ސައުދީން ދިން 50 މިލިއަން ޑޮލަރުގެ އެއްބަސްވުމުގައި 2018 ވަނަ އަހަރު އޮތީ ސޮއި ކުރެވިފައި

ދިވެހި ސަރުކާރުން ހިންގަމުން އަންނަ މަސްވެރިކަމާއި ބޯހިޔާވަހިކަމުގެ މަޝަރޫއުތަކަށް އެހީވުމުގެ ގޮތުން ސައޫދީ އަރަބިއްޔާގެ ފަންޑު ފޯ ޑިވެލޮޕްމަންޓުން ރާއްޖެ އަށް 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) ގެ ލޯނެއް ދޭން އެއްބަސްވެ އިއްޔެ ސޮއި ކުރިކަން ފޮރިން މިނިސްޓްރީން ވިދާޅުވިއިރު އެކަމާއި ގުޅޭ އެއްބަސްވުމެއްގައި 2018 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ސޮއި ކޮށްފައި އޮތްކަން ހާމަވެއްޖެއެވެ.
ރައީސް އޮފީހުގެ ވެބްސައިޓްގައި ހުރި މައުލޫމާތައް ބަލާއިރު ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އިންޓީރިއަރ ޕްރިންސް ޢަބްދުލް ޢަޒީޒު ބިން ސަޢުދު ބިން ނާއިފް، ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސަޢުދީ ޢަރަބިއްޔާއާއި ދިވެހިރާއްޖެއާ ދެމެދު އެއެއްބަސްވުމުގައި ސޮއި ކުރެއްވުނީ 2018 ވަނަ އަހަރުގެ ޖުލައި 09 ވަނަ ދުވަހު އެވެ.
ރައީސް އޮފީހުގެ ވެބްސައިޓްގައި ވަނީ އެ އެއްބަސްވުމަކީ "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ ބިޓްވީން ދަ ސަޢުދީ ފަންޑް ފޮރ ޑިވެލޮޕްމެންޓް އެންޑް ދަ ގަވަރމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް ރިގާރޑިންގ ދަ ސަޢުދީ ފަންޑް ޕަރޓިސިޕޭޝަން އިން ދަ ފައިނޭންސިންގ އޮފް އެފޯޑަބްލް ހައުސިން ސްކީމް ޕްރޮޖެކްޓް، އެންޑް ޑިވެލޮޕްމެންޓް އޮފް ފިޝަރީޒް ސެކްޓަރ ޕްރޮޖެކްޓް" ކަމަށެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވީ އޭރުގެ މިނިސްޓަރ އޮފް ފިނޭންސް އެންޓް ޓްރެޜަރީ އަޙުމަދު މުނައްވަރާއި، ސަޢުދީ ފަންޑް ފޮރ ޑިވެލޮޕްމެންޓްގެ ބޯޑް އޮފް ޑިރެކްޓަރސްގެ ޗެއާރމަން އަޙްމަދު ބިން އަޤީލް އަލް ޚަތީބެވެ. އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އޭރުގެ ރައީސް ޔާމީނާއި ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އިންޓީރިއަރ ޕްރިންސް ޢަބްދުލް ޢަޒީޒު ބިން ސަޢުދު ބިން ނާއިފް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ސައުދީން ދޭ ލޯނުގެ ސަބަބުން މަސްވެރިކަން ކުރިއަރުވައި، އަތްފޯރާ އަގުގައި ދިވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ސަރުކާރުން ކުރާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް މިނިސްޓަރ ޝާހިދު އިއްޔެ ވިދާޅުވި އެވެ. އެގޮތުން، ހުޅުމާލޭގައި ހިންގާ މަޝްރޫއުގެ ދަށުން 2،700 މީހުންނަށް ބޯހިޔާވަހިކަން ލިބޭނެ ކަމަށާއި މަސްވެރިކަމުގެ މަޝްރޫއުގެ ސަބަބުން 25،000 މަސްވެރިންނާއި ދަނޑުވެރިންނަށް ފައިދާވާނެ ކަމަށް ވެސް މިނިސްޓަރު އިއްޔެ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ