"ހަވީރު"ގެ އޭޕީއައި ތައާރަފްކޮށްފި

ޚަބަރާއި މައުލޫމާތު ހިމެނޭ އެޕްލިކޭޝަންތައް ޑިވެލޮޕްކުރުމަށް، ފުރަތަމަ ފަހަރަށް ރާއްޖޭގެ މީޑިއާއަކުން ތައާރަފްކުރާ އެޕްލިކޭޝަން ޕްރޮގްރާމިން އިންޓަފޭސް (އޭޕީއައީ) "ހަވީރު"ން މިއަދު ލޯންޗުކޮށްފި އެވެ. އޭޕީއައި އަކީ އެ ފަރާތަކުން ދޭ ހިދުމަތްތައް ބޭނުންކޮށްގެން ތަފާތު އެޕްލިކޭޝަންތައް ތަރައްގީ ކުރުމަށް ޑިވެލޮޕަރުންނަށް ފަސޭހަކޮށް ދިނުމަށް ދޫކުރާ ޕްރޮޓޮކޯލްތަކެކެވެ. ދުނިޔޭގެ މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ކަމަށްވާ ޓްވިޓާ، ފޭސްބުކް އަދި ވިކިޕީޑިއާ ފަދަ ފަރާތްތަކުން އޭޕީއައިގެ ހިދުުމަތް ދެމުންދެ އެވެ. ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ މަގުބޫލް އޮންލައިން ނޫހުން ތައާރަފްކުރި އޭޕީއައި ބޭނުންކޮށްގެން ސްމާޓްފޯންތަކާއި ޓެބްލެޓްތަކަށް ތަފާތު އެޕްލިކޭޝަންތައް ތައްޔާރުކުރެވޭނެ އެވެ. އެގޮތުން، "ހަވީރު"ން އުފައްދާއި ޚަބަރާއި ފޮޓޯތަކުގެ އިތުރަށް ކިޔުންތެރިން ފޮނުވާ ކޮމެންޓްތައް ވެސް "ހަވީރު" އޭޕީއައި މެދުވެރިކޮށް ޑިވެލޮޕަރުންނަށް ލިބޭނެ އެވެ. "ކިޔުންތެރިން ފޮނުވާ ކޮމެންޓް ބެލުމުގެ އިތުރަށް ކޮމެންޓް ކުރެވޭ ގޮތަށް ވެސް އެޕްސްތައް ހެދޭނެ. އަދި ފޮޓޯ ސްޓްރީމަށް ފޮޓޯ ފޮނުވުމާއި ފޮޓޯ އަށް ލައިކްކޮށް ހެދޭ ގޮތަށް ވެސް އެޕްސްްތައް ޑިވެލޮޕްކުރެވޭނެ،" ހަވީރުގެ ޑިވެލޮޕަރު އަހުމަދު އަލީ (އަޖާއިބު) ބުންޏެވެ. "ހަވީރު"ގެ އޭޕީއައި ބޭނުންކުރުމަށް، "ހަވީރު"ގެ ޑިވެލޮޕާސް ސެކްޝަންގައި ރެޖިސްޓްރީ ވާން ޖެހޭނެ އެވެ. އެ ސެކްޝަންގައި ރެޖިސްޓްރީކުރުމުން، "ހަވީރު"ގެ އޭޕީއައި އަށް އެކްސެސް ލިބި، އެ ޑިވެލޮޕަރަކު ތަރައްގީ ކުރަން ބޭނުންވާ އެޕްލިކޭޝަނަކަށް "ހަވީރު"ން ދޭ އައިޑީ އާއި 'އެޕް ސީކްރެޓް' ލިބޭނެ އެވެ. މި އޭޕީއައިގެ ހިދުމަތް މިހާރު ވެސް ލިބެމުން ދާނެ އެވެ. އަދި މިއަދު ހަވީރު 4:00 ގައި މާލޭ ސިޓީ ހޯލްގައި ފަށާ ކިކްސްޓާޓް ހެކަތޯންގައި މި އޭޕީއައިއާ ބެހޭ ޕްރެސެންޓޭޝަނެއް ދޭނެ އެވެ. މި ހެކަތޯންގައި ބައިވެރިވާ ޑިވެލޮޕަރުންނަށް "ހަވީރު"ގެ އޭޕީއައި ބޭނުންކޮށް ގެން ތަފާތު އެޕްލިކޭޝަންތައް ތައްޔާރުކުރެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ