ކުރިއަށް އޮތް ދެ އަހަރަށް ޖާގަތައް ފުލްވެއްޖެ، މިހާރު ފައިސާ ނަގަނީ 2018 އަށް: ހައްޖު ކޯޕަރޭޝަން

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިއުމުގެ ޖާގަ ކުރިއަށް އޮތް ދެ އަހަރަށް ފުލްވެފައިވާ ކަމަށް އެ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ. ހައްޖު ކޯޕަރޭޝަނުން ބުނީ އެ ކުންފުނީގެ ހަވާލުގައި 2018 ވަނަ އަހަރު ހައްޖަށް ދާން ބޭނުންވާ މީހުންގެ ފައިސާ މިހާރު ބަލައިގަންނަމުންދާ ކަމަށެވެ. ދެހާސް އަށާރަ އަށް ފައިސާ ނަގަން ފެށީ، ހައްޖަށް ފައިސާ ދައްކާފައިވާ މީހުންގެ ތަރުތީބަށް ބަލާއިރު ކުރިއަށް އޮތް ދެ އަހަރުގެ ޖާގަތައް ފުރުމުން ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ. ރާއްޖެ އިން އަހަރަކު 2،000 މީހުން ހައްޖަށް ގެންދިއުމުގެ ޖާގަ ސައުދީ އަރަބިއްޔާ އިން ވަނީ ދީފަ އެވެ. ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މި އަހަރު ވެސް 1،300 މީހުން ހައްޖަށް ދިޔަ އެވެ. ހައްޖު ކޯޕަރޭޝަންގައި ރަޖިސްޓްރީވެ ހައްޖަށް ދާން ފައިސާ ދައްކާފައިވާ މީހުން ހައްޖަށް ދިއުމަށް ފުރުސަތު ލިބޭ އަހަރު އެނގޭ ގޮތަށް މިހާރު ވަނީ ލިސްޓެއް އާއްމުކޮށްފަ އެވެ. އެ ކޯޕަރޭޝަންގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ ލިސްޓުން އެ މީހަކަށް ހައްޖަށް ދެވޭނީ ކޮން އަހަރަކު ކަން އެނގެ އެވެ. "މި ލިސްޓް ތަރުތީބު ކުރެވިފައި ވަނީ ހައްޖު ކޯޕަރޭޝަނުން ހިދުމަތް ހޯދުމުގެ އުސޫލަށް ރިއާޔަތްކޮށް ހައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ ތަރުތީބުންނެވެ،" ހައްޖު ކޯޕަރޭޝަންގެ ބަޔާނުގައިވެ އެވެ. އެތަނުން ބުނިގޮތުގައި ހައްޖު ދަތުރުގެ ޖުމްލަ އަގު އެއްކޮށް ދައްކާ ހަލާސްކޮށްފައިވާ މީހުންނާއި ޖުމްލަ އަގުގެ 75 ޕަސެންޓް ދައްކާފައިވާ މީހުން، ފައިސާ ދެއްކި ތަރުތީބުން ވާނީ ލިސްޓުގައި ހިމަނައިފަ އެވެ. ހައްޖަށް ގެންދިއުމުގެ އަގެއްގެ ގޮތުގައި މި އަހަރު މިނިސްޓްރީން ހުއްދަ ދޫކޮށްފައިވަނީ ބޮލަކަށް 69،969ރ. އެވެ. ހައްޖު ކޯޕަރޭޝަނުން ބުނީ ކޯޓާ އަށް އަންނަ ބަދަލަކުން ޖާގަ ލިބޭ އަހަރު ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ވަކި އަަހަރަކު ހައްޖަށް ދާން ފައިސާ ދައްކާފައި ވަނިކޮށް، ކޯޓާ އިތުރުވެއްޖެ ނަމަ ފައިސާ ދެއްކި އަހަރަށް ވުރެ ކުރިން ޖާގަ ލިބުމުގެ ފުރުސަތު އޮވެދާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ. "ހައްޖުވެރިޔާ ބޭނުންފުޅު ނަމަ ފުރުސަތު ދޫކޮށްލައި ވިދިގެން އަންނަ އަަހަރު ހައްޖަށް ދިއުމަށް ވެސް ފަސްކުރެވިދާނެ އެވެ،" ބަޔާނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ