ރާއްޖެއިން ބޭރުގަިއ ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ސަރުކާރުން ކުރިމަތިކުރާ ވޭނުގެ ބަދަލު ރައްޔިތުން ހިފާނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ. އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި މިފަދައިން ބުނެފައިވަނީ ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓު އަދި ކުރެޑިޓު ކާޑުން ޑޮލަރުގެ މުއާމަލާތް ކުރާ މިންވަރު ހިފަހެއްޓުމަށް ބޭންކުން ނިންމުމާ ގުޅިގެންނެވެ. އިދިކޮޅުން ނެރުނު ބަޔާނުގައި ބުނީ ސަރުކާރުން ބާރު އަޅައިގެން ނިންމާފައިވާ އެ ނިންމުމަކީ އެކަމުގެ ސަބަބުން ރާއްޖެއިން ބޭރުގައި ދިރިއުޅޭ މީހުންނަށް ނިކަމެތިކަން ލިބޭނެ އަނިޔާވެރި ސިޔާސަތެއް ކަމުގައެވެ. އަދި އެބާވަތުގެ ސިޔާސަތު ތަންފީޒުކުރުން ހުއްޓައިލުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލިއެވެ. އަދި ރާއްޖޭގެ އިޤުތިޞާދު ހީނަރުވަމުންދަނީ ސަރުކާރު ނާޤާބިލުކަމާއި ފަސާދައިގެ ސަބަބުން ކަމުގައި އިދިކޮޅުން ފާހަގަކުރިއެވެ. ހަމައެހެންމެ ރާއްޖޭގައި ހުރި ބޭރު ފައިސާގެ ރިޒާވު ވަރަށް ބޮޑަށް ދަށްވެ، ޑޮލަރުގެ އަގު އިންތިހާއަށް އުފުލިފައިވަނީ މާލީ ސިޔާސަތު ތަންފީޒުކުރުމުގައި ސަރުކާރުގެ ޤާބިލުކަމެއް ނެތުމުން ކަމަށްވެސް އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެއެވެ. ހަމައެހެންމެ ތައުލީމީ ގޮތުން ޤާބިލުކަމެއް ނެތް، އަދި މަސައްކަތަށް އެކަށީގެންނުވާ އެމްޑީޕީ އެކްޓިވިސްޓުންނަށް ބޮޑެތި މުސާރަ ދީގެން ދައުލަތުގެ ފައިސާއިން ބޭކާރު ޚަރަދު ކުރާ ކަމުގައާއި، މިފަދަ ގޮތްތަކުން ރައްޔިތުންނަށް ލިބެމުންދާ އަނިޔާއާއި ވޭނުގެ ނަތީޖާއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމުން ބާލާ ވަގުތު ކައިރިވުން ކަމުގައިވެސް އިދިކޮޅުން ބުންޏެވެ. އަދި މިނިވަން ޝަރުޢީ ދާއިރާއެއް ޤާއިމުވާ ދުވަހަކުން ރައްޔިތުންނަށް އަނިޔާވެރިވާ އެންމެނާ ޤާނޫނު އަރާ ހަމަކުރާނެ ކަމަށާއި، އެ ދުވަހަކުން އެ މީހުންނަށް ދިގު މުއްދަތުގެ ޖަލު ހުކުމްތަކެއް ކުރިމަތިވާނެ ކަމުގައިވެސް އިދިކޮޅުން ބުނެފައިވެއެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ބޭރުގައި އުޅޭ ދިވެހިންނަށް ސަރުކާރުން ދަތިކުރާ ކުރުމަށް ބަދަލު ހިފާނީ އިންތިޚާބުގައި: އިދިކޮޅު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ