ޓީވީ އާއި އަޑުގެ މުދަލާއި ފައިސާ އާއި މުވައްޒަފުން 20 ދުވަހުގެ ތެރޭގައި އެމްބީސީއާ ހަވާލު ކުރަން ހުކުމްކޮށްފި

ޓެލެވިޒަން މޯލްޑިވްސް ]ޓީވީއެމް[ އާއި ދިވެހިރާއްޖޭގެ އަޑާއި އެ ދެ ތަނުގެ މުދަލާއި ދައުލަތުގެ ބަޖެޓުން އެ ދެ ތަނަށް ދީފައިވާ ފައިސާ 20 ދުވަހުގެ ތެރޭގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން ]އެމްބީސީ[ އާ ހަވާލު ކުރުމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ޓީވީއެމް އާއި ދިވެހިރާއްޖޭގެ އަޑު ހޯދުމަށް އެމްބީސީން ކުރި ދައުވާގެ ޝަރީއަތުގައި ހުކުމް ކުރައްވަމުން ގާޒީ އާއިޝާ ސުޖޫން މުހައްމަދު މިއަދު ވިދާޅުވީ، އެމްބީސީ އުފެއްދުމުގެ ގާނޫނުގެ މަގްސަދަށް ޓަކައި އެ ގާނޫނަށް އަމަލު ކުރަން ފެށިއިރު އޮތް ގާނޫނެއް ނުވަތަ ގަވާއިދެއް ވިޔަސް އެމްބީސީއާ ގުޅޭ އެއްވެސް އުސޫލަކާ ތައާރަޒްވާ ނަމަ އެ ތައާރަޒްވާ މިންވަރެއް ބާތިލްވާނެ ކަމަށް އެމްބީސީގެ ގާނޫނުގެ 42 ވަނަ މާއްދާގައި ބުނެފައިވާ ކަމަށެވެ. އަދި ހުރިހާ ހާލަތެއްގައި ވެސް އިސްކަން ދޭންޖެހޭނީ އެމްބީސީ އުފެއްދުމުގެ ގާނޫނަށް ކަމަށް އެ މާއްދާގައި ބަޔާންކޮށްފައި ވާތީ ކުންފުންޏާ ބެހޭ ގާނޫނުން މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން ]އެމްއެންބީސީ[ އަށް ލިބިދީފައިވާ ރައްކާތެރިކަމަކީ އެމްބީސީ ގާނޫނުގެ މަގްސަދު ފުރިހަމަ ކުރުމަށް އޮތް ހުރަހަކަށްވާ ކަމުގައި ބެލެވެން ނެތް ކަމަށެވެ.
"...ހުރިހާ ހާލަތެއްގައި ވެސް އިސްކަންދޭނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން ގާއިމް ކުރުމުގެ ގާނޫނަށް ކަމުގައި ބަޔާންކޮށްފައިވާތީ ކުންފުންޏާ ބެހޭ ގާނޫނުން މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން ލިމިޓެޑަށް ލިބިދީފައިވާ ރައްކާތެރިކަމަކީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން ގާއިމް ކުރުމުގެ ގާނޫނުގެ މަގްސަދު ފުރިހަމަކޮށް އެ ގާނޫނުގައިވާ ކަންކަން ފުރިހަމަ ކުރުމަށް ކުރިމަތިވާ ހުރަހަކަށްވާ ކަމުގައި ބެލެވެން ނެތް،" ސުޖޫން ވިދާޅުވި އެވެ.
ގާޒީ ސުޖޫން ވިދާޅުވީ ނެޝަނަލައިޒޭޝަންގެ އުސޫލުން ވިޔަފާރިތައް ނުވަތަ ތަންތަން ގާނޫނަކުން ކަނޑައަޅާ ފަދައިން ދައުލަތުގެ ބާރުގެ ދަށަށް ގެންނަނީ އާންމުންގެ މަސްލަހަތު ކުރިއަށް ނެރެ، އާންމުންގެ މަންފާ އާއި ލާބައަށް ކަންތައް ކުރުމަށެވެ. އަދި އެމްބީސީ ގާއިމް ކުރުމުގެ ރޫހަކީ ވެސް އެއީ ކަމަށް ގާޒީ ވިދާޅުވި އެވެ.
ގާޒީ ވިދާޅުވީ ގާނޫނު އަސާސީގެ 247 ވަނަ މާއްދާ އާއި 250 ވަނަ މާއްދާ އާއި 97 ވަނަ މާއްދާއަށް ހަވާލާދީ އެމްބީސީ އުފެއްދުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން އެ ގާނޫނަށް އަމަލު ކުރަން ފެށުނުއިރު އެމްއެންބީސީގެ ދަށުގައި އޮތް ޓީވީއެމް އާއި ދިވެހިރާއްޖޭގެ އަޑަކީ އެމްބީސީގެ ދެ ޗެނަލްގެ ގޮތުގައި ބަލަން ޖެހޭ ކަމަށެވެ.
"މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން ގާއިމް ކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން އެ ގާނޫނަށް އަމަލު ކުރަން ފެށުނު އިރު މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ ދަށުގައި އޮތް ޓެލެވިޒަން މޯލްޑިވްސް އާއި ދިވެހިރާއްޖޭގެ އަޑަކީ އެ ގާނޫނަށް އަމަލު ކުރަން ފެށި ދުވަހުން ފެށިގެން މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ ދެ ޗެނަލްގެ ގޮތުގައި ބަލަންޖެހޭ ތަންތަން،" ގާޒީ ސުޖޫން ވިދާޅުވި އެވެ.
އެމްބީސީ އުފެއްދުމުގެ ގާނޫނަށް އަމަލު ކުރަން ފެށުމާ އެކު އެ ގާނޫނުގެ 44 ވަނަ މާއްދާ އާއި 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުދަލާއި ވަސީލަތްތަކާއި ޓީވީއެމް އާއި ދިވެހި ރާއްޖޭގެ އަޑު ހިންގުމަށް ދޫކޮށްފައިވާ ބިމާއި އެ ދެ ތަނުގެ ފްރިކުއެންސީތަކާއި ހުރިހާ ވެހިކަލްތަކާއި ފަރުނީޗަރާއި އާލާތްތަކާއި ދައުލަތުގެ ބަޖެޓުން ދީފައިވާ ފައިސާ އާއި އެތަންތަނުގެ އާކައިވަކީ އެމްބީސީގެ ތަކެތި ކަމަށް ގާޒީ ސުޖޫން ކަނޑައެޅުއްވި އެވެ.
”...އެ ގާނޫނުގެ ]އެމްބީސީ އުފެއްދުމުގެ ގާނޫނުގެ[ 44 ވަނަ މާއްދާ އާއި 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުދަލާއި ވަސީލަތްތައް، ޓެލެވިޒަން މޯލްޑިވްސް އާއި ދިވެހި ރާއްޖޭގެ އަޑު ހިންގުމަށް ދޫކޮށްފައިވާ ބިމާއި އެތަންތަނަށް ދޫކޮށްފައިވާ ފްރިކުއެންސީތަކާއި ހުރިހާ ވެހިކަލްތަކާއި ފަރުނީޗަރާއި އާލާތްތަކާއި ދައުލަތުގެ ބަޖެޓުން ދީފައިވާ ފައިސާ، އެތަންތަނުގެ އަރުޝީފް ހިމެނޭ ގޮތަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ ދަށަށް ބަދަލުވެގެން ގޮސްފައިވާ ތަންތަން ކަމުގައި ކަނޑައަޅަން،" ގާޒީ ވިދާޅުވި އެވެ.
މީގެ އިތުރުން ގާޒީ ސުޖޫން ދައުލަތަށާއި އެމްއެންބީސީ އާއި މޯލްޑިވްސް ކޮމިނިއުކޭޝަން އޮތޯރިޓީ ]ކޭމް[ އާއި އެމްއެންބީސީގެ ޑިރެކްޓަރުންގެ ބޯޑްގެ މެންބަރުންނަށް އަމުރު ކުރެއްވީ، މިއަދުން ފެށިގެން ގިނަވެގެން 20 ދުވަހުގެ ތެރޭގައި ޓީވީއެމް އާއި ދިވެހިރާއްޖޭގެ އަޑާއި އެ ދެ ތަނުގެ މުދަލާއި ވަސީލަތްތައް އެމްބީސީއާ ހަވާލު ކުރުމަށެވެ.
ކޯޓުގެ ހުކުމާ އެކު އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒު މިއަދު ވިދާޅުވީ ދަށު ކޯޓުގެ ނިންމުން ސަރުކާރުން ޗެލެންޖު ކުރާނެ ކަމަށާއި އެ މައްސަލަ އިސްތިއުނާފު ކުރައްވާނެ ކަމަށެވެ.
------------------
12:30 އެމްއެންބީސީގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކުރަން ދައުލަތުން ނިންމައިފައިވާތީ، ސިވިލް ކޯޓުގެ އަމުރަށް އަމަލުނުކުރާނެ ކަމަށް ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު ވިދާޅުވެއްޖެ އެވެ. އަދި ސިވިލް ކޯޓުގެ ނިންމުމަށް އަމަލުކުރުން ފަސްކުރުމުގެ އަމުރަކަށް ދައުލަތުން ހައިކޯޓުގައި އެދޭނެ ކަމަށް ވެސް ޒުހެއިރު ވިދާޅުވި އެވެ.
12:17
އެމްއެންބީސީގެ މައްސަލަ އިސްތިއުނާފްކުރައްވާނެ ކަމަށް ބަންޑާރަ ނައިބު އަބްދުﷲ މުއިއްޒު ދާދި ދެންމެއަކު ވިދާޅުވެއްޖެ.
12:12
އެމްބީސީގެ ގާނޫނަށް އަމަލު ކުރަން ފެށިއިރު ދިވެހި ރާއްޖޭގެ އަޑާއި ޓީވީ މޯލްޑިވްސްގައި ހުރި މުދަލާއި ފައިސާއާއި މުވައްޒަފުން 20 ދުވަހުގެ ތެރޭގައި އެމްބީސީއާ ހަވާލު ކުރަން ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
އެމްބީސީން ދައުވާކުރީ ކުރީގެ ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމަށް ދޫކޮށްފައިވާ ބިންތަކަކީ އެމްބީސީގެ ނަމުގައި ހުންނަންޖެހޭ ބިންތަކެއް ކަމަށް ކަނޑައަޅައިދިނުމަށާއި ޓީވީއެމާއި ދިވެހިރާއްޖޭގެ އަޑުގައި ހިފަހައްޓާފައި ހުރި ފިކުރީ މުދަލާއި ތަބީއީ މުދަލަކީ އެމްބީސީގެ މުދާ ކަމުގައި ކަނޑައަޅައިދިނުމަށް އެމްއެންބީސީގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.
މި މައްސަލައިގައި ގާޒީ އައިޝާ ސުޖޫން ހުކުމް އިއްވަމުން ވިދާޅުވީ އެމްބީސީގެ ގާނޫނަށް އަމަލުކުރަން ފެށި އިރު ޓީވީ މޯލްޑިވްސް އާއި ދިވެހިރާއްޖޭގެ އަޑުގައި ހުރި މުދަލާއި ވެހިކަލާއި ދައުލަތުން ދީފައިވާ ފައިސާ އާއި މުވައްޒަފުންނާއި ފްރިކްއެންސީ އެމްބީސީއާ ހަވާލުކުރަން ދައުލަތުގެ މައްޗަށް އަމުރު ކުރާ ކަމަށެވެ. )ތަފުސީލު އަންނަނީީ(
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ