ސިވިލް ސާވަންޓުން ސަލާމް ބުނުމުން އެލަވަންސުން އުނިކުރަންޖެހޭނެ ކަމަށް ބުނާ މާއްދާ ހައި ކޯޓުން ބާތިލްކޮށްފި

ސިވިލް ސާވަންޓުން ސަލާމް ބުނާ ދުވަސްތަކަށް ސާވިސް އެލަވަންސުން ފައިސާ އުނިކުރަންޖެހޭ ގޮތަށް ސިވިލް ސާވިސް ގަވާއިދުގައި އޮތް މާއްދާއަކީ ގާނޫނާ ޚިލާފް މާއްދާއެއް ކަމަށް ކަނޑައަޅައި، އެ މާއްދާ ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ. ސިވިލް ސާވަންޓުން ސަލާމް ބުނާ ދުވަސްތަކަށް ސާވިސް އެލަވަންސުން ފައިސާ އުނިކުރަންޖެހޭ ގޮތަށް އޮންނަ ސިވިލް ސާވިސް ގަވާއިދުގެ 160 ވަނަ މާއްދާގެ ހ. ގެ ދެވަނަ ޖުމްލަ ކޯޓުން ބާތިލްކުރީ އެ މާއްދާ ބާތިލްކުރަން އައްޑޫ ސިޓީ ކައުންސިލްގެ މުވައްޒަފަކު ހުށަހެޅުމުންނެވެ. ހައި ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމުގައިވަނީ އެ މާއްދާގެ ދެވަނަ ޖުމްލައަކީ ގާނޫނު އަސާސީ އާއި ވަޒީފާއާބެހޭ ގާނޫނާ ޚިލާފް ޖުމްލައެއް ކަމަށްވާތީ އެ ޖުމްލަ ބާތިލްކުރާ ކަމަށެވެ. މައްސަލަ ބެލި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު އަލީ ސަމީރު ހުކުމް އިއްވަވަމުން ވިދާޅުވީ ސަލާމް ބުނުމުގެ ހައްގަކީ ވަޒީފާއާ ބެހޭ ގާނޫނުން ކޮންމެ މުވައްޒަފަކަށް ވެސް ލިބިގެންވާ ހައްގަކަށްވާއިރު ސަލާމް ބުނުމުން ސާވިސް އެލަވަންސުން ފައިސާ އުނިކުރުމަކީ މުވައްޒަފުންނަށް ލިބިދޭ ހައްގު ނިގުޅައިގަތުން ކަމަށް ނޫނީ ނުބެލެވޭނެ ކަމަށެވެ. އަދި ވަޒީފާއާބެހޭ ގާނޫނާ ޚިލާފަށް އެއްވެސް ގަވާއިދެއް ނުވަތަ އުސޫލެއް ވެސް ނެހެދޭނެ ކަމަށް އެ ގާނޫނުގައި ބުނާ ކަން ވެސް ފަނޑިޔާރު ސަމީރު ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ސަލާމް ބުނާ ދުވަސްތަކަކީ ވަޒީފާ އަދާކުރާ ދުވަހެކޭ އެއްފަދައިން ބަލައި، ފައިސާ އުނި ނުކުރުމަކީ އެހެން ޑިމޮކްރެޓިކް ގައުމުތަކުގައި ވެސް އަމަލުކުރަމުން އަންނަ އުސޫލެއްކަން ފަނޑިޔާރު ސަމީރު ފާހަގަކުރެއްވި އެވެ. ސަލާމް ބުނުމުގެ ހައްގަކީ ވަޒީފާއާ ބެހޭ ގާނޫނުން ކޮންމެ މުވައްޒަފަކަށް ވެސް ލިބިގެންވާ ހައްގަކަށްވާއިރު ސަލާމް ބުނުމުން ސާވިސް އެލަވަންސުން ފައިސާ އުނިކުރުމަކީ މުވައްޒަފުންނަށް ލިބިދޭ ހައްގު ނިގުޅައިގަތުން ކަމަށް ނޫނީ ނުބެލެވޭނެ-- ހުކުމް ފަނޑިޔާރު ސަމީރުގެ އިތުރުން، އެ މައްސަލަ ބެލި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު ޝުޖާއު އުސްމާނު އަދި ފަނޑިޔާރު އަބްދުﷲ ދީދީ އެވެ. އެ މައްސަލާގައި ދައުލަތުން ވެސް ވަނީ އެގޮތަށް ފައިސާ އުނި ނުކުރެވޭނެ ކަމަށާއި އެ ޖުމްލައަކީ ގާނޫނާ ޚިލާފް ޖުމްލައެއް ކަމަށް ކޯޓުގައި ކުރިން އެއްބަސްވެފަ އެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވެސް ކުރިން ނިންމީ ސަލާމް ބުނެގެން ފައިސާ އުނި ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ސިވިލް ސާވިސް ކޮމިޝަނުން ވަނީ އެ ނިންމުން ގަބޫލު ނުކޮށް، އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. ބަންޑާރަ ނައިބު މުހައްމަދު އަނިލް ވެސް ކުރިން ލަފާ ދެއްވާފައިވަނީ ސަލާމް ބުނާ ދުވަސްތަކަށް ފައިސާ އުނިކުރަންޖެހޭ ބައި، ގަވާއިދުން އުނި ކުރަން ކަމަށްވިޔަސް އެ ލަފައަށް ސިވިލް ސާވިސް ކޮމިޝަނުން އަމަލެއް ނުކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ