އަލިފާނުގެ ހާދިސާގެ ފުރިހަމަ ތަހުގީގެއްދަނީ ހިންގަމުން: ހޯމް މިނިސްޓްރީ

މިދިޔަ ހުކުރު ދުވަހުގެ ރޭ ހެންވޭރުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭ ފުރިހަމަ ތަހުގީގެއް ސިފައިންނާ ގުޅިގެން ފުލުހުން ކުރަމުންދާ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.
ހޯމް މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނީ، މިދިޔަ ހުކުރު ދުވަހުގެރޭ މާލޭގައި ހިނގާދިޔަ އަލިފާނުގެ ހާދިސާގެ ތަހުގީގުގެ އެންމެހާ ކަންކަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ، އަންނަނީ ވަރަށް ގާތުން ބައްލަވަމުން ކަމަށެވެ.
އަދި ތަހުގީގު ހިނގަމުންދާ ވަގުތު ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދޭފަދަ ވާހަކަ ފެތުރުމަކީ ހާދިސާގެ ސަބަބުން އުފެދޭ ނުތަނަވަސްކަން އިތުރުވެ، ތަހުގީގަށް ގޮންޖެހުން ކުރިމަތިވެދާނެ ކަމަކަށްވާތީ އެފަދަ ކަންކަމުން އެއްކިބާވުމަށް މިނިސްތްރީން އިލްތިމާސް ކޮށްފައިވެއެވެ.
އަލިފާނުގެ ހާދިސާގެ ތަހުގީގާ ގުޅޭ މައުލޫމާތު މީޑިއާތަކަށް ހިއްސާ ކުރަމުން ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްގެ ކްރައިމް ޑިޕާޓްމަންޓްގެ ވެރިޔާ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވެސް ވަނީ އެ ހާދިސާއާ ގުޅޭގޮތުން ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް އެއްވެސް ފަރާތަކުން ވާހަކަ ނުދެއްކުމަށް އިލްތިމާސް ކުރައްވައިފައެވެ.
އަދި ވިދާޅުވީ، ފުލުހުންގެ އިދާރާއިން އެފަދަ ބޮޑު ތަހުގީގެއް ހިންގަމުންދާއިރު، ކަމާ ގުޅުންހުރި އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އާންމުންގެ މެދުގައި ވާހަކަދެއްކުމުގެ ބަދަލުގައި އެ މައުލޫމާތު ފުލުހުންނާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
މަޖީދިއްޔާ ސްކޫލް ކުރިމައްޗަށް އޮންނަ އަބަދަށް ފެހި މަގުގައި ހުންނަ ހ. ތިލަފުށި ގޭގެ ތިރީގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެގެން ހިނގި އަލިފާނުގެ ހާދިސާގައި ހަތަރު ގުދަނެއް އަދާ ހުލިވިއިރު، ހަތް ގެއަކަށް އަލިފާނުގެ އަސަރުކޮށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
އަދި އެ ހާދިސާގައި ގެއްލުންވި ހ. ރަދުވާނިއާގޭގެ ތިންވަނަ ފަންގިފިލާގައި ދިރިއުޅުނު ތ. ބުރުނީ ފެންފިޔާޒުގެ، 46 އަހަރުގެ އައިޝަތު ޝައުނާ، އަލިފާނުގެ ހާދިސާގައި ގޭތެރޭގައި ތާށިވެ، ވަނީ ނިޔާވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ