ރިޔާސީ ކެންޑިޑޭޓުންގެ ނަމްބަރު ތަރުތީބުކޮށްފި

އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ރިޔާސީ ކެންޑިޑޭޓުންގެ މެދުގައި އެ ބޭފުޅުންގެ ކެންޑިޑޭޓް ނަމްބަރު މިއަދު ތަރުތީބުކޮށްފި އެވެ.
މިއަދު މެންދުރު 1:00 ޖެހި އިރު އިލެކްޝަންސްގައި އޮތް ގުރުއަތު ނެގުމުގައި ނަމްބަރު އެކެއް ލިބިވަޑައިގެންނެވީ ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމަށެވެ. ކެންޑިޑޭޓް ނަމްބަރު ދޭއް ލިބި ވަޑައިގެންނެވަނީ އަމިއްލަ ގޮތުން ވާދަ ކުރައްވާ މިހާރުގެ ރައީސްގެ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ.
ކެންޑިޑޭޓް ނަމްބަރު ތިނެއް ލިބި ވަޑައިގެންނެވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށެވެ. ނަމްބަރު ހަތަރެއް ލިބި ވަޑައިގެންނެވީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދަށެވެ.
ގުރުއަތުގައި ރިޔާސީ ކެންޑިޑޭޓް ގާސިމާއި ޔާމީން ބައިވެރިވެ ވަޑައިގެންނެވި އިރު ނަޝީދާއި ވަހީދުގެ ބަދަލުގައި ވަޑައިގެންނެވީ އެހެން އެހެން ދެ ބޭފުޅުންނެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓު ނެގުން އޮންނާނީ ސެޕްޓެމްބަރު މަހު 7 ވަނަ ދުވަހު އެވެ. މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 239،593 އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ