ރައީސް މައުމޫންގެ ދޮށީ ފިރިހެން ދަރިކަލުން އަހުމަދު ފާރިސް މައުމޫން މިހާރު ފުރުއްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާއަށް، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވުމަށް އެދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމް ނިންމެވުމުން، ނާޒިމަށް ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގަންނަވާކަމަށް ރައީސް މައުމޫން ވިދާޅުވެއްޖެއެވެ.
2014 ވަނަ އަހަރު މަޖިލިސް އިންތިޚާބުގައި ވާދަކުރައްވައި ދިއްގަރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާ، އެ ދާއިރާގެ މެންބަރުކަމުގައި ހުންނަވަނިކޮށް، ކޮރަޕްޝަންގެ ކުށް ސާބިތުވާކަމަށް ނިންމާ 2015ވަނަ އަހަރު ނާޒިމްގެ ގޮނޑި ގެއްލިފައިވާކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ނާޒިމްގެ ގޮނޑި ގެއްލުމާ ގުޅިގެން ބޭއްވި ބައި އިލެކްޝަން ކާމިޔާބު ކުރައްވައި މިހާރު ދިއްގަރު ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނެވެ.
ނާޒިމް ކުރިން އެންމެ ގާތްކޮށް އުޅުއްވި، ރައީސް ޔާމީންގެ ވެރިކަން ނިމުމާއެކު، ސުޕްރީމް ކޯޓުން މިނިވަންކުރި ބޭފުޅުންގެ ތެރޭގައި ނާޒިމްވެސް ހިމެނިވަޑައިގަތުމާއި ގުޅިގެން ނާޒިމް ވަނީ ރާއްޖެވަޑައިގެންފައެވެ. އަދި ދިއްގަރު ދާއިރާގެ ކެންޕެއިން ނާޒިމް ވަނީ ފައްޓަވާފައެވެ.
ނާޒިމްގެ ނިންމެވުން ޓްވިޓާގައި ހާމަކުރެއްވުމާއިއެކު، ރައީސް މައުމޫން ވަނީ މާތްﷲގެ ތަނަވަސް ރަޙުމަތްފުޅުން ނާޒިމަށް ވަރަށް ފުރިހަމަ ކާމިޔާބީއަކަށް އެދޭކަމަށް ވިދާޅުވެފައެވެ.
ރައީސް މައުމޫން، ނާޒިމަށް: ވަރަށް ފުރިހަމަ ކާމިޔާބީއަކަށް އެދެން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ