އަޅުގަނޑު މަޑުމިކުރަނީ ގޭޓް ހުޅުވެންދެން – އުމަރު

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ކުރިން އިޢުލާނު ކޮށްފައިވާ މި ސަރުކާރުގެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، ރިޔާސީ ރޭހުގައި ވާދަ ނުކުރައްވާނެކަމަށް ބައެއް ފަރާތްތަކުން ފަތުރަމުންދާ އަޑުތައް އުމަރު ނަސީރު ދޮގުކޮށްފިއެވެ.
އުމަރު ނަސީރު "ވަގުތު" އަށް ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރައްވަން ނިންމަވާފައި ނުވާ ކަމަށާއި، ކެމްޕެއިންގެ ކަންކަން ކުރައްވަމުން ގެންދަވާ ކަމަށެވެ.
"ނޫން ނޫން އެއީ (ވާދަ ނުކުރައްވާނެ ކަމަށް ދެކެވޭ ވާހަކަ ތަކަކީ) ދޮގެއް، އަޅުގަނޑު އެކަހަލަ ކަމެއް ނިންމައިފިއްޔާ އިޢުލާން ކުރާނަން އިނގޭތޯ." އުމަރު ނަސީރު ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކަށް ކެންޑިޑޭޓަކު ދެއްކުނީ އަދި ކިރިޔާ ކަމަށާއި، ކެމްޕެއިންގެ ކަންކަން އުމަރުގެ ޓީމުން މަޑު މަޑުން ކުރައްވަމުން ގެންދަވާކަމަށްވެސް އުމަރު ނަސީރު ވިދާޅުވިއެވެ.
"ކެމްޕެއިން އަޅުގަނޑު އަދި ވަރަށް މަޑުން މިގެންދަނީ، އަދި ކިރިޔާ ދެއްތޮ އިދިކޮޅު ފަރާތްތަކަށް ކެނޑިޑޭޓަކު ހޯއްދެވުނީ. އެހެންވީމަ އެބޭފުޅުން ގެންދަވާނެ، އަޅުގަނޑުވެސް ގެންދާނަން." އިދިކޮޅު ފަރާތްތަކުގެ ސިޔާސީ ހަރަކާތްތަކާ ގުޅޭގޮތުން ސުވާލު ދެންނެވުމުން އުމަރު ވިދާޅުވިއެވެ.
އުމަރު އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ ސިޔާސީ މަސައްކަތްތަށް މަޑު ކުރައްވައިގެން ހުންނެވީ "ގޭޓް ހުޅުވެންދެން" ކަމަށެވެ.
"ގޭޓް ހުޅުވެންދެން އަޅުގަނޑު މި މަޑުކުރަނީ. މިވިދާޅުވީ އިންތިޚާބަށް ހުޅުވާލަންދެނޭ. އަޅުގަނޑަކީ މިނވަން ކެންޑިޑޭޓަކަށް ވާތީ ސިޔާސީ ޕާޓީއެއް ނޯންނާތީވެ ކެމްޕެއިންކުރުމުގެ ޖާގަ ކުޑަވާނެ އިންތިޚާބަށް ހުޅުވާލުމުގެ ކުރިއަށް. އަޅުގަނޑުމެންނަކަށް ކެމްޕެއިން ކުރަން ވެނިއު އެއްވެސް ނުލިބޭނެ، ތަންތަން ހުއްދައެއްވެސް ނުލިބޭނެ. އިންތިޚާބަށް ހުޅުވާލައި ކެންޑިޑެންސީ ލިބުނީމަ މިނިވަން ކެންޑިޑޭޓުންނަށް ޖާގަ ލިބޭނީ." އުމަރު މަޑު ކުރައްވައިގެން ހުންނެވި ސަބަބު ތަފްސީލު ކޮށްދެއްވަމުން ވިދާޅުވިއެވެ.
މިއަހަރުގެ ސެޕްޓެމްބަރ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ މި ހިނގާ ޖުލައި މަހުގެ 15 އިން 25 އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ