ޖީއެމްއާރުގެ މައްސަލަ ކޯޓުން ބޭރުން ހައްލުކުރަން ދަނީ ވާހަކަ ދައްކަމުން: ރައީސް ޔާމީން

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ހިންގި އިންޑިއާގެ ޖީއެމްއާރު ކުންފުނީގެ އެގްރީމަންޓް ދިވެހި ސަރުކާރުން އުވާލި މައްސަލަ ކޯޓުން ބޭރުން ހައްލު ކުރަން އެ ކުންފުނީގެ އޮފިޝަލުން ދިވެހި ސަރުކާރާ އެކު ވާހަކަ ދައްކަމުން އަންނަ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު އިންޑިއާގައި ވިދާޅުވެއްޖެ އެވެ. އިންޑިއާގެ އިސް ވިޔަފާރިވެރިންނާ އެކު ރައީސް ޔާމީން މިހާރު ކުރިއަށް ގެންދަވާ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވި ގޮތުގައި ޖީއެމްއާރުގެ އޮފިޝަލުން ދިވެހި ސަރުކާރާ އެކު ވާހަކަ ދައްކަނީ ދެ ފަރާތަށް އެއްބަސްވެވޭ ގޮތަަކަށް މައްސަލަ ނިންމުމަށެވެ. "ވާހަކަ ދައްކައިގެން ހައްލު ނުކުރެވޭނެ ކަމެއް ނެތް ކަމަށް އަޅުގަނޑުގެ ސަރުކާރުން ދެކެނީ،" ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ އެހެން ދާއިރާތަކުގައި އިންވެސްޓް ކުރަން ޖީއެމްއާރަށް އާދެވޭނެ ކަމަށާއި އެކަމަކު އެއާޕޯޓް ތަރައްގީ ކުރާނީ ދިވެހި ސަރުކާރުން ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި އެެއާޕޯޓްގެ ބައެއް ވިޔަސް ބޭރުގެ ބަޔަކަށް ދޫކުރާނެތޯ ނުވަތަ ނޫންތޯ ކަނޑައަޅާނީ މިހާރު އާބިޓްރޭޝަންގައި އޮތް ޖީއެމްއާރުގެ މައްސަލަ ނިންމުމުންނެވެ. "ސަރުކާރުގެ ވިސްނުމަކީ ސަރުކާރުން އެއާޕޯޓް ތަރައްގީ ކުރުން،" ރައީސް ޔާމީން ވިދާޅުވި އެވެ. އިންޑިއާގެ ރައީސްގެ ދައުވަތަކަށް އިއްޔެ އެ ގައުމަށް ފުރާވަޑައިގަތުމުގެ ކުރިން ރާއްޖޭގެ ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ވެސް ރައީސް ޔާމީން ވިދާޅުވީ އެއާޕޯޓް އަނބުރާ ޖީއެމްއާރަށް ދޫކުރުމަކީ ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށެވެ. އަދި އިންޑިއާ އަށް ވަޑައިގެން ވެސް އެމަނިކުފާނު ވަނީ އެ ވާހަކަ ތަކުރާރު ކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ