މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި، މުޒާހަރާގެ ބައިވެރިންގެ ތެރޭގައި މެމްބަރު އާޒިމް ހިމެނޭ

ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރުކުރުމާ ދެކޮޅަށް ރޭ ކުރި މުޒާހަރާގައި ހައްޔަރުކުރި މީހުންގެ ތެރެއިން، މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހިމެނޭކަން "ހަވީރަ"ށް އެނގިއްޖެ އެވެ. އެނގިފައިވާ ގޮތުގައި، ރައީސް އަބްދުﷲ ޔާމީން ދިރިއުޅުއްވާ، ގ. ދޫވެހި ކައިރި އަށް އެއްވާން އުޅެނިކޮށް ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ، އާޒިމްގެ ކުޑަކަމުދާތަކެތި ވަނީ މަސްތުވާތަކެއްޗަށް ޕޮޮޒިޓިވް ވެފަ އެވެ. އިދިކޮޅު އެމްޑީޕީގެ މެމްބަރު އާޒިމްގެ ބަންދުގެ މުއްދަތު ޖެހުމަށް، މިއަދު މެންދުރުފަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރަން ނިންމާފައިވާ ކަމަށް ވެސް އެވެ. އެހެން ނަމަވެސް، އެއީ ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމާއި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލައިގަ އެވެ. އާޒިމް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި މައްސަލައިގައި ފުލުހުން ވަކި އެއްޗެކޭ ނުބުންޏަސް، ރޭގެ މުޒާހަރާގައި ހައްޔަރުކުރި ބައެއް މީހުން މަސްތުގެ ހާލަތުގައިކަން ތިބިކަން، ތަހުލީލުތަކުން ހާމަވެފައިވާ ކަމަށް ފުލުހުން މިއަދު ބުންޏެވެ. އެހެން ނަމަވެސް، އެ ބަޔާނުގައި، ފުލުހުން އިތުރު ތަފްސީލް ދީފައެއް ނުވެ އެވެ. ފުލުުހުންގެ އަމުރަށް ނުކިޔަމަންތެރިވެގެންނާއި ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސް އެޅޭ ގޮތަށް އަމަލުކޮށްގެން ކަމަށް ބުނެ، މުޒާހަރާގެ ތެރެއިން 10 މީހަކު ރޭ ހައްޔަރު ކުރި އެވެ. އޭގެ ތެރެއިން، އަންހެނަކާއި ކުޑަކުއްޖަކަށް ނަސޭހަތް ދިނުމަށް ފަހު ރޭ ދޫކޮށްލާފައި ވިޔަސް، ބާކީ ތިބި އެންމެން އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލުމާ އެކު، ނަޝީދު އިއްޔެ ހަވީރު ހައްޔަރުކުރުމާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު އިއްޔެ އާއި ރޭ ވަނީ މާލޭގައި މުޒާހަރާކޮށްފަ އެވެ. އެމްޑީޕީ އާއި ޖޭޕީ ގުޅިގެން ބޭއްވި މި މުޒާހަރާގައި ބައިވެރިން އެއްވެފައި ވަނީ ޗާންދަނީމަގު، ސީގަލް ކެފޭ ކަންމައްޗަށާއި ރައީސް ޔާމީންގެ ގެކޮޅު ކައިރި އަށެވެ. އެއްވި މީހުން ކޮންޓްރޯލް ކުރުމަށް ފުލުހުން ޕެޕަ ސްޕްރޭ ޖެހި އިރު، ބައެއް މީހުންނަށް އެކިވަރުގެ އަނިޔާތައް ވެފައިވެ އެވެ. ރޭ ކުރި މުޒާހަރާ ނިންމާލީ ދަންވަރު އެެކެއް ޖަހާކަންހާއިރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ