އުސްފަސްގަނޑުގެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރަނީ

އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ހިންގުމަށް ދޫކުރި އުސްފަސްގަނޑު ފުލުހުންގެ ބެލުމުގެ ދަށުގައި ބޭއްވުމަށް ހައި ކޯޓުން އިއްޔެ ނެރުނު އަމުރު ސްޕްރީމްކޯޓުގައި މިއަދު އިސްތިއުނާފު ކުރާނެ ކަމަށް މާލޭ ސިޓީގެ މޭޔަރު މައިޒާން އަލިބެ ރޭ ވިދާޅުވެއްޖެ އެވެ.
އުސްފަސްގަނޑު ސަރަހައްދު ފުލުހުންގެ ބެލުމުގެ ދަށުގައި އޮތުމުން އެ ސަރަހައްދާ ކައިރިން ބޮޑުތަކުރުފާނުމަގުގައި ރޭ ބޭއްވި އެމްޑީޕީގެ އެއްވުމުގައި މައިޒާން އަލިބެ ވިދާޅުވީ އުސްފަސްގަނޑު މަލޭ ސިޓީކައުންސިލުގެ ހިމާޔަތުގައި ބޭއްވުމަށް ގިނަމަސައްކަތްތަކެއް ކުރެވިފައިވާކަމަށާއި މިގޮތުން އިއްޔެ ހައިކޯޓަށް މާލޭ ސިޓީކައުންސިލުގެ މެމްބަރުން ގޮސްގެން އަދި، ސިޓީ ފޮނުވައިގެން އެކި މަސައްކަތްތައް ކުރެވިފައިވާކަމަށެވެ.
“މާދަމާ ހެނދުނުމީ ސްޕްރީމް ކޯޓަށް އަޅުގަނޑުމެންގެ އަނެއް ސީޓީ ފޮނުވާލާދުވަސް. އެހެންވީމާ މާދަމާ ހެންދުނު އެ ސިޓީ ހިފައިގެން އަޅުގަނޑުމެން ސްޕްރީމް ކޯޓަށް ދާނަން. އަޅުގަނޑުމެން މިއަދުވެސް (އިއްޔެ) ހައިކޯޓުގަ ތިބިން ގާތްގަނޑަކަށް ހަތަރުގަޑީރުވަންދެން.” މައިޒާން އަލިބެ ވިދާޅުވި އެވެ.
މޭޔަރު އަލިބެ ވިދާޅުވީ އެއްތަނެއް ނަގާއިރަށް އަނެއްތަނަކަށް ޖެހިލާނެ ކަމަށާއި މާލެސިޓީގެ 32 ބިން އެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި ވުމުން އުސްފަސްގަނޑު އަތުލާއިރަށް އެހެން ބިމެއް އެމްޑީޕީއަށް ލިބޭނެ ކަމަށެވެ. އަދި އެއީ ރައްޔިތުންނަށްޓަކައި ކުރާ ކަމެއް ކަމަށް ވެސް އޭނާ ރޭ ވިދާޅުވި އެވެ.
"މިތަން މާދަމާ އަތުލާއިރަށް އަޅުގަނޑުމެން ހުއްދަ ދޭނަން އެހެން ދިމާލަކަށް. އެއީ ތިޔަ ލޮބުވެތި ރައްޔިތުންނަށްޓަކައި. މި ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންނަށްޓަކައި. އަޅުގަނޑު ބޭނުމެއް ނުވޭ ރާއްޖޭގެ ރައްޔިތުން ހަލާކުވެގެންދާކަށް،" ގިނަ އަދަދެއްގެ ބަޔަކާއިއެކު ބޭއްވި އެއްވުމުގައި އަލިބެ ވިދާޅުވި އެވެ.
މާލޭ ސިޓީކައުންސިލުން މަސައްކަތްކުރަނީ އެއްގޮތަކަށްވެސް އެމްޑީޕީގެ ފިކުރާއި ވިސްނުމަށް ނޫންކަމަށާއި، އެ ކައުންސިލުން މަސައްކަތްކުރަނީ ގައުމީ މަސްލަހަތު އިސްކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ހައި ކޯޓުން އިއްޔެ އަމުރު ނެރުނީ އުސް ފަސްގަނޑުގެ އިސްތިއުނާފުގެ މައްސަލާގައި ވަކި ގޮތެއް ނިމެންދެން އެ ބިމުގެ އެއްވެސް މުއާމަލާތެއް ނުހިންގައި، ފުލުހުންގެ ބެލުމުގެ ދަށުގައި ބޭއްވުމަށެވެ.
އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ހިންގަމުންދާ އުސް ފަސްގަނޑު ހަފުތާއެއްގެ ތެރޭގައި ހައުސިން މިނިސްޓްރީއާ ހަވާލުކުރުމަށް ސިވިލް ކޯޓުން މިދިޔަ ފަހުތާގައި ކުރި ހުކުމުގެ މުއްދަތު އިއްޔެ ވަނީ ހަމަވެފަ އެވެ. ސިވިލް ކޯޓުން ކުރި ހުކުމާ މެދު ހިތްހަމަނުޖެހިގެން މާލޭ ސިޓީ ކައުންސިލުން އިސްތިއުނާފްކޮށްފައިވާއިރު އެމައްސަލައިގެ އަޑު އެހުމެއް އަދި ނުބާއްވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ