ޓޫރިޒަމް ދާއިރާގެ ތަޖުރިބާ ހޯދައިދޭ ޕްރޮގްރާމެއް ފަށައިފި

ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒްގައި ކިޔަވާ ދަރިވަރުންނަށް ތަމްރީން ޕްރޮގްރާމްތަކެއް ހިންގަން އެ ފެކަލްޓީ އާއި އިންޓަކޮންޓިނެންޓަލް ހޮޓެލްސް ގްރޫޕް (އައިއެޗްޖީ) އެކަޑެމީއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި މިއަދު ގައުމީ ޔުނިވާސިޓީގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ ވައިސް ޗާންސެލާ ހުސެއިން ހަލީމެވެ. ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒްގެ ފަރާތުން ސޮއިކުރެއްވީ އެ ފެކަލްޓީގެ ޑީން ޒީނާޒް ހުސެއިނެވެ. މި ޕްރޮގްރާމް ހިންގަން ހަވާލުވެފައިވާ އައިއެޗްޖީ އެކަޑަމީ ގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ، އެ ގްރޫޕުން ރާއްޖޭގައި ހިންގާ، ހޮލިޑޭއިން ރިޒޯޓް ކަނޑޫމާ މޯލްޑިވްސްގެ ޖެނެރަލް މެނޭޖާ ކްރިސް ބެޓާހަމް އާއި އެ ރިޒޯޓްގެ ޑިރެކްޓާ އޮފް ހިއުމަން ރިސޯސަސް، ޝާހިދް ހުސެއިނެވެ.
މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓާ އޮފް އެޑިއުކޭޝަން ޑރ. އާސިމް އަހުމަދެވެ.
މިނިސްޓަރު އާސިމް މިއަދު ވިދާޅުވީ މިއަދު މި ފެށި ޕްރޮގްރާމަކީ، ފެކްލްޓީ އޮފް ޓުއަރިޒަމްގައި ކިޔަވާ ދަރިވަރުންނަށް، ރާއްޖޭގައި ހިނގާ ދުނިޔޭގެ ފެންވަރުގެ ހޮޓަލެއްގައި ތަޖުރިބާ ކުރުމުގެ ފުރުޞަތު ލިބޭނެ ޕްރޮގްރާމެއް ކަމަށެވެ.
"މަސައްކަތުގެ ތަޖުރިބާ ލިބުމުގެ ފުރުޞަތު ލިބިގެންދާނެ މި ޕްރޮގްރާމުން. އެކުދިންގެ ކިޔެވުމަށް އިތުރު މުއްސަނދިކަން ލިބި އެކުދިންނަށް އަދި ވަޒީފާގެ ފުރުޞަތުވެސް ފަހިވެގެން ދާނެ،" އާސިމް ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓެޕް ޕްރޮގްރާމާ ގުޅުވާލައިގެން، އިންޓާންޝިޕް ތަމްރީނު ޕްރޮގްރާމްތަކެއް ހިންގަން މިއަދު ހަވާލުވި އައިއެޗްޖީ އެކަޑެމީއަކީ ދުނިޔޭގެ 100 ޤައުމެއްގައި 4500 އަށްވުރެ ގިނަ ރިޒޯޓް ހޮޓާ ހިންގާ އިންޓަކޮންޓިނެންޓަލް ހޮޓެލްސް ގްރޫޕްގެ ތަޢުލީމާއި ތަމްރީނާއި ބެހޭ ބައެއެވެ. އެ އެކަޑެމީއިން ބުނީ، މި އެއްބަސްވުމުގެ ދަށުން ދަރިވަރުންނަށް ކަނޑޫމާގައި ފަންނީ ތަމްރީނު ފޯރުކޮށްދޭނެ ކަމަށައި ފުރަތަމަ އިންޓާންޝިޕްގައި ބައިވެރިވާ 13 ދަރިވަރުން އަންނަ މަހުގެ 11 ވަނަ ދުވަހުން ފެށިގެން ރިޒޯޓްގައި އަމަލީ މަސައްކަތަށް ނުކުންނާނެ ކަމަށެވެ.
މި ޕްރޮގްރާމްގައި ފުރަތަމަ ބައިވެރިވާ 13 ކުދިންގެ ތެރޭގައި ހިމެނެނީ، ހައުސް ކީޕިން އާއި، ފުޑް އެންޑް ބެވަރެޖްއާއި، ޕޭސްޓްރީ އަދި ފްރަންޓް އޮފީސްގެ ދާއިރާއިން ކިޔަވާ ކުދިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ