އިތުރު ދެ ޕާޓީއެއް ޖުމްހޫރީ ޕާޓީއާ ގުޅޭނެ: ގާސިމް

ސެޕްޓެމްބަރު 7 ގައި ބާއްވާ ރިޔާސީ އިންތިހާބަށް އިތުރު ދެ ޕާޓީއެއް ޖުމްހޫރީ ޕާޓީގެ ކޯލިޝަނާ ގުޅޭނެ ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ. ޓީވީއެމް ކައިރީގައި ހަދާފައިވާ ޖުމްހޫރީ ޕާޓީގެ "ގަލޮޅު ކަންމަތީ ޖަގަހަ" ހުޅުވުމުގެ ރަސްމިއްޔާތުގައި ގާސިމް ވިދާޅުވީ އޭނާގެ ޕާޓީ އާއި ކޯލިޝަންގެ ހަރަކާތްތައް މާލޭގައި ވެސް ގިނަވަމުން އަންނަ ކަމަށާއި ޖަގަހަތައް ވެސް އިތުރުވަމުންދާ ކަމަށެވެ. އަދި މާލޭގެ ޒުވާނުން އިސްނަގައިގެން ޖުމްހޫރީ ޕާޓީއާ ބައްދަލުކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޖުމްހޫރީ ޕާޓީގެ ކޯލިޝަނާ އިތުރު ދެ ޕާޓީއެއް ގުޅޭނެ ކަމަށް ގާސިމް ވިދާޅުވިޔަސް އެއީ ކޮން ޕާޓީތަކެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ. ރާއްޖޭގެ އެންމެ ބޮޑު އެއް މަހުޖަން އަދި އިއްޔެ ރޭ ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތ ް ލިބިވަޑައިގެންނެވި ގާސިމްގެ ޖުމްހޫރީ ޕާޓީއާއެކު މިހާތަނަށް ކޯލިޝަން ހަދާފައިވަނީ އޭނާގެ ރަނިން މޭޓް ޑރ. ހަސަން ސައީދުގެ ގައުމީ ޕާޓީ އާއި އަދާލަތު ޕާޓީ އެވެ. މާލޭގައި ޖުމްހޫރީ ޕާޓީގެ ދެވަނަ ޖަގަހަ ހުޅުވައިދެއްވުމަށް ގާސިމް ވަޑައިގަތީ މިނިވަން ދުވަހުގެ މުނާސަބަތުގައި ދާރުލްއާސާރުގައި ރައީސް މުހައްމަދު ވަހީދު މިރޭ ބާއްވަވާ ހާއްސަ ހަފްލާއަށް ވަޑައިގެންނެވި މަގުމަތީގަ އެވެ. ވަގުތު ކުޑަވުމުގެ ސަބަބުން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދިޔައީ ދެތިން މިނެޓަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ