ޚަބަރު ލިބޭގޮތުގައި ސުޕްރީމް ކޯޓުގެ ތިން މެމްބަރުންގެ ބެންޗުން މިހާރު ދިރާސާކުރަމުންދަނީ، ހުށަހެޅިފައިވާ މައްސަލައާއިގެން ކުރިއަށް ދެވިދާނެތޯ ނުވަތަ ނޫންތޯ ކަނޑައެޅުމާމެދުގައެވެ.
މިމައްސަލަ ބެލުމަށް ސުޕްރީމް ކޯޓުން ނިންމައިފިނަމަ، އަވަސް އިންތިޚާބެއް ބޭއްވުމަށް ރައީސް ސިރިސޭނާ ގޮވާލައްވާފައިވާ ގޮވާލެއްވުން ވަގުތީގޮތުން ސަސްޕެންޑް ކުރުމަށް ސުޕްރީމް ކޯޓުން އަމުރުކުރާނެއެވެ.
މިދަނޑިވަޅުގައި، ރަނިލް ވިކްރަމަސިންހައާއި، މަހިންދަ ރާޖަޕަކްސަގެ ސަޕޯޓަރުންގެ މެދުގައި ކުރިމަތިލުންތަކެއް ހިނގާފާނެ ކަމުގެ ބިރު އުފެދިފައިވާ ކަމަށް ސަލާމަތީ ފަރާތްތަކުން ދެކެއެވެ. އެހެންވެ، ސްޕެޝަން ޓާސްކްފޯސްގެ ސިފައިންގެ އެތައްސަތޭކަ ބަޔަކު މަގުތަކަށް ނެރެ ގެންދަނީ ބަލަހައްޓަމުންނެވެ.
ސުޕްރީމް ކޯޓު ހުންނަ ސަރަހައަދަށް މިހާރުވެސް އެތައްސަތޭކަ ބަޔަކުވަނީ އެއްވެފައެވެ.
މައްސަލަ ދިރާސާކުރަން ފެށުމާއެކު ސްރީލަންކާ ސުޕްރީމް ކޯޓު ދޮށުގައި ސަލާމަތީ ފިޔަވަޅު ވަރަށް ވަރުގަދަ ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ