އެމްބަސީ ޤުދުސްއަށް ބަދަލު ކުރުމަކީ އެމެރިކާގެ ރައްޔިތުން ބޭނުންވާ ގޮތް- ނިކީ
މިހާރު ތެލް އަވީވްގައި ހުންނަ އެމެރިކާގެ އެމްބަސީ ޤުދުސްއަށް ބަދަލު ކުރުމަކީ، އެމެރިކާގެ ރައްޔިތުން ބޭނުންވާ ގޮތް ކަމަށް އެމެރިކާއިން އދއަށް ކަނޑައަޅާފައި ހުންނަ ސަފީރު ނިކީ ހާލީ ވިދާޅުވެއްޖެއެވެ. ސީއެންއެންއަށް ދެއްވި ބަސްދީގަތުމެއްގައި ނިކީ މިފަދައިން ވިދާޅުވެފައިވަނީ، އެމެރިކާގެ އެމްބަސީ ޤުދުސްއަށް ބަދަލުކޮށް، އިޒްރޭލްގެ ވެރިރަށުގެ ގޮތުގައި އެސިޓީ ހަމަޖައްސަން ނިންމި ނިންމުމަށް އެތައް ބަޔަކު ފާޑު ކިޔަމުން އަންނަ ދަނޑިވަޅެއްގައިކަން ފާހަގަ ކޮށްލެވެއެވެ."22 އަހަރުވެއްޖެ އެމެރިކާގެ ރައްޔިތުން، އެމްބަސީ ޤުދުސްއަށް ބަދަލު ކުރަން ބޭނުންވެފައި ތިބޭތާ. އެކަމަކު އެއްވެސް ރައީސެއް، އޮބާމާ އެއްވެސް، ކްލިންޓަންއެއްވެސް، އަދި ބުޝް އަކަށްވެސް އެކަމެއް ނުވި. އެބޭފުޅުންގެ ތެރެއިން އެކަކަށްވެސް އެމެރިކާގެ ރައްޔިތުންގެ އަޑެއް ނޭހުނު" ސީއެންއެންއަށް ދެއްވި އިންޓަވިޔުއެއްގައި ނިކީ ވިދާޅުވިއެވެ.އެމެެރިކާގެ މިނިންމުމާއި ގުޅިގެން އެކަމާއި ދެކޮޅަށް އަޑު އުފުލި ފަލަސްތީނުގެ ގިނަ އަދަދެއްގެ ރައްޔިތުން ބުނީ، އެމެރިކާގެ ނިންމުމުގެ ސަބަބުން، ފަލަސްތީނާއި އިޒްރޭލްގެ މައްސަލައިގައި އެމެރިކާ ވަކި އަތަކަށް ޖެހިފައިވާ މިންވަރު ވަރަށް ރަނގަޅަށް ހާމަވާ ކަމަށެވެ. އަދި ޓްރަމްޕްގެ ނިންމެވުމުގެ ސަބަބުން، އެމެރިކާގެ އަސްލު ސޫރަ ދުނިޔެއަށް ހާމަވެފައިވާކަމަށްވެސް ފަލަސްތީނުގެ ރައްޔިތުން ދަނީ ބުނަމުންނެވެ. އެމެރިކާގެ ނިންމުމަކީ، އދގެ ޤަރާރުތަކާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ