ފެލިވަރުގައި އެއާޕޯޓެއް ހަދާނެކަމުގެ ވައުދު ގާސިމް ވެވަޑައިގެންފި

ޖުމްހޫރީ ޕާޓީއަށް މިއަހަރު ވެރިކަން ލިބިވަޑައިގެންފިނަމަ ފެލިވަރުގައި އެއާޕޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ފައްޓަވައިދެއްވާނެ ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވައުދުވެވަޑައިގެންފި އެވެ.
ޅ. އަތޮޅު ހިންނަވަރުގައި ރޭ ޖުމްހޫރީ ޕާޓީގެ ފަރާތުން ބޭއްވި "ބޮޑު" ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ ފެލިވަރުގައި އެއާޕޯޓް ހަދާނީ އެ ރަށުގެ އެއް ފަރާތް ހިއްކައިގެން ކަމަށާއި ރައީސް މައުމޫންގެ ސަރުކާރުން މަޑިވަރުގައި އެއާޕޯޓެއް ހަދަން ނިންމާފައިވީ ނަމަވެސް ފެލިވަރުގައި އެއާޕޯޓެއް ހެދުމަކީ ތަރައްގީ އަށް އެންމެ ރަނގަޅު ގޮތް ކަމަށެވެ.
ގާސިމް ވިދާޅުވީ ޅ. އަތޮޅަކީ ރައީސް މައުމޫންގެ ސަރުކާރާއި ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ އަތޮޅެއް ކަމަށައި އަތޮޅުގައި ކާރުހާނާއަކާއި ރިސޯޓްތަކާއި ބޮޑެތި ރަށްތަށް ހުރި އިރު ސަރުކާރުތަކުން އަތޮޅަށް އިހުމާލުވެފައިވާ ކަމަށެވެ.
"އަޅުގަނޑުގެ ސަރުކާރެއްގައި މި އަތޮޅުގައި އެއާޕޯޓްގެ މަސައްކަތް ފަށާނަން މިއަހަރު ނިމުމުގެ ކުރިން. އެއާޕޯޓް ހަދާނީ ވެސް މަޑިވަރަކު ނޫން. އަޅުގަނޑުގެ ސަރުކާރުގައި އެއާޕޯޓް ހަދާނީ ފެލިވަރުގައި،" ގާސިމް ވިދާޅުވި އެވެ.
ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި މި ޖަލްސާގައި ގާސިމް ވިދާޅުވީ އެއާޕޯޓެއް ހެދުމުން އެތައް ސަތޭކަ ވަޒީފާ އިތުރުވެ ޅ. އަތޮޅުގައި ޓޫރިޒަމް މިހާރަށް ވުރެ ބޮޑަށް ތަރައްގީވާނެ ކަމަށެވެ. އަދި ފެލިވަރު ކާރުހާނާއަކީ ދުވާލަކު 100 މެޓްރިކް ޓަނުގެ މަސް ޕްރޮސެސް ކުރާ ކާރުހަނާއަކަށް ބަދަލު ކުރައްވާނެ ކަމަށެވެ.
ފެލިވަރުގައި އެއާޕޯޓް ހަދާއިރު އެރަށުގައި މިހާރު 500 މުވައްޒަފުންނާއެކު 15 ޓަނުގެ މަސް ޕްރެސެސް ކުރާ ކާރުހާނާ 2000 މީހުން މަސައްކަތް ކުރާ ކާރުހާނާއެއްގެ ގޮތުގައި ތަރައްގީ ވެގެންދާނެ ކަމަށާއި އެކަމަށް 20 މިލިއަން ޑޮލަރު ހަރަދުކޮށްގެން ތަރައްގީކޮށްފިނަމަ 100 މެޓްރިކްޓް ޓަނުގެ މަސް ދުވާލަކު ޕްރޮސެސް ކުރެވޭނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ