ސުޕްރީމް ކޯޓަށް ހުކުމް ރިވިއުކުރެވޭނެތޯ ސުވާލު އުފައްދައިފި

ސުޕްރީމް ކޯޓުން ނިންމާ ނިންމުންތަކަކީ އެންމެފަހުގެ ނިންމުންތަކަށްވާއިރު އެއްވެސް ސަބަބެއް ނެތި ހުކުމްތައް އަލުން ރިވިއުކުރުމަކީ ޝަރުއީ ނިޒާމްގެ އުސޫލުތަކާ ހިލާފު ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ބަންޑާރަ ނައިބުގެ ފަރާތުން މިއަދު ބުނެފި އެވެ.
ސުޕްރީމް ކޯޓުގެ ފުލް ބެންޗުން މިދިޔަ މަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރުގައި މިހާރު ބާތިލު ނުކޮށް ހުރި ބައިތައް ބާތިލު ކޮށްދިނުމަށް އެދި ބަންޑާރަ ނައިބުގެ އޮފީހުން އެ ކޯޓަށް ވަނީ ދުސްތޫރީ މައްސަލައެއް ވައްދާފަ އެވެ. އެ މައްސަލާގައި މިއަދު ބޭއްވީ ފުރަތަމަ އަޑުއެހުމެވެ. އަޑުއެހުމުގައި ބަންޑާރަ ނައިބުގެ ފަރާތުން ވަނީ އަމުރުގައިވާ ގާނޫނީ މައްސަލަތައް ފާހަގަކުރައްވާފަ އެވެ.
އެގޮތުން ބަންޑާރަ ނައިބުގެ ވަކީލް މައާޝާ ލުތުފީ އެންމެ ބޮޑަށް ފާހަގަކުރެއްވީ ފްލޯ ކްރޮސިންއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު ނެރުއްވި ހުކުމް ރިވިއުކޮށްފައިވަނީ އެއްވެސް ސަބަބެއް އޮވެގެން ނޫން ކަމެވެ. މައާޝާ ވިދާޅުވީ އެ ހުކުމަކީ ގާނޫނީ މައްސަލަތަކަށް ހައްލު ހޯދުމަށް ބަންޑާރަ ނައިބު އެދިގެން ސުޕްރީމް ކޯޓުން ނެރެދިން އަމުރެއް ކަމަށެވެ. އެއީ ރައްޔިތުންގެ މަޖިލީހަށް އެކި ނުފޫޒުތައް ވަދެ، މަޖިލީހުގެ މެންބަރުން ރިޝްވަތުގެ ފައިސާގައި ހިފަމުންދާތީ އެކަމަށް ހައްލެއް ހޯދުމަށް ކަމަށެވެ.
ސުޕްރީމް ކޯޓުގެ ހުކުމުން ހައްލުތައް ހޯދައިދިނުމަށްފަހު ގާނޫނީ އެހެން ހައްލެއް މައްސަލައަށް ނުލިބެނީސް ހުކުމް ބާތިލުކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް މައާޝާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ހައްލު ހޯދުމަށް އެދުނު މައްސަލަތައް އަދިވެސް އެގޮތުގައި އެބަހުރި ކަމަށާއި އޭގެ ފަހުން ވެސް މެންބަރުންގެ ރިޝްވަތުގެ މައްސަލަތަކެއް ފެންމަތިވެ މިހާރު ބައެއް މެންބަރުންނަށް ދައުވާ ވެސް ކޮށްފައިވާ ކަމަށެވެ.
މައާޝާ ވިދާޅުވީ ގާނޫނު އަސާސީގައިވާ ގޮތުން ކޯޓެއްގެ އަމުރެއް ނުވަތަ ހުކުމެއް ރިވިއު ކުރެވޭނީ ނުވަތަ ބާތިލުކުރެވޭނީ އެ ހުކުމެއް ނެރުނު ކޯޓަށްވުރެ މަތީ ކޯޓަކަށް ކަމަށެވެ. އަދި ސުޕްރީމް ކޯޓަކީ އަދުލް އިންސާފުގެ ދާއިރާގައި އެންމެ މަތީ ކޯޓު ކަމާއި އެ ކޯޓުގެ ނިންމުމަކީ އެންމެފަހުގެ ނިންމުން ކަމަށެވެ. އެހެންވެ، ސުޕްރީމް ކޯޓުގެ ހުކުމެއް އެއްވެސް އެކަށީގެންވާ ސަބަބެއް ނެތި މައްސަލާގައި ހިމެނޭ ފަރާތްތަކަށް އެންގުމަކާނުލާ ސުޕްރީމް ކޯޓަށް ބާތިލުކުރެވޭނެ ކަމަށް ނުދެކޭ ކަމަށެވެ.
އެއާ ގުޅިގެން ފަނޑިިޔާރުންގެ ބެންޗުން ވަނީ ބަންޑާރަ ނައިބުގެ ވަކީލާ ސުވާލުތަކެއް ކުރިމަތިކުރުވާފަ އެވެ. ސުޕްރީމް ކޯޓުގެ ހުކުމެއް ސުޕްރީމް ކޯޓަށް ރިވިއު ނުކުރޭނެ ކަމަށް ގާނޫނު އަސާސީގެ އެއްވެސް މާއްދާއެއްގައި އަދި އެ ނޫން ވެސް އެއްޗަކުން ސާފުކޮށް ބަޔާންވޭތޯ އެއްސެވި އެވެ.
އެއަށް ޖަވާބު ދެއްވަމުން މައާޝާ ލުތުފީ ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމްތައް ސުޕްރީމް ކޯޓަށް ރިވިއު ކުރެވޭނެ ކަމަށް ވެސް ނުވަތަ ނުކުރެވޭނެ ކަމަށް ވެސް ގާނޫނު އަސާސީގައި ބުނެފައިވާ ނުވާ ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ނިންމުމަކީ އެންމެފަހުގެ ނިންމުން ކަމަށް ބުނެފައިވާ ކަމަށެވެ. މައާޝާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމްތައް ރިވިއު ކުރާނެ ގޮތުގެ އުސޫލެއް ވެސް ނެތް ކަމަށެވެ.
ދެން ވެސް ފަނޑިޔާރުން ވަނީ އެކަމާ ގުޅޭ ގޮތުން ތަކުރާރުކޮށް ސުވާލު ކުރިމަތިކުރައްވާފަ އެވެ. އިތުރު ތަފްސީލް ދެއްވަމުން މައާޝާ ވިދާޅުވީ ބަންޑާރަ ނައިބުގެ ފަރާތުން ފާހަގަކުރައްވަނީ ފްލޯ ކްރޮސިންއާ ގުޅޭ ހުކުމް ރިވިއު ކުރީ ކުރަން ޖެހޭ ހާލަތެއްގަ ނޫން ކަމާއި އާންމު އުސޫލުން ސުޕްރީމް ކޯޓަށް ހުކުމްތައް ރިވިއު ނުކުރެވޭނެ ކަމަށް ފާހަގަނުކުރާ ކަމަށެވެ. ނަމަވެސް އެކަމަށް ވެސް އުސޫލެއް އެކުލަވާލައި ރިވިއު ކުރާނީ ކޮން ހާލަތްތަކެއްގައިކަން އެނގެން އޮންނަންޖެހޭކަން މައާޝާ ފާހަގަކުރެއްވި އެވެ.
އެއާއެކު ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ، "މިހާރު ސެންސް މޭކް ކުރާ" ކަމަށެވެ. ޖުމްލަ ގޮތެއްގައި ސުޕްރީމް ކޯޓަށް ހުކުމްތައް ރިވިއު ނުކުރެވޭނެ ކަމަށް ދޭހަވާ ގޮތަކަށް ވާހަކަ ދެއްކުމުން ގަބޫލު ނުކުރެވޭ ކަމަށާއި ނަމަވެސް އުސޫލެއް އެކުލަވާލައިގެން ރިވިއު ކުރެވޭނެ ކަމަށް ވިދާޅުވާ ވިދާޅުވުން ގަބޫލު ކުރެއްވޭ ކަމަށެވެ.
މީގެއިތުރުން މައާޝާ ވަނީ ފްލޯ ކޮރްސިންގެ ހުކުމާ އެއްގޮތަށް ދައުލަތުން އަމަލުކޮށްފައިވާ ނުވާ ކަމަށް އެކެއް ފެބުރުއަރީގައި ބުނާ ބަޔަށް އިންކާރު ކުރައްވާފަ އެވެ. އެ އަމުރުގައި އެހެން ބުނެފައިވަނީ ހުކުމްގައިވާ ގޮތަށް އެންޓި ޑިފެކްޝަން ބިލެއް މަޖިލީހަށް ހުށަހަޅައި ފާސްކޮށްފައިނުވާތީ އެވެ. މައާޝާ ވިދާޅުވީ އެންޓި ޑިފެކްޝަން ބިލް މަޖިލީހަށް ނުވެއްދުނީ އެކަށީގެންވާ ސަބަބުތަކެއް އޮވެގެން ކަމަށެވެ. އެއީ އޭރު މަޖިލީހުގައި އެފަދަ ބިލެއް ހުށަހަޅައި ފާސްކުރުމުގެ މާހައުލެއް ނެތް ކަމަށެވެ. އަދި މަޖިލީހުގެ މެންބަރުންގެ މަސްލަހަތާ ގުޅޭ ބިލެއް ކަމުން އެ ބިލް ހުށަހަޅަން ދަތިވި ކަމަށެވެ. ހަ މަސް ދުވަސް އެކަމަށް ހޭދަވުމަކީ އެކަށީގެންވާ ވަގުތެއް ކަމަށާއި މިހާރު އެންޓި ޑިފެކްޝަން ގާނޫނު ހަދާފައިވާކަން ވެސް ފާހަގަކުރެއްވި އެވެ. އަދި މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން އެންޓި ޑިފެކްޝަން ބިލް ފާސްކުރުމާ ހަމައަށް އިތުރު އެހެން އެއްވެސް ބިލެއް ފާސްކޮށްފައިނުވާކަން ވެސް މައާޝާ ފާހަގަކުރެއްވި އެވެ.
އޭގެއިތުރުން ރައްޔިރުންގެ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް އެކެއް ފެބުރުއަރީގެ އަމުރުގައި ބުނާ ބައި ބާތިލުކޮށް ދޭން ވެސް އެދުނެވެ. އެއީ އެ 12 މެންބަރުންގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަތްކަން ބަންޑާރަ ނައިބަށް އަންގާފައިނުވާ ކަމަށާއި އެ މައްސަލާގައި ދައުލަތުގެ ބަހެއް ހޯދާފައިނުވާ ކަމަށެވެ. އެ މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައެޅޭނީ އެ މެންބަރުން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެކަމާ ގުޅޭ ގޮތުން ބަހުސްކުރުމަށްފަހުކަން ވެސް ފާހަގަކުރެއްވި އެވެ. އަދި އޭގެ ތެރޭގައި މީގެކުރިން ސުޕްރީމް ކޯޓުން އިތުރު ގޮތެއް ކަނޑައަޅަން ނުޖެހޭ ކަމަށް ކަނޑައަޅާފައިވާ ހަތަރު މެންބަރުން ވެސް ހިމެނޭކަން ފާހަގަކުރެއްވި އެވެ.
ކޯޓުތަކަށް ފަނޑިޔާރުންނާއި އިސް ފަނޑިޔާރުން އައްޔަންކޮށް ބަދަލު ކުރަންޖެހޭނީ ސުޕްރީމް ކޯޓުގެ ހުއްދައެއް ލިޔުމުން ހޯދައިގެން ކަމަށް އެކެއް ފެބުރުއަރީގެ އަމުރުގައި ބުނާ ބަޔަކީ ވެސް ގާނޫނު އަސާސީގެ ރޫހާ ހިލާފު ކަމެއްކަން މައާޝާ ފާހަގަކުރެއްވި އެވެ. އެއީ ޗެކް އެންޑް ބެލެންސްގެ އުސޫލާ ވެސް ހިލާފު ކަމެއް ކަމަށް ވިދާޅުވި އެވެ.
ބަންޑާރަ ނައިބުގެ ފަރާތުން ދައްކަވަން ހުރި ވާހަކަތައް ދައްކަވާ ނިންމެވުމުން މިއަދުގެ އަޑުއެހުން ނިންމަވާލެއްވި އެވެ. މައްސަލާގައި ދައުވާ ރައްދުވާ ފަރާތެއް ނެތެވެ. ބައެއް މެންބަރުން މައްސަލަ ތެރެއަށް ވަންނަން އެދުނެވެ. ނަމަވެސް މިއަދުގެ ވަނީ މައްސަލާގެ އަޑުއެހުންތައް ނިންމަވާލެއްވީކަން އިއުލާން ކުރައްވާފަ އެވެ. އިތުރު ކަމެއް ސާފުކުރަން ނެތްނަމަ ދެން އޮންނާނީ މައްސަލާގައި ހުކުމް އިއްވުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ