މައުމޫން ގެންދަވަނީ ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރައްވަމުން – ނަޝީދު

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އިއްޔެ ރޭ ހައްޔަރުކުރި ފަހުން އެއްވެސް އެއްޗެއް ކޭން ނުބައްލަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ރައީސް މައުމޫން ހައްޔަރު ކުރިތާ ގާތްގަނޑަކަށް 32 ގަޑިއިރު ފަހުން މިއަދު ހެނދުނު ރައީސް މައުމޫން ދޫކޮށްލުމަށް ގޮވާލާ ކުރެއްވި ޓްވީޓެއްގައެވެ. ރައީސް ނަޝީދު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ދޫކޮށްލުމަށް ވެސް ގޮވާލައްވާފައެވެ. އަދި އަލީ ހަމީދުގެ ސިއްހީ ހާލުކޮޅު ދަށްވެގެން ފަރުވާ ދެމުންދާ ކަން ރައީސް ނަޝީދު ފާހަގަ ކުރެއްވެވިއެވެ.
ރައީސް މައުމޫން ހައްޔަރުކުރި ފަހުން އެއްވެސް އެއްޗެއް ކޭން ނުބައްލަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް އެފަދަ މައުލޫމާތެއް ރައީސް މައުމޫންގެ ޤާނޫނީ ވަކީލުންގެ ފަރާތުން މިހާތަނަށް ލިބިފައެއް ނުވެއެވެ.
ރައީސް މައުމޫންގެ ޤާނޫނީ ވަކީލް މައުމޫން ހަމީދު އިއްޔެ ދޫނިދޫގައި ރައީސް މައުމޫނާއި ބައްދަލުކުރެއްވުމަށް ފަހު މާލެ ވަޑައިގެން ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރައީސް މައުމޫން ހުންނެވީ ސާބިތުކަމާއި އެކުގައި ކަމަށާއި "ޖަލަކީ އެމަނިކުފާނަށް އާތަނެއް ނޫން" ކަމަށް ރައީސް މައުމޫން ވިދާޅުވިކަމަށެވެ.
ރައީސް މައުމޫން ހައްޔަރުކޮށްފައި ހުރީ ދޫނީދޫ ގޮޅިއެއްގައި ނޫން ކަމަށް ވެސް މައުމޫން ހަމީދު އިއްޔެ ވިދާޅުވިއެވެ.
ރައީސް މައުމޫންގެ މައްޗަށް ފުލުހުން ކުރަނީ ރިޝްވަތު ދިނުމާއި ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ