ތައުލީމީ ދާއިރާގެ އަގުތައް މިދިޔަ މަހު މައްޗަށް ހިނގައްޖެ

މިދިޔަ ޖެނުއަރީ މަހު ރާއްޖޭގައި އަގުތައް އެންމެ މަށްޗަށް ގޮސްފައިވަނީ ތައުލީމީ ދާއިރާއިން ކަމަށް ނޭޝަނަލް ޕްލޭނިންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއަދު ޕްލޭނިން އިން އާންމުކޮށްފައިވާ ކޮންޒިއުމާ ޕްރައިޒް އިންޑެކްސް ގައިވާ ގޮތުން މިދިޔަ މަހުގެ އިންފްލޭޝަން ރޭޓް 0.12 ޕަސެންޓްގައި ހުރިއިރު އިންފްލޭޝަން ރޭޓްގެ 4.58 ޕަސެންޓް ހިއްސާ ކޮށްފައިވަނީވެސް ތައުލީމީ ދާއިރާއިންނެވެ. ޕްލޭނިން ބުނީ ތައުލީމީ ދާއިރާއިން އިންފްލޭޝަންގައި އެންމެ ބޮޑު ބައެއް ހިއްސާ ކޮށްފައި ވަނީ ތައުލީމީ އާ އަހަރު ފެށުމާއި ދިމާކޮށް ސްކޫލްތަކާއި، މަތީ ތައުލީމުގެ ކޯސްތަކުގެ ފީ ބޮޑުވުމުން ކަމަށެވެ.
ޕްލޭނިން ޑިޕާޓްމަންޓުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ވަނީ އޭގެ ކުރީ މަހާ އަޅާ ބަލާއިރު އިންފްލޭޝަން ރޭޓް 0.27 ޕަސެންޓް ދަށްވެފައެވެ. އެގޮތުން މިދިޔަ މަހު 0.12 ޕަސެންޓްފައި ހުރިއިރު އޭގެ ކުރީ މަހު އެ ރޭޓް ހުރީ 0.39 ޕަސެންޓްގައެވެ.
އިންފްލޭޝަންގައި މިދިޔަ މަހު ތައުލީމީ ދާއިރާގެ އަގުތަށް ބޮޑު ދައުރެއް އަދާ ކޮށްފައިވާއިރު، ދެވަނައަށް އެންމެ ބޮޑަށް ހިއްސާ ކުރީ ސިއްހީ ދާއިރާގެ ހިދުމަތްތަކުގެ އަގުތަކެވެ. އެގޮތުން ސިއްހީ ދާއިރާގެ އަގުތައް ވަނީ 0.60 ޕަސެންޓް ހިއްސާ ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ