ކަރަންޓް މައްސަލަ ހައްލުނުވެ ދިގުލާތީ ކަރަންޓް ނުދޭން ނިންމައިފި

ލ.މާމެންދޫގައި ކަރަންޓު ކެނޑޭ މައްސަލަ ހައްލު ނުވަނީސް އެރަށައް ކަރަންޓު ނުދޭން ނިންމައިފިއެވެ.
މާމެންދޫ ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވުމާއި ގުޅިގެން އެރަށުގެ ރައްޔިތުން އަންނަނީ އިންޖީނުގޭގެ ދޮރުމަތީގައި މުޒާހަރާ ކުރަމުންނެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މާމެންދޫ ކައުންސިލްގެ ނައިބް ރައީސް ހުސެއިން ހަބީބު ވިދާޅުވީ އެރަށުން ދޭތެދޭތެރެއިން ކަރަންޓް ކެނޑޭތާ ހަތަރު މަހަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. އަދި ހުކުރު ދުވަހު ހަވީރުން ފެށިގެން އިރުއިރުކޮޅާ ކަރަންޓް ދާން ފެށި އެވެ. މިގޮތަށް ކަރަންޓް ދާން ފެށުމުގެ ރައްޔިތުންގެ މުދަލަށް ވެސް ގެއްލުންވަމުންދާ ކަމަށް ޝަކުވާ ލިބުނެވެ. 
"ރައްޔިތުންގެ އަގުބޮޑެތި މުދާ ހަލާކުވެފައި މިހުރީ. އައިސްއަލަމާރި، އޭސީ، ޓީވީ މިކަހަލަ އަގުބޮޑެތި ސާމާނު. ރައްޔިތުން އަންނަނީ ވަރަށް ބޮޑަށް ޝަކުވާ ކުރަމުން" ހަބީބު ވިދާޅުވިއެވެ.
ހަބީބު ވިދާޅުވީ މުޒާހަރާއަށް ރައްޔިތުން ނުކުތީ ކަރަންޓު ކެނޑޭތާ އެތަކެއް ދުވަހެއް ފާއިތު ވެގެން ދިޔައިރު ވެސް އެކަމަށް ހައްލެއް ލިބިފައި ނެތުމުން ކަމަށާއި، އިރުއިރުކޮޅަށް ކަރަންޓު ބޭނުން ނުވާތީ ކަމަށެވެ. މިހާރު އިންޖީނުގޭގެ މުވައްޒަފުންނާ މަޝްވަރާ ކުރުމަށްފަހު ކަރަންޓުގެ މައްސަލަ ހައްލު ނުވަނީސް ކަރަންޓުގެ ޚިދުމަތް ނުދޭ ގޮތަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަބީބު ވިދާޅުވީ އިންޖީނުގޭގެ ދޮރުމަތީގައި ގިނަ ބަޔަކު އެއްވެ މުޒަހަރާ ކުރަމުންދާއިރު ކަރަންޓު މައްސަލަ އަވަހަށް ހައްލު ކުރެވޭނެ ކަމުގެ އުންމީދު ނެތް ކަމަށެވެ.
"މިރާއްޖެއަކުން ސްޕެއާރ އެއް ނުލިބޭ. ސްޕެއާރ އަށް އޯޑަރު ކޮށް ލިބިނު ދުވަހަކުން މިކަމަށް ހައްލު ލިބެން އަންނަނީ. ރައްޔިތުން ނޭދޭ އެއްގަޑީރުގެ ކަރަންޓެއް. ރާއްޖޭން ބޭރުން މިޖަނަރޭޓަރަށް ބޭނުންވާ ސްޕްއާރ ޕާޓް ލިބިގެން ނޫނީ ހައްލު ކުރެވޭކަށް ނެތް. އަޅުގަނޑު ވާހަކަ ދައްކައިފިން އަތޮޅުން ހަވާލުވެ ހުންނަ އަބްދުﷲ ސުލައިމާނާ ވެސް. އެބޭފުޅާ ވެސް ތަކެއްޗަށް އޯޑަރު ކޮށްފައި ހުރި ވާހަކަ ބުނި. ފަނަރަ ވަރަކަށް ދުވަސްވެއްޖޭ އޯޑަރު ކުރިތާ. ތަކެތި ލިބޭނީ ހަތް ދުވަސް ފަހުންނޭ. ހަތް ދުވަސް ނޫނީ ދިހަ ދުވަސް ވަންދެން ތަކެތި ހަލާކުވެގެންދާއިރު އެއްގަޑިން އެއްގަނޑިން ކަރަންޓުދޭކަށް އަޅުގަނޑުމެން ގަބޫލެއް ނޫން." ހަބީބު ވިދާޅުވިއެވެ.
ހަބީބު ވިދާޅުވީ އެރަށުގެ އިންޖީނުގޭގައި 160 ކިލޯވޮޓުގެ ޖަނަރޭޓަރަކާއި، 400 ކިލޯވޮޓުގެ ޖަނަރޭޓަކާއި، އަދި 180 ކިލޯވޮޓުގެ ޖަނަރޭޓަރެއް ހުންނަ ކަމަށެވެ. ނަމަވެސް 160 ކިލޯވޮޓުގެ ޖަނަރޭޓަރާއި، 180 ކިލޯވޮޓުގެ ޖަނަރޭޓަރު ހަލާކުވެފައި ހުންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. 
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ