ބަދަލުގެ ގޮތުގައި ފަސް މިލިއަން ރުފިޔާ ހޯދަން އަބްދުﷲ ގާޒީ ދައުވާކޮށްފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ހިލާފަށް ހައްޔަރުކުރި މައްސަލާގައި ބަދަލު ހޯދަން ދައުލަތާ ދެކޮޅަށް އަބްދުﷲ ގާޒީ ދައުވާކޮށްފި އެވެ.
ބަދަލުގެ ގޮތުގައި ހޯދަން ހުށަހަޅާފައިވަނީ ފަސް މިލިއަން ރުފިޔާ އެވެ. ސިވިލް ކޯޓުން މިމައްސަލަ މިހާރު ވަނީ ބަލައިގެންފަ އެވެ.
ނަޝީދުގެ ވެރިކަމުގައި ސިފައިން ވަނީ އަބްދުﷲ ގާޒީ ސިފައިންގެ ބެލުމުގެ ދަށުގައިވާ ކ. ގިރިފުށީގައި 21 ދުވަސް ވަންދެން ބަންދުގައި ބަހައްޓާފަ އެވެ. އަދި އަބްދުﷲ ގާޒީ މިނިވަން ކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންނާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކުންނާއި ގައުމުތަކުން ގޮވާލުމުން އޭރުގެ ސަރުކާރުން އެކަމަށް އިޖާބާ ދީފައެއް ނުވެ އެވެ.
މި މައްސަލަ ސިވިލް ކޯޓަށް ބަލައިގެންފައިވީ ނަމަވެސް އެ ކޯޓުން މިހާރު އަމަލުކުރާ އުސޫލުގައިވާ ގޮތުން މިމައްސަލާގައި ފުރަތަމަ މަޝްވަރާކޮށްގެން ހައްލު ހޯދުމަށް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަނަށް މިމައްސަލަ ދާނެ އެވެ. އެ މަޝްވަރާތަކުގައި ދައުވާ ކުރާ ފަރާތާއި ދައުވާ ލިބޭ ފަރާތަށް އެއްބަސްވުމަކަށް ނާދެވިއްޖެނަމަ ދެން އެ މައްސަލަ ނިންމާނީ ޝަރީއަތުންނެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ބަދަލު ހޯދަން ދައުވާކޮށްފައި މިވަނީ އދ. ގެ ވޯކިންގް ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށް ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި އެމަނިކުފާނު ވަގުތުން މިނިވަން ކުރުމަށާއި އަދި އެމަނިކުފާނު ޣައިރު ގާނޫނީ ގޮތަކަށް ހައްޔަރުކޮށްފައިވާތީ އެމަނިކުފާނަށް ބަދަލު ދިނުމަށް ދިވެހި ސަރުކާރަށް ގޮވާލާފައި ވަނިކޮށެވެ. ނަމަވެސް ވޯކިން ގުރޫޕުގެ ނިންމުމަށް އަމަލުނުކުރާނެ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފަ އެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ރައީސް ނަޝީދުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ އެމަނިކުފާނު 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ މިދިޔަ މާޗް މަހުގެ 13 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ