ވިލިނގިލީ ކޯޓުން ދޫކޮށްލި މީހާ ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި

ގއ. ވިލިނގިއްޔަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ހައްޔަރުކޮށްފައި ހުރި މީހާ އެރަށު ކޯޓުން ދޫކޮށްލާފައި ވަނިކޮށް އޭނާ އަލުން ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ. މިދިޔަ ހަފުތާގައި ކަނޑުމަގުން ވިލިނގިއްޔަށް މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ހައްޔަރުކުރި މީހާ ދޫކޮށްލަން އެރަށު ކޯޓުން އަމުރުކޮށްފައި ވަނިކޮށް އޭނާ އަލުން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކުރީ ވިލިނގިލީ ކޯޓުގެ އަމުރު ބާތިލްކޮށް، އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ސުޕްރީމް ކޯޓުން ކްރިމިނަލް ކޯޓަށް އެންގުމުންނެވެ. ފުލުހުން ބުނީ ސުޕްރީމް ކޯޓުގެ އަމުރު އައުމާ އެކު މިދިޔަ ބުރާސްފަތި ދުވަހު އެ މީހާ އަލުން ހައްޔަރުކުރި ކަމަށާއި އޭނާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން އިއްޔެ އިތުރުކޮށްދީފައިވާ ކަމަށެވެ. އެ މީހާގެ ބަންދާ މެދު އަލުން ގޮތެއް ނިންމަން ސުޕްރީމް ކޯޓުން ކުރި އަމުރުގައިވަނީ ވިލިނގިލީ ކޯޓުގެ އަމުރަކީ ގާނޫނާ ޚިލާފަށް ނެރެފައިވާ އަމުރެއް ކަމަށެވެ. އެހެންވެ އެ މައްސަލައިގެ ލިޔުންތައް 24 ގަޑިއިރުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ފޮނުވަން މިދިޔަ ބުދަ ދުވަހު ނެރުނު އަމުރުގައި އަންގާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ