މިއަހަރުގެ ސްކޫލް ކްރިކެޓް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ސްޕޮންސަރަކަށް އެސްޓީއޯ އަދި ރަމަޟާން ކްރިކެޓް ކާނިވަލްގެ ސްޕޮންސަރަކަށް ޕޭން އޯ ސައިން އިންޓަނޭޝަނަލް ހަމަޖައްސައިފި އެވެ.
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިންގެ ފަރާތުން އެ ދެ ސްޕޮންސަރުންނާއެކު ސޮއިކުރުން އޮތީ، 2012 ވަނަ އަހަރު ކްރިކެޓްގެ ދާއިރާއިން ފާހަގަކޮށްލެވޭ ވަނަތަކާއި ހިދުމަތްތައް ހޯދި ފަރާތްތަކަށް އިނާމު ދިނުމަށް ރޭ ޣިޔާސުއްދީން ސްކޫލްގައި ބޭއްވި "ކްރިކެޓް ނައިޓް 2013"ގެ ހަފްލާގަ އެވެ.
ސްކޫލް ކްރިކެޓް ޑިވެލޮޕްމަންޓް ޕްރޮގްރާމް 2013ގެ ސްޕޮންސާ، އެސްޓީއޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ސޭލްސް އެންޑް މާކެޓިން، އާދަމް އާޒިމް އެވެ. އަދި ރަމަޟާން ކްރިކެޓް ކާނިވަލްގެ ސްޕޮންސާ، ޕޭން އޯ ސައިންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ، މުޙައްމަދު ޝަރީފް އެވެ. އެ ދެ އެއްބަސްވުމުގައި ކްރިކެޓް ބޯޑުގެ ފަރާތުން ސޮއި ކުރެއްވީ ކްރިކެޓް ބޯޑުގެ ރައީސް އަހްމަދު ޙަސަންދީދީ އެވެ.
ރޭގެ ރަސްމިއްޔާތުގައި ކްރިކެޓް ބޯޑުގެ ރައީސް ވަނީ ރާއްޖޭގައި ކްރިކެޓްގެ ހަރަކާތްތައް އިތުރަށް ފުޅާކޮށް ތަރައްގީކުރުމަށް ކްރިކެޓް ބޯޑުގެ ފަރާތުން ރާއްވާފައިވާ ކަންތައްތަކާ ބެހޭގޮތުން ވާހަކަދައްކަވައިފަ އެވެ.
ކްރިކެޓް ބޯޑުގެ ރައީސް ވިދާޅުވި ގޮތުގައި އޭސީސީއާއި އައިސީސީގެ އެހީގެ ދަށުން ރާއްޖޭގައި ހިންގުމަށް ރާވާފައިވާ ކްރިކެޓް ތަރައްގީގެ މަޝްރޫއުތައް ކަމަށްވާ ކްލަބް ކްރިކެޓް ތަރައްގީ ކުރުމާއި، ޑިވެލޮޕްމަންޓް ކޯޗެއް ހޯދުމާއި، ހިންނަވަރު ކްރިކެޓް އަހުސް ތަރައްގީކުރުމަށް ވަނީ ނިންމައިފަ އެވެ. އަދި 2014 ވަނަ އަހަރުގެ ކްރިކެޓް ހަވީރު، ވީހާވެސް ގިނަ ބަޔަކަށް ބައިވެރި ވެވޭނޭގޮތަށް އިންތިޒާމު ކުރުމަށް ކްރިކެޓް ބޯޑުން ނިންމަވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސްކޫލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ސްޕޮންސަރަކަށް އެސްޓީއޯ، ރަމަޟާން ކްރިކެޓް ކާނިވަލް ސްޕޮންސަރަކަށް ޕޭން އޯ ސައިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ