ފިންގަރޕްރިންޓް މައްސަލައަށް ޖަވާބުދާރީ ވުމުގެ ފުރުޞަތު މިހަފްތާގެ ނިޔަލަށް ދައުލަތަށް ހައި ކޯޓުން ދީފި

ފިންގަރޕްރިންޓް ހުށަހަޅާފައި ނެތް މެމްބަރުން ޕާޓީތަކުން ވަކިކުރުން ފަސްކުރުމުގެ އަމުރަކަށް އެދި އެމްޑީޕީއާއި ޑީއާރުޕީން ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ޖަވާބުދާރީ ވުމަށް ދައުލަތަށް މިހަފްތާގެ ނިޔަލަށް ހައި ކޯޓުން މިއަދު އިތުރު ފުރުސަތެއް ދީފިއެވެ.
މިދިއަ މަހުގެ ނިޔަލަށް ފިންގަޕްރިންޓް ހުށަހަޅާފައި ނެތް މެމްބަރުން ޕާޓީތަކުގެ ދަފްތަރުން އުނިކުރުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ކުރަމުން ދާއިރު އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ބުނެ އެމްޑީޕީއާއި ޑީއާރުޕީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ވަކި ގޮތަކަށް ނިމެންދެން މެމްބަރުން އުނިކުރުން މަޑުޖައްސާލުމުގެ އަމުރަކަށް އެދެޕާޓީން ސިވިލް ކޯޓުގައި އެދުމުން ސިވިލް ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.
ސިވިލް ކޯޓުގެ އެ ނިންމުން އެދެޕާޓީން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ އެ ކަމުގައި އިތުރު މަޝްވަރާތަކެއް އިލެކްޝަންސް ކޮމިޝަނާއިއެކު މިހާރު ކުރަމުންދާ ކަމަށާއި އެހެންކަމުން ޖަވާބު ދާރީވުމަށް އިތުރު ފުރުސަތެއް ބޭނުންވާކަމަށެވެ.
ދައުލަތުން އެގޮތަށް ބުނުމުން ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އެކަށީގެންވާ މުއްދަތެއް އޮއްވައި ދައުލަތައްވެސް މައްސަލައާއި ގުޅުންހުރި ލިއުންތައް ހަވާލުކޮށްފައިވާކަމށެވެ. އެހެން ނަމަވެސް މިހަފުތާ ނިމުމުގެ ކުރިން ލިޔުމަކުން ޖަވާބު ހުށަހަޅުމަށް ފަނޑިޔާރުވަނީ ދައުލަތަށްއ އަންގާފައެވެ.
ދައުލަތުގެ އެ ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ ސެކެޓްރީ ޖެނެރަލް އަދި އެމްޑީޕީ މި މައްސަލައިގައި ތަމްސީލު ކުރައްވާ ވަކީލު އަނަސް އަބްދުއްސައްތާރު ވިދާޅުވީ ވަގުތީ އަމުރެއް ނެރުމާ މެދު ދައުލަތުން ދަށު ކޯޓުގައި ދެކޮޅު ހަދާފައިނުވާ ކަމަށެވެ. އެހެން ކަމުން މިހާރު އިތުރަށް ކުރިއަށް ދަނީ ކޮން މަޝްވަރާތަކެއްތޯ އޭނާ ސުވާލު އުފެއްދެވއެވެ.
އަނަސް އެގޮތަށް ސުވާލު އުފެއްދުމާއެކު ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ ދަށު ކޯޓުގައި ވާހަކަ ދެއްކި ގޮތާ ޚިލާފަށް ދައުލަތުން ހައި ކޯޓުގައި ވާހަކަ ދައްކާނަމަ އެކަން ފަނޑިޔާރުންނަށް ވެސް އެނގޭނެ ކަމަށެވެ.
އަނަސް ވިދާޅުވީ ވަގުތީ އަމުރެއް ނެރެނުދީފި ނަމަ ބޮޑެތި ގެއްލުންތަކެއް އެމްޑީޕީއާއި ޑީއާރުޕީއަށް ލިބޭނެ ކަމަށާއި އެގޮތުން އެމްޑީޕީގެ ތޭވީސްހާސް ފަންސާސް ނުވަ މެމްބަރުން އެ ޕާޓީ އަށް ގެއްލޭއިރު ޑިއާރުޕީއެއްކޮށް ނެތި ދިއުމުގެ ބިރުވެސް އޮތް ކަމަށެވެ.
އަނަސް ވިދާޅުވީ މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް އެ ޕާޓީން މިހާރު ވެސް ކުރަމުންދާ ކަމަށާއި އެހެންވެ އެމްޑީޕީއާ އެއްކޮޅަށް ކޯޓުން މައްސަލަ ނިމިއްޖެ ނަމަ މެމްބަރުން އިތުރުކުރަން އެ ޕާޓީން ކުރި ޚަރަދު ވެސް ދައުލަތުން އަނބުރާ ދޭންޖެހޭނެ ކަމށެވެ.
އެ މައްސަލައާއި ގުޅިގެން ސިވިލް ކޯޓުގައި ގާނޫނު އައުމުގެ ކުރިން ޕާޓީތަކަށް ސޮއިކުރި މެމްބަރުންގެ ފިންގަޕްރިންޓް ހުށަހަޅަން ނޭންގޭނެ ކަމަށް ބަންޑާރަ ނައިބު ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ބަންޑާރަނައިބުގެ ލަފާފުޅު ބަލައިގަނެފައެއްް ނުވެއެވެ. މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ މިމަހުގެ 31 ވާ އާދީއްތަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ