ފްލެޓަށް ފައިސާ ދެއްކޭނެ ގޮތެއް ފަހިކޮށްދިނުމަށް މައުމޫނު އެދިވަޑައިގެންފި

ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން މާލެއިން ފްލެޓް ލިބުނު މީހުންނަށް ފައިސާ ދެއްކޭނެ ފަސޭހަ މަގެއް ހޯދައިދީ، ފްލެޓްތަކުގައި ދިރިއުޅޭވޭނެ ގޮތް ހަމަޖައްސައިދިނުމަށް ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް އެދިވަޑައިގެންފި އެވެ.
ރައީސް މައުމޫނު މިކަމަށް އެދިވަޑައިގެންނެވިކަން ހާމަކޮށްފައިވަނީ އެޕާޓީގެ ނައިބް ރައީސާ އާމިނަތު ނާދިރާ ސޮއިކުރައްވާ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިޒަށް ފޮނުއްވި ސިޓީއެއްގައެވެ. މިސިޓީގައި ބުނެފައިވަނީ ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ފްލެޓް ލިބިފައިވާކަމުގެ ލިޔުން ދީފައިވާ މީހުންނަކީ އެކަމަށް ޝަރުތު ހަމަވާ މީހުން ކަމުގައި ދެކޭ ކަމަށެވެ. އަދި މި ޕްރޮގްރާމަށް ޝަރުތު ހަމަވެފައިވަނީ އެމީހުންގެ މާލީ ހާލަތާއި، ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށްފަހު ކަމަށްވީނަމަވެސް ފްލެޓް ދިނުމަށް ހަމަޖެހިފައިވަނީ އެއްފަހަރާ ދެމިލިއަން ރުފިޔާ ދެއްކޭނެ މީހުންނަށް ކަމަށް އަންގާފައިވާ ކަަމަށެވެ. އަދި ދެ މިލިއަން ރުފިޔާ ދެއްކުމަށް ބޭންކު މެދުވެރިކޮށް ލޯނު ލިބޭނެ ކަމަށާއި، އެކަމަކު ލޯނު ދޫކުރާ އުސޫލަށް ބަލާއިރު ނަގާ ލޯނުގެ 20 އިންސައްތައަށްވާ ފައިސާ އެމީހެއްގެ އެކައުންޓްގައި ހުންނަން ޖެހޭކަމަށް ކަނޑައަޅާފައިވާތީ، މިއީ ވަރަށް ބޮޑު ތަކުލީފެއް ކަމަށް ފްލެޓް ލިބުނު މީހުން ތަކުރާރުކޮށް ސަރުކާރަށް އަންގަމުންދާ ކަމަށެވެ.
ސިޓީގައި އިތުރަށް ބުނެފައިވަނީ ޕީ.ޕީ.އެމް ގެ ސަރުކާރު އައީ ރައްޔިތުންނަށް ގެދޮރު ނެތުމުގެ ދަތިކަން ފިލުވައިދީ، ގެދޮރުގެ ތަނަވަސްކަން އިތުރު ކުރުމަށް މަސައްކަތް ކޮށްދޭނެ ކަމުގެ ވަޢުދުތަކަކާއި އެކުގައި ކަމަށެވެ.
"ޕީ.ޕީ.އެމް ގެ ސަރުކާރު އައީ ރައްޔިތުންނަށް ގެދޮރު ނެތުމުގެ ދަތިކަން ފިލުވައިދީ، ގެދޮރުގެ ތަނަވަސްކަން އިތުރު ކުރުމަށް މަސައްކަތް ކޮށްދޭނެކަމުގެ ވަޢުދުތަކަކާއި އެކުގައެވެ. އެ ގޮތުން، ގެދޮރު ނެތުމުގެ ނިކަމެތިކަން އެންމެ ބޮޑަށް ތަޖުރިބާ ކުރާ ޢާއިލާތަކަށް ގެދޮރު ހޯދައިދިނުމާއި، ދައުލަތުގެ ބަޖެޓުން ފައިސާ ޖަމާކޮށްދޭ ހައުސިންގް ފައިނެންސް ފަންޑެއް ޤާއިމުކޮށް، އެ ވަސީލަތް ދަމަހައްޓައި، 2007 ވަނަ އަހަރު ތަޢާރަފް ކުރެވުނު ލުއިލޯނު ދޫކުރުމުގެ ނިޒާމު ހަރުދަނާކޮށް، ދަށް އިންޓަރެސްޓް ރޭޓެއްގައި ހައުސިންގް ލޯނު ލިބޭނެ ގޮތް ހަދައި، އެ ލޯނު ލިބޭނެ ގޮތް ފުޅާކޮށް ، ހައުސިންގް ސަބްސިޑީސް ނިޒާމެއް ޤާއިމުކޮށް، ހޯމް ސްޓްރަކްޗަރ ލޯން ސްކީމެއް ތަޢާރަފް ކުރުން ފަދަ އެތައް ކަމެއް ޕީ.ޕީ.އެމް ރިޔާސީ އިންތިޚާބުގެ ވަޢުދުތަކުގައި ހިމެނެއެވެ" ރައީސް މައުމޫނުގެ ސިޓީގައި ވެއެވެ.
އެހެންވެ މި ތަކުލީފު އުފުލަން ޖެހިފައިވާ ފަރާތްތަކަށް ފަސޭހަ ގޮތަކަށް ފައިސާ ދެއްކޭނެ ގޮތުގެ ހަރުދަނާ ނިޒާމެއް ގާއިމްކޮށް، ފްލެޓް ލިބިފައިވާ މީހުންނަށް އެ ފްލެޓްތަކުގައި ވީ އެންމެ އަވަހަކަށް ދިރިއުޅެން ފެށޭނެ ގޮތެއް ހަމަޖައްސަވައި ދެއްވުމަށް ޕާޓީގެ ރައީސް މައުމޫނު ވަނީ ހައުސިން މިނިސްޓަރުގެ އަރިހުން އެދިވަޑައިގެންފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ