ރައީސް ޔާމީނުގެ ސަރުކާރަކީ، ގާނޫނުއަސާސީ ފުނޑާލައި، ކައުންސިލަރުންގެ ބާރު ކަނޑުވާލަންއުޅޭ އަނިޔާވެރި ސަރުކާރެއް ކަމަށާއި މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި މާމިގިލީގެ ރައްޔިތުން ރައީސް ޔާމީނަށް ނޫނެކޭ ބުނާނެ ކަމަށް މާމިގިލީ ކައުންސިލްގެ ރައީސް އަބުދުﷲ މުފީދު ވިދާޅެއްޖެއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މާމިގިލީގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަމުން އަބުދުﷲ މުފީދު ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށް އޮޅުވާލައި، ރައްޔިތުންނަށް ދެމުންގެންދާ އަނިޔާ ކުށްވެރިކުރައްވާ ކަމަށާއި، މާމިގިލި އަބަދުވެސް އަނިޔާވެރިކަމަށް ނޫނެކޭ ބުނާނެ ރައްޔިތެއް ދިރިއުޅޭ ރަށެއް ކަމަށެވެ.
ސަރުކާރުން ގުޅިފައިވާ ޕާޓީތަކުގެ ހަތަރު ލީޑަރުންނަށާއި ދިވެހި ރައްޔިތުންނަށް ދެމުންގެންދާ އަނިޔާތަކާއި އޮޅުވާލާ އޮޅުވާލުންތައް މިހާރުން މިހާރައް ހުއްޓާލައި، ގައުމުގެ ވެރިކަން ގާނޫނުއަސާސީ އާއި އެއްގޮތަށް ހިންގާނެ ބަޔަކާ ހަވާލު ކުރުމަށް މާމިގިލީ ކައުންސިލްގެ ރައީސް އަބުދުﷲ މުފީދު ވަނީ ގޮވާލައްވާފައެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ހަތަރު ލީޑަރުންނަކީ އެއްބައިވަންތަ ކަމުގެ މިސާލެއް ކަމަށާއި މާމިގިލީގެ ރައްޔިތުން އެބޭފުޅުން ނިންމާ ކޮންމެ ނިންމުމަކަށް ތާއީދު ކުރާނެ ކަމަށާއި އެބޭފުޅުން އިހްތިޔާރުކުރާ ކޮންމެ ބޭފުޅަކުވެސް އުފަލާއެކީ މާމިގިލީގެ ރައްޔިތުން ބަލައިގަނެ އެބޭފުޅަކަށް ވޯޓް ދެއްވާނެކަމަށް މުފީދު ވިދާޅުވިއެވެ.
މުފީދު ވިދާޅުވީ، ސަރުކާރުން މާމިގިލީގައި ކުރަން ނިންމާ ތަރައްގީގެ ކޮންމެ މަޝްރޫއެއްގަވެސް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމު އިބުރާހީމްގެ 50% ނުހިމެނޭ ކަމެއް މާމިގިލީގައި މިހާތަނަށް ކުރެވިފައި ނެތް ކަމަށެވެ.
މާމިގިލީގެ ބަނދަރާއި ބެހޭގޮތުން ސަރުކާރުން ކައުންސިލުގެ ބޮލުގައި އަޅުވަމުންދާ ތުހުމަތުތަކަށް ރައްދު ދެއްވަމުން މާމިގިލީ ކައުންސިލްގެ ރައީސް ވިދާޅުވީ، އެ ކައުންސިލުން މާމިގިލީގައި ޕޯޓެއް ހެދުމަކީ އެކަމަކަށް މަރުހަބާކިޔާ އަދި އެންމެ ބޭނުންޖެހިފައިވާ އެއްކަންތައް ކަމަށެވެ.
އެކަމަކު މާމިގިލީގައި ޕޯޓެއް ހެދުމުގެ ނަމުގައި ސަރުކާރުން މާމިގިލީގެ ދެބައިކުޅަ އެއްބައިގެ ބޮޑު ޕްލޭނެއް ހެދިޔަސް އެއީ އަދި އިންޓަނޭޝަނަލް ޕޯޓެއް ހެދުމުގެ މަސައްކަތް ކުރުންކަމަށް ގަބޫލެއް ނުކުރެވޭ ކަމަށެވެ.
ކައުންސިލުން ކަނޑައަޅާފައިވާ އޭރިއާ އަކީ ޕޯޓް ހެދުމަށް އެންމެ އެކަށީގެންވާ އޭރިއާ ކަމަށްވެސް މުފީދު ވިދާޅުވިއެވެ. އެނޫން އެހެންތަނެއްގައި ޕޯޓެއް ހެދުމަކީ މާމިގިލީގެ ރައްޔިތުން ބަލައއިގަންނާނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގައި މާމިގިލީ ރައްޔިތުން ރައީސް ޔާމީނަށް ބުނާނީ ނޫނެކޭ: ކައުންސިލް ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ