އައްޑޫ ސިޓީއަށް ކަރަންޓް ދިނުމަށް 30 މިލިއަން ޑޮލަރުގެ ބޮޑު އިންވެސްޓެއް ފަށަނީ
އައްޑޫ ސީޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓް ފޯރުކޮށްދިނުމަށް 30 މިލިއަން ޑޮލަރުގެ ބޮޑު ޕްރޮޖެކްޓެއް ފެށުމަށް ތައްޔާރު ވަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގައި ވާހަކަ ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފު ވިދާޅުވީ އައްޑޫ ސީޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓް ފޯރުކޮށްދިނުމަށް 30 މިލިއަން ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓެއް ކުރުމަށް މިހާރު ތައްޔާރު ވަމުން އަންނަ ކަމަށެވެ. އެގޮތުން އިންވެސްޓް މެންޓްގެ ދަށުން މުޅިން އާ އިންޖީނުގެއެއް އެޅުމަށް ހަމަޖެހިފައިވާ ކަމަށާއި، އޭގެ ސަބަބުން އައްޑޫގެ ގުޅިފައިވާ ހަތަރު ރަށުގެ ކަރަންޓަށް ދިމާވެފައިވާ މައްސަލައަށް ދާއިމީ ހައްލު ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.ޝަރީފް ވިދާޅުވީ އައްޑޫގައި ހަތަރު ޖަނަރޭޓަރަކަށް އެއްފަހަރާ މައްސަލަ ދިމާވެފައި ކަމަށާއި އެފަދަ މައްސަލައެއް މީގެ ކުރިން އެއްވެސް ރަށެއްގެ އިންޖީނުގެއަކަށް ދިމާވެފައި ނުވާ ކަމަށެވެ. އަދި ފެނަކައިން މިމަހުގެ އަށް ވަނަ ދުވަހު އައްޑޫއަށް 1.2 މެގަވޯޓްގެ ޖަނަރޭޓަރަކާއި 1 މެގަވޯޓުގެ ޖަނަރޭޓަރެއް ފޮނުވާލާފައިވާ ކަމަށް ޝަރީފު ވިދާޅުވިއެވެ. ޝަރީފް ވިދާޅުވި ގޮތުގައި އެއްފަހަރާ ހަތަރު އިންޖީނަށް މައްސަލަ ދިމާވީ ސްޓްރަކްޗަރަލް މައްސަލަތަކެއްގެ އިތުރުން ކައިރި ކައިރީގައި އިންޖީންތައް ހުރުމުން އެއް އިންޖީނުން އަނެއް އިންޖީނަށް ހޫނު ވެގެންކަމަށެވެ. އަދި މައި އިންޖީނު ފިޔަވައި އެހެން އިންޖީނުތައް ހުރީ ޓިނުން ހަދާފައިވާ ހަޓެއް ގެ ތެރޭގައި ކަމަށާއި، އޭގެ ސަބަބުން އިތުރަށް ހޫނުގެ އަސަރުކޮށްފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. އަދި އައްޑޫއަށް ކަރަންޓް ފޯރުކޮށްދިނުމަށް ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ކޮށްފައިވާ މަސައްކަތުގެ ދަށުން މިހާތަނަށް އެތަކެއް ޖަނަރޭޓަރު ފޮނުވިފައިވާކަން ޝަރީފު ފާހަގަކުރެއްވިއެވެ.މީގެއިތުރުން ޝަރީފު ވިދާޅުވީ މައްސަލަ ޖެހުނު ހަތަރު އިންޖީނުގެ ތެރެއިން ސްޕެއާ ލިބެންހުރި 1 މެގަވޮޓްގެ ޖަނަރޭޓަރެއް މަރާމާތަށް ގެނެވިފައިވާ ކަމަށެވެ. އަދި ތިން ޖަނަރޭޓަރުގެ ތެރެއިން އެއް ޖަނަރޭޓަރަކީ ހަލާކުވެގެން ބޭނުން ނުކުރެވޭ ވަރުވެފައި ހުރި ޖަނަރޭޓަރެއް ކަމަށް އޭނާ ވިދާޅުވިއެވެ. ދެން ހުރި ދެ ޖަނަރޭޓަރުގެ ސްޕެއާ ރާއްޖެއިން ލިބެން ނެތުމުން ސްޕެއާ ބޭރުން ގެނައުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ