ދާއިރާގެ ހައްގުތައް ވަނީ ގެއްލިފައި، އަވަހަށް އިންސާފުވެރި ހުކުމެއްކޮށްދެއްވާ: ލަތީފު

ރައްޔިތުންގެ މަޖިލީހުގައި ތަމްސީލްވުމުގެ ފުރުސަތު ނުލިބުމުގެ ސަބަބުން ދިއްދޫ ދާއިރާގެ ރައްޔިތުންގެ އެތައް ހައްގުތަކެއް ގެއްލިފައިވާކަމަށާ އެހެންކަމުން އެ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރެއްވުމަށް ވީހާވެސް އަވަހަށް އިންސާފުވެރި ހުކުމެއްކޮށްދެއްވުމަށް ދިއްދޫ ދާއިރާގެ މެންބަރު އަބުދުލްލަތީފު މުހައްމަދު އެދިވަޑައިގެންފިއެވެ.
މެންބަރު ލަތީފް މިކަމަށް އެދިވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ މެންބަރުންގެ ތެރެއިން ދިއްދޫ ދާއިރާގެ މެންބަރު އަބުދުލްލަތީފު ހުށައަޅުއްވާފައިވާ މައްސަލައާއި ގުޅިގެން މިއަދު ބޭއްވި އަޑުއެހުމެއްގައެވެ. މިއީ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗަށް ބަދަލުތަކެއް އައިސްފައިވާތީ އިޖުރާއަތު ފުރިހަމަކުރުމަށް ބޭއްވި އަޑުއެހުމެކެވެ.
މި އަޑުއެހުމުގައި ވާހަކަދައްކަވަމުން މެންބަރު ލަތީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ތަމްސީލްވުމުގެ ފުރުސަތު ނުލިބުމުގެ ސަބަބުން ދިއްދޫ ދާއިރާގެ ރައްޔިތުންގެ އެތައް ހައްގުތަކެއް ގެއްލިފައިވާކަމަށެވެ. އެއީ ރައްޔިތުން ތަމްސީލްކުރަން އިންތިޚާބުކޮށްފައިވާ މެންބަރެއްގެ ހައިސިއްޔަތުން ވަރަށް ކަންބޮޑުވެވަޑައިގަންނަވާކަމެއްކަމަށް ލަތީފް ވިދާޅުވިއެވެ. ލަތީފް ވިދާޅުވީ މިއަހަރުގެ ބަޖެޓް ފާސްކުރެވިގެންދިޔައީ ދިއްދޫ ދާއިރާގެ ރައްޔިތުންގެ ބަހެއްނެތިކަމަށާ، ދިއްދޫގައި ފެށިފައިވާ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާކަމަށެވެ. އަދި އެކަންކަމުގެ ކަންބޮޑުވުންތައް ހާމަކުރުމަށް ހުރަސްއެޅިފައިވާކަމަށާ އެހެންކަމުން އެ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރެއްވުމަށް ވީހާވެސް އަވަހަށް އިންސާފުވެރި ހުކުމެއްކޮށްދެއްވުމަށް އެދޭކަމަށެވެ.
ލަތީފް ވިދާޅުވީ ސަރުކާރުން މައްސަލައެއް ހުށައެޅުމުން މިހާތަނަށް ކޯޓްތަކުން ވަރަށް އަވަހަށް ނިންމައިދެމުންދިޔަކަމަށެވެ. އެހެންކަމުން އެ އުސޫލުގެ ދަށުން ވީހާވެސް އަވަހަށް މަޖިލީހުގައި ތަމްސީލްވުމުގެ ފުރުސަތު ފަހިވާނެގޮތަށް ހުކުމެއްކޮށްދެއްވުމަށް އެެދޭކަމަށެވެ. ލަތީފް މި މޭރުމުން ވާހަކަފުޅު ދެއްކެވިނަމަވެސް ފަނޑިޔާރުންގެ ބެންޗުން ެމެންބަރުގެ ވާހަކަފުޅު ހުއްޓުވުމަށް އެއްވެސް މަސައްކަތެއްކޮށްފައިނުވާކަން ފާހަގަކުރެވެއެވެ.
ލަތީފްގެ ވާހަކައަށްފަހު މައްސަލަ ބައްލަވާ ބެންޗުގެ އިސް ފަނޑިޔާރު، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ އަޑުއެހުމަކީ އިޖުރާއަތު ފުރިހަމަކުރަން ބޭއްވި އަޑުއެހުމެއް ކަމަށެވެ. އަދި ވަރަށް އަވަހަށް މިމައްސަލާގައި ހުކުމްކުރައްވާނެކަމަށެވެ. ނަމަވެސް ވަކި ތާރީޚެއް ވިދާޅުވެފައެއްނުވެއެވެ.
ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި 12 މެމްބަރުންގެ ގޮނޑީ ނުގެއްލޭ ކަމަސް ވަނީ އަމުރު ކޮށްފައެވެ. އެއަމުރަށްފަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހައްޔަރު ކުރުމަށްފަހު ބެންޗަށް ވަނީ ބަދަލު ގެނެސްފައެވެ.
އޭގެ ފަހުން ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީގައި ނެރުނު އަމުރުގެ އެބައި ބާތިލްކުރުމަށް ދައުލަތުގެ ފަރާތުން ބަނޑާރަނައިބު ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.
އެ މައްސަލާގައި ސުޕްރީމް ކޯޓުން ނިންމީ، މެންބަރުންގެ މައްސަލާގައި ހުކުމެއް ކުރަންޖެހޭ ކަމަށާއި އެއީ ސުޕްރީމް ކޯޓުގެ ހުކުމަކުން ނިންމަންޖެހޭ ފަދަ މައްސަލަތަކެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ