ބޭންކްގެ މަސައްކަތްތައް ކުރިއަށްދިޔަނަމަވެސް، ހުރިހާ ޚިދުމަތެއްވެސް ފޯރުކޮށްދޭނީ އޮންލައިންކޮށް – ބީއެމްއެލް

މިއަދާއި މާދަމާ ބޭންކް އޮފް މޯލްޑިވްސްގެ މަސައްކަތްތައް ކުރިއަށްދިޔަނަމަވެސް، ހުރިހާ ޚިދުމަތެއްވެސް ފޯރުކޮށްދޭނީ އޮންލައިންކޮށްކަމަށް ބީއެމްއެލްއިން ބުނެފިއެވެ.
ބީއެމްއެލްއިން ބުނީ ބެންކުގެ ބްރާންޗުތަކުން ޚިދުމަތް ނުދިނަސް، ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމާއި، މުވައްޒަފުންގެ މުސާރަ ޖަމާކޮށްދިނުމާއި އަދި ލޯކަލް ބޭންކް ޓްރާންސްފާ ފަދަ އަސާސީ ހިދުމަތްތައް މިއަދާއި މާދަމާ އޮންލައިންކޮށް ލިބޭނެކަމަށެވެ. މިގޮތުން އިންޓަރނޭޝަނަލް ޓްރާންސްފާގެ ހިދުމަތް ހޯއްދެއްވުމަށް ފުރިހަމަ ކޮށްފައިވާ ޓީޓީ އެޕްލިކޭޝަންތަކާއި ބޭނުންވާ އެހެނިހެން ލިޔެކިއުންތަކާއިއެކު internationaltransfers@bml.com.mv ފޮނުވުމަށް ބީއެމްއެލްއިން އެދެއެވެ.
މިހިދުމަތް ދުވަހުން ދުވަހަށް ޕްރޮސެސް ކުރުމަށް ހެނދުނު އެގާރައިގެ ކުރިން އެޕްލިކޭޝަން ފޮނުވުމަށް ބޭންކުން އެދެއެވެ. މީގެއިތުރުން ޕޭރޯލް ހިދުމަތަށްވެސް އީމެއިލް މެދުވެރުކޮށް ހުށަހެޅޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ. އެކަމަށް އެދި ހުށަހަޅާ ލިޔެކިއުންތަކުގެ ތަފްސީލް www.bankofmaldives.com.mv/payroll-services އިން ލިބެން ހުންނާނެއެވެ.
މި ހިދުމަތްވެސް ހެނދުނު 11ގެ ކުރިން އެދިއްޖެނަމަ އެދުވަހުން އެދުވަހަށް ފްރޮސެސް ކޮށްދޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ. އަދި އޭޓީއެމް މެދުވެރިކޮށް ޖަމާކުރާ ކްލިއަރިން ޗެކްތައް ފްރޮސެސް ކުރެވޭނީ އަލުން ބޭންކް ހުޅުވާދުވަހުކަމަށާއި ހެނދުނު 11:30 ކުރިން ޖަމާކުރާ ޗެކްތައް އެދުވަހު ޕްރޮސެސްކުރާނެކަމަށް ބެންކުން ބުނެއެވެ.
ބީއެމްއެލްއިން ބުނީ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ނަގުދު ފައިސާ ނެގުމާއި، ޖަމާކުރުމުގެ ހިދުމަތް އޭޓީއެމްތައް މެދުވެރިކޮށް މިދެދުވަހު ލިބޭނެކަމަށެވެ. މިގޮތުން ވިޔަފާރި އެކައުންޓްތަކަށް 200 ހާސް ރުފިޔާ ޖަމާކުރެވޭއިރު، އަމިއްލަ ފަރާތްތަކުގެ އެކަުންޓްތަކަށް 50 ހާސް ޖަމާކުރެވޭނެކަމަށް ބޭންކުން މައުލޫމާތުދެއެވެ.
ބީއެމްއެލްއިން ބުނީ މިދަނޑިވަޅުގައި އެބޭންކުން އެންމެ އިސްކަމެއް ދެނީ މުވައްޒަފުންނާއި ކަސްޓަމަރުންގެ ރައްކާތެރިކަމަށްކަމަށެވެ. އަދި އެޗްޕީއޭއިން ކަޑައަޅާފައިވާ ފުރަބަންދުގެ މުއްދަތުގައި ގޭގައި ތިބެގެން ބޭންކިންގެ ހިދުމަތް ހޯދުމަށް ބާރުއެޅުމުގެ ގޮތުން ބޭންކްގެ ހުރިހާ ބްރާންޗަކާއި ސާރވިސް ސެންޓަރުތަށް ހުންނާނީ ބަންދުކޮށްފައިކަމަށް ބީއެމްއެލްއިން ބުނެއެވެ.
މިކަމާބެހޭ އިތުރު ތަފްސީލް ބީއެމްއެލްގެ ވެބްސައިޓާއި، މީސްމީޑިއާ އެކައުންޓްތަކުގައި ވަނީ ހިއްސާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ