އަގު ވަޒަން ނުކުރިޔަސް ދެމިހުންނާނީ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި:ގާސިމް

ކުރާ ހިދުމަތުގެ އަގު ވަޒަން ކުރިޔަސް ނުވަތަ ނުކުރިޔަސް ދެމިހުންނަވާނީ ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގައި ކަމަށް ވިލާ ފައުންޑޭޝަންގެ ބާނީ އަދި ވިލާ ގްރޫޕުގެ ޗެއާރމަން ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މެލޭޝިއާގެ އޯޕަން ޔުނިވާސިޓީއިން ގާސިމަށް އެރުވި އޮނަރަރީ ޑޮކްޓްރޭޓް އޮފް އެންޓާޕްރިނާޝިޕް އާ ހަވާލުވެ ވަޑައިގެންނެވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގެން އިބްރާހިމް ނާސިރު އިންޓާނޭޝަނަލް އެއާޕޯޓުގައި ހުންނަވައިގެން ނޫސްވެރިންނަށް ދެއްވި ބަސްދީގަތުމުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ މިފަދަ ކަމެއް ލިބުނަސް ނުލިބުނަސް އިހުސާސްތައް ހުރީ އެއްގޮތަކަށްކަމަށެވެ.
" އެހެނީ ހިދުމަތް ކުރަނީ އިންސާނިއްޔަތަށް. ގައުމުގެ ކުރިއެރުމަށާއި އަދި އެއީ އަމިއްލަ ދިރިއުޅުމަށް ކުރާ ކަމަކަންވާތީ. ނަމަވެސް މިފަދަ ކަމެއް ލިބުމުން ހިތްވަރު ލިބި ހިތްހަމަޖެހޭ،" އޮނަރަރީ ޑޮކްޓްރޭޓް އެރުވުމާބެހޭ ގޮތުން ގާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން ގާސިމް ވިދާޅުވީ ކާމިޔާބަށް ވާސިލް ވުމަށް ނުވަތަ އެހާ ހިސާބަށް ދިއުމަށްޓަކައި އޮންނަ އުސޫލުގެ މަތިން ގިނަގުނަ މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި ކޮންމެހެން ފޮތް ހިފައިގެން ޔުނިވާސިޓީއަށް ގޮސް ނުކިޔެވިނަމަވެސް މަސައްކަތް ކޮށްފިނަމަ އެހިސާބަށް ވާސިލް ވެވޭނެ ކަމަށާއި ގާސިމަކީ އެކަމުގެ ހެއްކެއް ކަމަށެވެ.
އިބްރާހިމް ނާސިރް އިންޓާނޭޝަނަލް އެއާޕޯޓުން ގާސިމަށް މަރުހަބާ ދަންނަވާފައިވަނީ ވިލާ ފައުންޑޭޝަންގެ އެކި ގޮފިތަކުގެ އިސްވެރިންނާއި މުވައްޒަފުންނާއި ވިލާ ކޮލެޖުގެ ބޭފުޅުންނާއި އަދި ޖުމްހޫރީ ޕާޓީގެ ގިނަ އަދަދެއްގެ އިސްވެރިންނާއި ރައްޔިތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ