ކައުންސިލް މެމްބަރު ޝުޖާއު ދޭންޖެހޭ މިލިއަނެއްހާ ރުފިޔާގެ މައްސަލައެއް ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށްފި

މާލޭ ސިޓީ ކައުންސިލްގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު މީހަކަށް ދޭންޖެހޭ މިލިއަނަކަށް ވުރެ ގިނަ ރުފިޔާ މައްސަލަ އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށްފި އެވެ. ޝުޖާއުގެ ފަރާތުން އިލްތިމާސްކޮށްފައިވަނީ ހ. ހިރިފުށި ހާމިދު އިސްމާއިލަށް 1.3 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިނުމަށް ޝުޖާއުގެ މައްޗަށް 2011 ވަނަ އަހަރު ސިވިލް ކޯޓުން ކުރި ހުކުމަށް ތާއީދުކޮށް ހައި ކޯޓުން ކޮށްފައިވާ ހުކުމެވެ. އެ ފައިސާ ހޯދުމަށް ހާމިދުގެ ފަރާތުން ސިވިލް ކޯޓުގައި ކުރި ދައުވާގައިވަނީ އަނބުރާ ދައްކާ ގޮތަށް 2.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ނެގި ކަމަށާއި އަދި އޭގެ ތެރެއިން ވަކި އަދަދެއް ދެއްކުމަށްފަހު ބާކީ އޮތް 1.3 މިލިއަން ރުފިޔާ ނުދޭ ކަމަށެވެ. އެ ފައިސާތައް ދެއްކުމަށް ސިވިލް ކޯޓާއި ހައި ކޯޓުން ކޮށްފައިވާ ހުކުމް ޝުޖާއުގެ ފަރާތުން އިލްތިމާސް ކުރުމުން އެ މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް ސުޕްރީމް ކޯޓުގައި މިއަދު ވެސް ތާވަލްކުރި އެވެ. ނަމަވެސް އިދާރީ ސަބަބަކާ ހެދި އެ އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ. ނަހަމަ ގޮތުގައި ކަސްބީ އަންހެނުންތަކަކާ ގުޅުން ހިންގުމުގެ ތުހުމަތު ކުރެވިފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވެސް އެ މައްސަލަ ބަލާ ބެންޗުގައި އިންނަވަ އެވެ. ޝުޖާއުގެ ފަރާތުން ހައި ކޯޓުގައި ބުނެފައިވަނީ އޭނާ ދައްކަންޖެހޭ ކަމަށް ކޯޓުން ހުކުމްކޮށްފައިވަނީ ސައްހަ އަދަދެއް ނޫން ކަމަށެވެ. އެގޮތުން ޝުޖާއުގެ ހިއްސާ އޮންނަ ކާޓިއުންސް ޕްރައިވެޓް ލިމިޓެޑުން މާސިޑީޒް ބެންޒް ކާރެއް ހާމިދަށް ވިއްކާފައިވާ ކަމަށާއި އެއީ އޭނާ ހާމިދަށް ދޭންޖެހޭ ފައިސާގެ ތެރެއިން ކެނޑޭގޮތަށް ވިއްކި ކާރެއް ކަމަށް ބުންޏެވެ. ނަމަވެސް ހައި ކޯޓުގެ ހުކުމުގައިވަނީ އެ ކާރު ހާމިދަށް ވިއްކާފައިވަނީ އެ ދަރަނިން ފައިސާ ކެނޑޭގޮތަށް އެއްބަސްވެގެންކަން ސާބިތުނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ