ދެއަހަރަށް ފަހު ތުރުކީގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފި

އަންކާރާ (ޖުލައި 19) - މީގެ ދެ އަހަރު ކުރިން ރައީސް ރަޖަބް ތައްޔިބު އުރުދުޣާނާއި ދެކޮޅަށް ކުރި ބަޣާވާތެއް ނާކާމިޔާބުވުމާއި ގުޅިގެން އިއުލާނު ކުރެވުނު ކުއްލި ނުރައްކަލުގެ ހާލަތު މިއަދުން ފެށިގެން އުވާލައިފި އެވެ.
އުރުދުޣާނު ކުއްލި ހާލަތު އިއުލާނުކުރީ 20 ޖުލައި 2016 ގައި ގެންނަން އުޅުނު ބަޣާވާތް ނާކާމިޔާބު ކޮށްލިތާ ފަސް ދުވަސް ފަހުންނެވެ. އެ ބަޢާވާތުގައި 250 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، ކުއްލި ހާލަތު ހަތް ފަހަރު މަތިން ވަނީ އިތުރުކުރެވިފަ އެވެ.
ބާރުތައް އިތުރުކޮށް، އުރުދުޣާން ވަނީ 2019 ވަނަ އަހަރު ބާއްވަންޖެހޭ ރިޔާސީ އިންތިހާބު މިދިޔަ މަހަށް އަވަސްކޮށް، ބޮޑު އަގުލަބިއްޔަތަކުން އިންތިހާބު ކާމިޔާބު ކުރައްވާފަ އެވެ.
ކުއްލި ހާލަތު އުވާލުމަކީ އުރުދުޣާނުގެ ކެމްޕެއިން ތެރޭގައި އުރުދުޣާން ވެވަޑައިގަތް އެންމެ މުހިންމު އެއް ވައުދެވެ. އެ ބަޣާވާތާއި ގުޅިގެން އެއް ލައްކަ އަށް ވުރެ ގިނަ ސިފައިންނާއި ސަރުކާރު މުވައްޒަފުން ވަޒީފާ އިން ވަކިކޮށްފައިވާއިރު، 50،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ ދައުވާކޮށް ހައްޔަރުކުރެވިފަ އެވެ.
ކުއްލި ހާލަތު އުވާލި ނަމަވެސް، އެ ހާލަތުގެ ދަށުން ރައީސަށް ލިބޭ ބައެއް ބާރުތައް ދެމެހެއްޓުމަށް ހާއްސަ ގާނޫނެއް ފާސްކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެ އެވެ. މީގެ ތެރޭގައި، ބަންދުގެ މުއްދަތު 10 ދުވަހުގެ ބަދަލުގައި 12 ދުވަހަށް އިތުރުކުރުމާއި، ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ ދައުލަތުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމާއި، މަގުމަތީގައި ކުރާ މުޒާހަރާތައް ދުވާލުގަޑީގައި އެކަނި ކުރެވޭ ގޮތަށް ހެދުން ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ