ޖާބިރުގެ ކުންފުންޏާ ބޮޑުމޮހޮރާ ހަވާލުކުރަން ކޯޓުން އަންގައިފި
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރު ހިއްސާވާ ކުންފުންޏަކަށް ދޭން އުޅެނިކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ހުއްޓުވާފައި އޮތް ވ. ބޮޑުމޮހޮރާ، އެ ކުންފުންޏާ ހަވާލުކުރަން ސިވިލް ކޯޓުން މިއަދު ސަރުކާރަށް އަމުރުކޮށްފި އެވެ. ބޮޑުމޮހޮރާ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ސީއެސްއާރު މަޝްރޫއެއް ހިންގާ ގޮތަށް "މެރިން ޓެކްނޮލޮޖީޒް" ކިޔާ ކުންފުންޏަކަށް ދިން ރަށެކެވެ. އެ ގޮތަށް ދޫކުރި ރަށްތަކުގެ އެއްބަސްވުންތަކަށް އަމަލު ނުކުރަން ސަރުކާރުން ނިންމުމުން، އެ ކުންފުނިން ސިވިލް ކޯޓަށް ވެއްދި މައްސަލައިގައި އެ ކޯޓުން ސަރުކާރުގެ މައްޗަށް 2012 ގައި ހުކުމް ކުރީ އެ ރަށުގެ އެއްބަސްވުމަށް އަމަލު ކުރުމަށެވެ. ސަރުކާރުން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށް ފަހު، ފަހުން ވަނީ އެ މައްސަލަ އަނބުރާ ގެނެސް، ސިވިލް ކޯޓުގެ ހުކުމަށް އަމަލުކުރަން ނިންމައިފަ އެވެ. އެ ގޮތުން، ކުރިން ސޮއިކޮށްފައި އޮތް އެއްބަސްވުމާ އެއްގޮތަށް، ބޮޑުމޮހޮރާ އިންވެސްޓްމަންޓްގެ ނަމުގައި މެރިން ޓެކްނޮލޮޖީޒްއާ އެކު ޖޮއިންޓް ވެންޗާ ކުންފުންޏެއް ވެސް ހެދި އެވެ. އެކަމަކު ޖޮއިންޓް ވެންޗާ ކުންފުންޏާ އެ ރަށް ހަވާލުކުރުމަށް ވަކިން ހަދަންޖެހޭ އެއްބަސްވުން ހަދާފައެއް ނުވެ އެވެ. އެ އެއްބަސްވުން ނުހެދި އުޅެނިކޮށް، އޭސީސީން ވަނީ ޖޮއިންޓް ވެންޗާ ކުންފުންޏާ ބޮޑުމޮހޮރާ ހަވާލުކުރުން ހުއްޓާލަން ސަރުކާރަށް އަންގައިފަ އެވެ. އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައަކާ ގުޅިގެން އޭސީސީން އެގޮތަށް އެންގުމުން، ސަރުކާރުން އޮތީ އެ މަސައްކަތް ހުއްޓާލައިފަ އެވެ. އެކަމަކު، ސިވިލް ކޯޓުން 2012 ގައި ކުރި ހުކުމް ތަންފީޒުކޮށް ދިނުމަށް އެދި މެރިން ޓެކްނޮލޮޖީޒް އިން ސިވިލް ކޯޓަށް ހުށަހެޅި އެވެ. އެ މައްސަލައިގައި ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނި ގޮތުގައި އޭސީސީގެ ތަހުގީގު ނިމެންދެން އެ ކޯޓުން ކުރިން ކުރި ހުކުމަށް އަމަލުކުރުން ފަސްކުރަންޖެހޭ ފަދަ ސަބަބެއް ދައުލަތަށް ދެއްކިފައެއް ނުވެ އެވެ. އަދި ކޯޓުގެ ހުކުމެއް ތަންފީޒުކުރުން ފަސްކުރަން މަތީ ކޯޓަކުން އަމުރު ނުކުރާ ހިނދު، އެ ހުކުމަކަށް އަމަލުކުރަން ލާޒިމްވާނެކަން ވެސް ސިވިލް ކޯޓުން ފާހަގަކުރި އެވެ. އެހެންވެ، ބޮޑުމޮހޮރާ ޖޮއިންޓް ވެންޗާ ކުންފުންޏާ ހަވާލުކުރުމުގެ އެއްބަސްވުމުގައި 45 ދުވަހުގެ ތެރޭގައި ސޮއިކުރުމަށް ސިވިލް ކޯޓުން ވަނީ ޓޫރިޒަމް މިނިސްޓްރީ އަށް އަމުރުކޮށްފަ އެވެ. އަދިި އެ އެއްބަސްވުމާ އެއްގޮތަށް އެ ރަށް ޖޮއިންޓް ވެންޗާ ކުންފުންޏާ ހަވާލުކުރުމަށް ވެސް އަންގާފައިވެ އެވެ. މެރިން ޓެކްނޮލޮޖީޒް އަކީ ޓޫރިޒަމް ވިޔަފާރި ކުރައްވާ ޖާބިރުގެ ބޮޑު ހިއްސާއެއް އޮންނަ ކުންފުންޏެކެވެ. ބޮޑުމޮހޮރާގައި ރިސޯޓެއް ހަދަން ކުރިން އެ ރަށް ބީލަމަށް ލީ ނަމަވެސް ކޯޓުގައި ހިނގަމުން ދިޔަ މައްސަލަތަކާ ހުރެ އެކަން ވަނީ ހުއްޓިފަ އެވެ. ވަރަށް ބޮޑު ފަޅެއް އޮންނަ އެ ރަށަކީ މީގެ ކުރިން މެރިކަލްޗަގެ ބައެއް މަސައްކަތްތައް ވެސް ސަރުކާރުން ހިންގި ރަށެކެވެ. އެ ރަށުގެ ފަޅު ހިއްކައިގެން ހައުސިން ޕްރޮޖެކްޓެއް ހިންގުމަށް ވެސް މަސައްކަތް ކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ