ގޭޓްމަތިން ބޭރަށް މެމްބަރުން "އުކާލުމުގެ" ޒިންމާ ޖެނެރަލް ޝިޔާމް ނަގަންޖެހޭނެ: ގާސިމް އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ގޯތިތެރެއަށް ވެދެވަޑައިގެންނެވި މަޖިލީހުގެ މެމްބަރުން، މަޖިލީހުގެ އިދާރާގެ ގޭޓްމަތިން ބޭރަށް "އުކާލުމުގެ" ފުރިހަމަ ޒިންމާ، ގައުމީ ދިފާއީ ބާރުގެ ވެރިޔާ ޖެނެރަލް ޝިޔާމް އުފުއްލަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިރޭ ކުރައްވާފައިވާ ޓްވީޓެއްގައި ގާސިމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާލަމެންޓަށް ވެދެވަޑައިގަތުމަށް ހުރަސްއެޅުއްވުމުގެ ގާނޫނީ އެއްވެސް އިޚްތިޔާރެއް ޖެނެރަލް ޝިޔާމްއަށް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.
ހަމައެއާއެކު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ލިބިވަޑައިގަންނަވާ އިމްތިޔާޒުތަކަށް ހުރަސްއަޅާ ފަރާތްތައް ވަރަށް އަވަހަށް އިންސާފުގެ ކުރިމަތިމައްޗަށް ގެނެވޭނޭ ކަމަށްވެސް ގާސިމް ވިދާޅުވެފައި ވެއެވެ.
ދައުރުގެ ބޭރުން ކަމަށްބުނެ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާއަށްވެސް، މަޖިލީހުގެ 12 މެމްބަރަކު ވަނުމަށް، މަޖިލީހުގެ އިދާރާގެ ސަލާމަތީ ކަންކަން ބަލަހައްޓަން ތިބި ސިފައިންވަނީ ހުރަސްއަޅާފައެވެ. ވަކި 12 މެމްބަރަކު ވަނުމަށް ސިފައިން ހުރަސްއެޅުމުން ގުޅިފައިވާ ޕާޓީތަކުގެ މެމްބަރުންވަނީ މިއަދުގެ ޖަލްސާ ބޮއިކޮޓް ކުރައްވާފައެވެ.
ގުޅިފައިވާ ޕާޓީތަކުގެ ބައެއް މެންބަރުން މަޖިލީހުގެ އިދާރާއަށް ވެދެވަޑައި ގަތުމަށް މަސައްކަތް ކުރައްވާފައިވަނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހާއި ބުދަ ދުވަހުއެވެ. އެދެ ދުވަހުންވެސް ސިފައިންވަނީ މަޖިލީހުގެ ގޭޓުން މެމްބަރުންނަށް ހުރަސްއަޅާފައެވެ. އެކަމާހެދި މަޖިލީހުގެ ގޭޓްމަތިން ގޯތިތެރެއަށް 5 މެމްބަރަކު ފުންމާލެއްވުމުން، ސިފައިންވަނީ ބާރުގެ ބޭނުންކޮށް އެމެމްބަރުން ގޭޓްމަތިން ބޭރަށް ނެރެފައެވެ.
އިދިކޮޅު އެހެން މެމްބަރުން ރައްޔިތުންގެ މަޖިލީހަށް ވަޑައިގެންނެވީ މަޖިލީހުގެ ޖަލްސާތައް ނުފެށި ލަސްވާތީ އެކަމުގެ ސަބަބު ސާފުކުރުމަށް މަޖިލީހުގެ އިދާރާގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ކަމަށް މެމްބަރުން ވިދާޅުވިއެވެ.
ސިފައިން ގޭޓްމަތިން މަގުމައްޗަށް ނެރުނު މެންބަރުގެ ތެރޭގައި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުއާއި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް އާއި، ތިމަރަފުށި ދާއިރާގެ މެންބަރު މުހައްމަދު ފުސްތަފާ އާއި، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރުގެ އިތުރުން ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު ހިމެނިވަޑައިގަންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ