ރީނީއަށް ފަތްކޮޅު އެރުވުން ހުއްޓުވަން ސުޕްރީމް ކޯޓުން އަމުރު ނެރުނު މައްސަލަ ބަލަން ފަށައިފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެންބަރު ކަމަށް ރައްޔިތުންގެ މަޖިލީހުން އައްޔަނުކުރައްވާފައިވާ ރީނީ އަބްދުއްސައްތާރަށް ފަތްކޮޅު އެރުވުން ހުއްޓުވުމަށް ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އަމުރު ނެރުނު މައްސަލަ ތަހުޤީގު ކުރަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
ވީނިއުސްއަށް މިއަދު މައުލޫމާތު ދެއްވަމުން އޭސީސީގެ ރައީސް ޙަސަން ލުތުފީ ވިދާޅުވީ ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ މައްސަލަ ބަލަން އޭސީސީން ނިންމީ މިއަދު ބޭއްވި އެކޮމިޝަނުގެ ބައްދަލުވުމެއްގައި ކަމަށެވެ. ސުޕްރީމް ކޯޓުން ނެރުނު އަމުރެއް އޭސީސީން ބަލަނީ ކީއްވެގެންތޯ ދެންނެވުމުން ލުތުފީ ވިދާޅުވީ ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި އެކޯޓުގެ ފަނޑިޔާރެއް ކަމަށްވާ އަލީ ހަމީދުގެ މަސްލަހަތެއް އޮތުމުން ފަނޑިޔާރު އަލީ ހަމީދު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން މީހަކަށް ފައިދާއެއް ހޯދާ ދިނުމަށާއި އަމިއްލައަށް ފައިދާތަކެއް ހޯދައިގަތުމަށް މަސައްކަތްކޮށްފައިވާ ކަމަށް އޭސީސީއަށް ޤަބޫލުކުރެވޭ ކަމަށެވެ.
"ނިކަން ބައްލަވާ ސީއެސްސީން ވަކިކުރުމަށް މަޖިލީހުން ނިންމާފައިވާ މުޙައްމަދު ފަހްމީ ހަސަން އެބަ އިންނަވާ ޖޭއެސްސީގައި. ޖޭއެސްސީ އިން އެބަ ބަލަމުންގެންދޭ ފަނޑިޔާރު އަލީ ހަމީދުގެ މައްސަލަތަކެއް. މަޖިލީހުން ވަނީ ފަހްމީ މަޤާމުން ވަކިކުރައްވާފައި. މަޖިލީހުގެ ނިންމުން ބާތިލްކޮށް ސުޕްރީމް ކޯޓުން ނެރުނު އަމުރު ނެރެފައިވަނީ އަލީ ހަމީދު ބައިވެރިވެގެން. ޖޭއެސްސީގައި ފަހްމީ އެބަ ދިފާއުކުރައްވާ އަލީ ހަމީދުގެ މައްސަލަ. އަލީ ހަމީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އިންނަވައިގެން އެބަ އެކޯޓުގައި ހިނގާ ފަހްމީގެ މައްސަލަ ދިފާއުކުރައްވާ. ފަހްމީ ސިވިލް ސާވިސްގެ މަޤާމުން ވަކިކޮށްފިނަމަ ޖޭއެސްސީ އިން އެބަ ވަކިވެ. އެހެންކަމުން ފަހްމީ ވަކިވެއްޖެނަމަ އަލީ ހަމީދަކަށް ޔަޤީންކަމެއް ނެތް ދެން ޖޭއެސްސީއަށް އަންނަ ބޭފުޅަކު އޭނާ ދިފާއުކޮށް ވޯޓްދޭނެ ކަމަކަށް. އެހެންކަމުން ވަރަށް ބޮޑަށް މަޤާމުން ނުފޫޒު އޮތް ކަމަށް ބެލެވޭތީ ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ މައްސަލަ މިބަލަނީ" ލުތުފީ ވިދާޅުވިއެވެ.
ސީއެސްސީގެ މެންބަރު ކަމަށް ރީނީ އަބްދުއްސައްތާރު އައްޔަނުކުރުން ހުއްޓުވުމަށް މިމަހުގެ 15 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ސޮއިކުރައްވާފައިވަނީ އެކޯޓުގައި ތިއްބަވާ ހަތް ފަނޑިޔާރުންގެ ތެރެއިން ހަތަރު ފަނޑިޔާރުންނެވެ. އެއީ އަލްއުސްތާޒް އަބްދުﷲ ސައީދުއާ، އަލްއުސްތާޒް އަލީ ހަމީދުއާ، އަލްއުސްތާޒް އާދަމް މުހައްމަދުއާ އަދި ޑރ. އަހްމަދު އަބްދުﷲ ދީދީއެވެ.
ސުޕްރީމް ކޯޓުން ނެރުނު މިއަމުރާ ގުޅިގެން އުއްތަމަ ފަނޑިޔާރު އަލްއުސްތާޒް އަޙްމަދު ފާއިޒް ޙުސައިން އެ ދުވަހުގެ ރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ސީއެސްސީގެ މެންބަރު ކަމަށް ރައްޔިތުންގެ މަޖިލީހުން އައްޔަނުކުރައްވާފައިވާ ރީނީ އަބްދުއްސައްތާރަށް ފަތްކޮޅު އެރުވުން ސުޕްރީމް ކޯޓުން އަމުރެއް ނެރެ ހުއްޓުވާފައިވާއިރު، އުއްތަމަ ފަނޑިޔާރަށާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ އިތުރު ދެ ފަނޑިޔާރުން ކަމުގައިވާ އަބްދުﷲ އަރީފާއި އަދި މުއުތަސިމް އަދުނާނަށް އެކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.
މިބަޔާނުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނެރުނު އަމުރަކީ އެމަނިކުފާނަށް އެއްވެސް ވަރަކަށް އެނގުމެއްނެތި އަދި އެފަދަ އަމުރުތައް ސުޕްރީމް ކޯޓުގެ ނަމުގައި ނެރުމަށް ކަނޑައެޅިފައިވާ ޕްރޮސީޖާއާ އުސޫލުތަކާއި ޚިލާފަށް ހަމައެކަނި އެއަމުރުގައި ސޮއިކުރައްވާފައިވާ ފަނޑިޔާރުން ނެރުއްވާފައިވާ "އެއްޗެއް" ކަމަށެވެ.
ސުޕްރީމް ކޯޓުން ނެރުނު އަމުރެއް އޭސީސީން ބަލަން ފެށުމުން ސުޕްރީމް ކޯޓުން ތަހުޤީގު ހުއްޓުވައިފިނަމަ އަމަލުކުރައްވާނީ ކިހިނެއްތޯ ދެންނެވުމުން އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ އޭސީސީން ބަލަމުންދާ މައްސަލައެއް ހުއްޓުވުމަކީ ޤަބޫލުކުރައްވާ ކަމެއް ނޫން ކަމަށާއި، ނަމަވެސް ކޯޓް ހުކުމެއް ނުވަތަ އަމުރެއް އޭސީސީގެ މައްޗަށް ނެރެފިނަމަ އެއަމުރަކަށް ނުވަތަ އެހުކުމަކަށް ތަބާވާންޖެހޭނެ ކަމަށެވެ.
"އެކަމަކު އަޅުގަނޑު ޤަބޫލެއް ނުކުރަން އޭސީސީ އިން ސުޕްރީމް ކޯޓުގެ މައްސަލައެއް ބަލަމުންދަނިކޮށް އެކޯޓުން އަމުރެއް ނެރެ އޭސީސީގެ ތަހުޤީގު ހުއްޓުވުމަކީ ރަގަޅު ގޮތެއް ކަމަކަށް. އޭގެ ބަދަލުގައި އޭސީސީގެ ތަހުޤީގު ހުއްޓުވަންޖެހޭނީ އެހެން ކޯޓަކުން ކަމަށް ޤަބޫލުކުރެވެނީ" ލުތުފީ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ