އަރިހުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޓެރަރިޒަމްގެ ތުހުމަތުކޮށް ހައްޔަރުކުރުމުން ހައިރާންވެވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދީގެން ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމުގެ ތުހުމަތުކޮށް ރައީސް މައުމޫނުގެ ހަށިފާރަވެރިޔާ މުހައްމަދު އަޒްމީއާއި ރައީސް މައުމޫންގެ އޮފީހުގައި މަސައްކަތްކުރާ އަންހެން މުވައްޒަފެއްގެ އިތުރުން ބިދޭސީ ޑްރައިވަރެއް ފުލުހުން އިއްޔެ ވަނީ ހައްޔަރުކޮށްފަ އެވެ.
މިމައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވާ ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޮޑު ތުހުމަތެއްގައި އަރިހުގައި މަސައްކަތްކުރާ ތިން މުވައްޒަފަކު ހައްޔަރު ކުރުމުން އާދަޔާހިލާފު ހައިރާން ކމެއް ލިބިވަޑައިގެންނެވި ކަމަށެވެ.
ފުލުހުން އިއްޔެ ހައްޔަރުކުރި ރައީސް މައުމޫންގެ އޮފީހުގައި މަސައްކަތްކުރާ އަންހެން މުވައްޒަފު ނަޖުމާ އިބްރަހީމް ރޭގެ ވަގުތެއްގައި ވަނީ ގޭބަންދަށް ބަދަލުކޮށްފަ އެވެ.
ފުލުހުން ރޭގެ ވަގުތެއްގައި ނަޖުމާ ގޭބަންދަށް ބަދަލުކުރީ އޭނާ އަކީ އަށް މަހުގެ ތުއްތު ކުއްޖެއްގެ މަންމައަކަށްވާތީ އޭނާ ޖަލުގައި ބަންދުކޮށްފިނަމަ ތުއްތު ދަރިފުޅުގެ ސިއްހަތަށް ލިބިދާނެ ގެއްލުންތައް ބަޔާންކޮށް ނަޖުމާގެ ގާނޫނީ ވަކީލުން ފުލުހުންނާއި ކްރިމިނަލް ކޯޓަށް ޝަކުވާ ހުށަހަޅާފައިވަނިކޮށެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ އޮފީހުގައި މަސައްކަތް ކުރާ ނަޖުމާ ހައްޔަރުކުރިއިރު ފުލުހުން ވަނީ އެގެއިން ފޯނަކާއި ބުރުގަލެއް ގެންގޮސްފަ އެވެ.
ރައީސް މައުމޫނާ ގުޅުންހުރި ތިން މީހަކު ދިރިއުޅޭ ތިން ގެއެއް އެއް ފަހަރާ ބަލައި ފާސްކޮށް ތިން މީހަކު ހައްޔަރުކޮށްފައިވާއިރު ގުޅިފައިވާ ޕާޓީ ތަކުގެ ހަތަރު ލީޑަރުންގެ ތެރެއިން މިވަގުތު ހުކުމެއް ތަންފީޒު ކުރަމުން ނުދާ ހަމައެކަނި ލީޑަރަކީ ރައީސް މައުމޫންއެވެ،
ރައީސް މައުމޫނުގެ ފިރިހެން ދަރިކަލުން ފަރިސް މައުމޫންވެސް ފުލުހުންގެ ބަންދުގައި މިހާރު ހުންނެވީ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދީގެން ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމުގެ ތުހުމަތުގަ އެވެ.
މުވައްޒަފުން ހައްޔަރު ކުރުމުން މައުމޫން ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ