އީއައިއޭ ނަހަދާ އިންޖީނުގެ އަޅަންފެށީ ކުރީ ސަރުކާރުން - ފެނަކަ

އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓު ހެދުމަކާ ނުލައި ފަސް ރަށެއްގައި އިންޖީނުގެ އެޅުމުގެ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަމަށް ފެނަކަ އިން ބުނެފިއެވެ.
އީއައިއޭ ނުހަދައި އިންޖީނުގޭގެ މަސައްކަތް ފެށީ ހއ. ތަކަންދޫ އާއި ހދ. ފިނޭ އާއި ނ. ހެނބަދޫ އާއި ނ. މާޅެންދު އާއި ބ. ކެންދޫގެ އިންޖީނުގެތަކެވެ.
އީއައިއޭ ރިޕޯޓު ހެދުމަކާއި ނުލައި އެ ފަސް ރަށުގައި އިންޖީނުގެ އަޅަން ފެށުމުން އެންވަޔަރަމެންޓް ޕްރޮޓެކްޝަނަލް އޭޖެންސީ (އީޕީއޭ) އިން ވަނީ ފެނަކަ ހަ ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށްފައެވެ. އަދި ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި ދައްކަން ވަނީ ފެނަަކައަށް އަންގާފައެވެ.
އެކަމާ ގުޅިގެން ފެނަކަ އިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މަޝްރޫއުތަކަކީ 2017 ވަނަ އަހަރުގެ ޖުލައި އަދި އޮގަސްޓު މަހުގެ ތެރޭގަ ފަށާފައިވާ މަޝްރޫއުތަކެއް ކަމަށެވެ. އަދި މި ސަރުކާރު އައިސް މިހާރުގެ މެނޭޖްމަންޓާ ކުންފުނި ހަވާލުވި ފަހުން، އެ ރަށްތަކުގެ މައްސަލަ އީޕީއޭގެ ސަމާލު ކަމަށް ގެނައި ކަމަށާއި، އަދި އެ ކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް ފެށީ ފެނަކައިގެ އިސް ނެގުމުގެ މަތިން ކަމަށް ފެނަކަ އިން ބުންޏެވެ.
އީއައިއޭ ނުހެދި މައްސަލާގައި އެ ހާބޮޑު އަދަދެއް ދައްކަން ޖެހުނީ ފެނަކަ ކުންފުނީގެ ކުރީގެ ވެރިން ކޮށްފައިވާ ޒިންމާދާރުކަމެއް ނެތް ކަންކަމުގެ ސަބަބުން ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
"ދެންނެވުނު ކަންކަމަށް ރިއާޔަތްކޮށް އެ ކަމުގައި ޒިންމާ ނަގަން ޖެހޭ ފަރާތްތައް ޒިންމާ ކުރުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވަމެވެ". ފެނަކައިގެ ބަޔާނުގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ