މައުމޫން ގާސިމާ ބައްދަލުކުރައްވަނީ
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ ބައްދަލުކުރައްވަމުން އެބަގެންދަވަ އެވެ. ޕީޕީއެމްގެ ރައީސް މައުމޫން ގާސިމާ ބައްދަލުކުރައްވަނީ ގާސިމްގެ ގެ މާފަންނުވިލާގަ އެވެ. މީގެ ބައިގަޑިއެއްހާ އިރު ކުރިން ފެށި ބައްދަލުވުން މި ބާއްވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ގާސިމްގެ ތާއީދު ހޯދުމަށް ޕީޕީއެމް އާއި އެމްޑީޕީން މަސައްކަތްކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ. އެމްޑީޕީގެ ފަރާތުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ މެމްބަރު އިބްރާހިމް މުހަންމަދު ސޯލިހު (އިބޫ) ރޭ ވަނީ ގާސިމާ ބައްދަލުކުރައްވާފަ އެވެ. ނަމަވެސް އެ ބައްދަލުވުމަށް ފަހު ގާސިމާއި ޝާހިދު ވެސް ވިދާޅުވީ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ގާސިމް އެމްޑީޕީ އަށް ތާއީދުކުރެއްވުމާ ބެހޭ ގޮތުން އެއްބަސްވުމަކަށް އަދި ނާދެވޭ ކަމަށެވެ. އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ މުހައްމަދު ނަޝީދާއި ޕީޕީއެމްގެ އަބްދުﷲ ޔާމީނާ ދެ ބޭފުޅުން ކުރެ އެއްވެސް ބޭފުޅަކަށް ތާއީދު ނުކުރަން ޖޭޕީގެ ކައުންސިލުން ވަނީ ނިންމާފަ އެވެ. ގާސިމް ވިދާޅުވެފައި ވަނީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވަން އޭނާ ނިންމެވީ މާޒީގެ ތަޖުރިބާގައި ރައީސުން ކުރާ ގޯސް ކަންތައްތަކުން "ބަދުނާމު" ވަނީ އެ މީހަކު ވެރިކަމަށް ގެންނަން އިސްކޮށް މަސައްކަތްކުރާ ބަޔަކު ކަމަށް ވާތީ ކަމަށެވެ. އިންތިޚާބުގެ ފުރަތަމަ ބުރުން ފެއިލްވި ގާސިމް ރޭ ވިދާޅުވީ ޖޭޕީގެ ނިންމުން ބަދަލުނުވާ ކަމަށާއި ނަމަވެސް ކޮންމެ ކަމަކީ ވެސް ބަދަލުވެދާނެ ކަމެއް ކަމަށެވެ. އެމްޑީޕީގެ ބައްދަލުވުމަށް ފަހު ޕީޕީއެމްގެ ރަނިން މޭޓް މުހައްމަދު ޖަމީލް އަހުމަދާއި އެ ޕާޓީގެ އެހެން ބައެއް ބޭފުޅުން ރޭ ދަންވަރު ގާސިމާ ބައްދަލުކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ