މެމްބަރު ސިނާން ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންގޮސްފި

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންގޮސްފި އެވެ.
މެންބަރު ސިނާން ދޫނިދޫއަށް ގެންދިޔައީ މިއަދު ހަވީރު ފުލުސް އޮފީހަށް ހާޒިރުވުމަށް އެންގުމުން ސިނާން އަމިއްލައަށް ފުލުހުންގެ ބެލުމުގެ ދަށަށް ވަޑައިގަތުމުން މީގެ ކުޑައިރުކޮޅެއްގެ ކުރިންނެވެ.
ފުލުހުން މިއަދު ކުރި އިއުލާނެއްގައި ވަނީ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މ.އަލިމަސްވާދީ، އަބްދުﷲ ސިނާންއާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ހޯދަމުންދާ ކަމަށެވެ. އެހެން ނަމަވެސް އިލްހާމް ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގެން ކަމަށް އަދި ވަނީ ސާފް ވާގޮތް ނުވެފައެވެ.
ފުލުހުން ވެސް މިކަމާ ބެހޭ ގޮތުން އިތުރު ތަފްސީލެއް އަދި ދީފައެއް ނުވެއެވެ.
ޖެނުއަރީ 31 ވަނަ ދުވަހުގެ ރޭ ވެސް ފުލުހުން ވަނީ މިދެބޭފުޅުން ހޯދުމަށް އިއުލާންކޮށްފައެވެ. އެފަހަރު އެންގީ ދެހަފުތާތެރޭ ފުލުސް އޮފީހަށް ހާޒިރުވުމަށެވެ.
ރާއްޖެއިން ބޭރުގައި ތިއްބަވަނިކޮށް ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައި ވަނިކޮށް، ސުޕްރީމް ކޯޓުން މިމަހުގެ 1 ވަނަ ދުވަހު ނެރުނު އަމުރަށްފަހު މިމަހުގެ 4 ވަނަ ދުވަހު އިލްހާމާއި ސިނާން ރާއްޖެ ވަޑައިގަތުމުން އެއާޕޯޓުން ފުލުހުން ވަނީ ދެބޭފުޅުން ހައްޔަރުކޮށްފައެވެ. ޖެހިގެން އައި ދުވަހު ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބައިތިއްބަންޖެހޭ ތަނެއް ނެތް ކަމަށް ކަނޑައަޅައި ދެބޭފުޅުން ވެސް ވަނީ ދޫކޮށްލާފައެވެ.
ކޯޓުން މިދެބޭފުޅުން ދޫކޮށްލި ފަހުން ސިޔާސީ އެއްވެސް ހަރަކާތަކުން ނުފެނެއެވެ. އަދި ސޯޝަލް މީޑިއާގައި ވެސް ގައުމުގައި ހިނގަމުންދާ ކަންކަމާ ގުޅޭގޮތުން އޭގެ ފަހުން އެއްޗެއް ވިދާޅެއް ނުވެއެވެ.
ކުރީ ފަހަރު މިބޭފުޅުން ހޯދަން ފުލުހުން ނެރުނު ބަޔާނުގައި އެބޭފުޅުން ހޯދާ ސަބަބެއް ކަމަށް ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގައި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށެވެ. ނަމަވެސް މިފަހަރު މައްސަލައިގެ އެއްވެސް ތަފުސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
އިލްހާމާއި ސިނާން ރާއްޖެ ވަޑައިގަތީ ރާއްޖެއިން ބޭރުގައި އަށެއްކަ މަސް ވަންދެން ތިއްބެވުމަށްފަހުއެވެ. އިލްހާމާއި ސިނާނަކީ ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލައިގެ ލިޔުމުގައި ސޮއިކުރައްވާފައި ވަނިކޮށް، ޕީޕީއެމުން ވަކިކުރީ ކަމަށްބުނެ ސުޕްރީމް ކޯޓުގެ ހުކުމާ ގުޅުވައިގެން ގޮނޑި ގެއްލިއްޖެ ކަަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ދެބޭފުޅުންނެވެ. ނަމަވެސް މިމަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެޅި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސާފުބަހުން ބަޔާންކޮށްފައެވެ. އަދި ފަހުން ސުޕްރީމް ކޯޓުން ނެރުނު އަމުރުގައިވެސް އެބައި ބާތިލްކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ