ރަށްރަށާއި، ފަޅުރަށް ދޫކުރުމަށްފަހު ލިބޭ ފައިސާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ޖަމާކުރުމުގެ ބަދަލުގައި އެމްއެމްޕީއާރުސީއަށް ޖަމާކުރުމަށް ނިންމަވާ އެކަމަށް ހުއްދަ ދެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އެންގެވުމުގެ މަތިން އެއިރުގެ ބަންޑާރަ ނައިބު ކަމަށް އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ބުނެފިއެވެ.
ޒިޔަތު މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުރީ ސަރުކާރުގެ ޓޫރިޒަމް ސިޔާސަތުގެ ވައުދު ފުއްދުމަށްޓަަކައި ރަށްރަށާއި ފަޅުތައް އެމްއެމްޕީއާރުސީ މެދުވެރިކޮށް ކުއްޔަށް ދިނުމަށް ނިންމެވީ ކުރީގެ ރައީސް ޔާމީން ކަމަށެވެ. އަދި ރަށްރަށާއި، ފަޅުރައް ދޫކުރުމަށްފަހު ލިބޭ ފައިސާ މީރާ އަށް ޖަމާކުރުމުގެ ބަދަލުގައި އެމްއެމްޕީއާރުސީއަށް ޖަމާކުރުމަށް ނިންމަވާ އެކަމަށް ހުއްދަ ދެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އެންގެވުމުގެ މަތިން އެއިރުގެ ބަންޑާރަ ނައިބު ކަމަށެވެ.
ޒިޔަތު ބުނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރިސޯޓް ހެދުމަށްޓަކައި ރަށްތަކާއި، ފަޅުތައް ކުއްޔަށް ދިނުމަށް ކުރެވުނު އެއްމެހާ މުއާމަލާތްތަކުގެ ފުރިހަމަ މައުލޫމާތު ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމަށް ޒިޔަތު ބުނެއެވެ. އަދި މި މުއާމަލާތްތަކުގެ ތަފްސީލުތައް އޭނާއާއި، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ގެންދެވީ އެ މައުލޫމާތު ޔާމީނަށް ދެއްވަމުން ކަމަށާއި، ރަށްތަކާއި ފަޅުތަކުގެ ލީސް އެގްރީމެންޓް ފައިނަލް ކުރެއްވީ ވެސް ޔާމީން ކަމަށް ޒިޔަތު ބުންޏެވެ.
މީގެ އިތުރުން ފިނެފެންމާ ލޯންޗްގެ ހާދިސާގައި ރައީސް އޮފީހަށް އޭނާ ހާޒިރުކޮށް އަދީބާ ދެކޮޅަށް ބަޔާންތަކެއް ދިނުމަށް ޔާމީން އެންގެވި ކަމަށާއި، އޭނާ ހައްޔަރު ކުރެވުނީ ޔާމީން އެންގެވި ގޮތަށް ބަޔާން ދޭން ދެކޮޅު ހެދުމުން ކަމަށް ޒިޔަތު ބުނެއެވެ. އަދި ހައްޔަރު ކުރެވުނު ފަހުން ދޫނިދޫ "ކުޑަގޮޅީގައި" އެކަހެރިކޮށް ބާއްވާ، ދަންވަރު ނެރެ ވަކިގޮތަކަށް ބަޔާން ދިނުމަށް އޭނާ އަށް މަޖުބޫރުކުރުވާ ބަޔާން ނެގި ކަމަށް ޒިޔަތު ވިދާޅުވިއެވެ.
"އަޅުގަނޑު އެމްއެމްޕީއާރުސީގެ އެއްވެސް ޗެކެއް އަދި ޕޭމަންޓެއް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ހަވާލުކޮށްފައި ނުވާނެ. އަދި އެމްއެމްޕީއާރުސީގެ ފައިސާއަށް ހިޔާނަތްތެރިވެފައެއްވެސް ނޯންނާނެ. ބާރުގަދަ ބައެއްގެ ނުފޫޒުގެ ދަށުން ބޭންކް އޮފް މޯލްޑިވްސްއިން ވަނީ އެމްއެމްޕީއާރުސީގެ ޗެކްތައް އެމްެމްޕީއާރުސީގެ ބޯޑުގެ ނިންމުމާއި ބޭންކް އޮފް މޯލްޑިވްސް އިން އަމަލުކުރަމުން އަންނަ އުސޫލްތަކާއި ހިލާފަށް އެހެން ކުންފުނިތަކަށް ޖަމާކޮށްފައިވޭ" ޒިޔަތު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އެމްއެމްޕީއާރުސީ މައްސަލައިގައި ތިން އަހަރުގެ ވެގެން ދިޔައިރު ބަހެއް ނުބުނެ ހުރީ ކުރިމަތިވެދާނެ ނުރައްކަލަކަށް ޖެހިލުންވާތީ ކަމަށް ޒިޔަތު ބުންޏެވެ. އަދި މި ބަޔާން ނެރުމަށް ނިންމީ ސަރުކާރުން އިންސާފު ގާއިމްކޮށްދޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ.
މީގެ އިތުރުން ހިޔާނާތުގެ މައްސަލަ ބެލުމަށް އުފައްދާފައިވާ ކޮމިޝަނަށް ފުރިހަމަ އެއްބާރުލުންދީ ގެއްލިފައިވާ ފައިސާތައް ހޯދުމަށް އެހީތެރިވުމަށް ތައްޔާރަށް ހުރިކަމަށް ޒިޔަތު ބުނެއެވެ. އަދި މި މައްސަލައިގައި އިންސާފުވެރި ޝަރީއަތެއް ހިންގާ އޭނާގެ މައްޗަށް ކުށް ސާބިތުވާނަމަ އެކަމުގެ ހައްގު އަދަބު ލިބިގަތުމަށް ތައްޔާރަށް ހުރިކަމަށް ޒިޔަތު ބަޔާން ނިންމާ ލަމުން ބުނެފައިވެއެވެ.
އެމްއެމްޕީއާރުސީ ފައިސާ ޖަމާކުރުމަށް ހުއްދަ ދިނީ ޔާމީން އަންގަވައިގެން ބަންޑާރަނައިބު: ޒިޔަތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ