ޕާޓީތަކުގެ ގާނޫނާ އިމްތިޔާޒުގެ ގާނޫނުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނާއި، ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ހުރި ބޮޑެތި މައްސަލަތައް ފާހަގަކޮށް ދެޤާނޫނުގައި ހުރި މައްސަލަތައް ބަންޑާރަ ނާއިބްގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
ވީނިއުސްއަށް މިކަން ޔަޤީންކޮށްދެއްވަމުން ބަންޑާރަނައިބުގެ، ނައިބު އައިޝަތު ބިޝާމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަގެ ބިލާއި، ސިޔާސީ ޕާޓީތަކުގެ ބިލް މިއަދު ތަސްދީޤުކޮށް އެދެބިލް ގެޒެޓް ކުރުމާއިއެކު ބަންޑާރަނައިބުގެ އޮފީހުން އެދެ ޤާނޫނުގައި ހުރި މައްސަލަތައް ފާހަގަކޮށް އެމައްސަލަތަކަށް ހައްލު ހޯދުމަށްޓަކައި މައްސަލަ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
ނަމަވެސް ކޯޓުން އަދި މައްސަލަ ބަލައިގެންފައިވާ ކަމެއް އެގިފައެއް ނުވެއެވެ.
އިމްތިޔާޒުގެ ޤާނޫނުގެ މައްސަލަ ސްޕްރީމް ކޯޓަށް މިއަދު ހުށަހެޅިއިރު އެޤާނޫނުގެ ސަބަބުން ފުލުހުންނާއި ނޫސްވެރިންނަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމަށް އެދިފައިވާނެ ކަމަށްވެސް ބިޝާމް ވިދާޅުވިއެވެ.
ބިޝާމް ވިދާޅުވީ އިމްތިޔާޒު ބިލްގެ 17 ވަނަ މާއްދާ އަދި 18 ވަނަ މާއްދާ މާނަކުރުމުގެ މައްސަލަ ސުޕްރީމް ކޯޓަށް އިއްޔެ ވެއްދީ އެދެމާއްދާގައި ހިފެހެއްޓުމެއް ނެތް މިންވަރަށް ބާރުތަކެއް ދީފައިވާތީ އެބާރުތައް ބޭނުންކުރަންވާނީ ޤާނޫނު އަސާސީއާއި އެއްގޮތަށް ކަމަށް ކަނޑައަޅައިދިނުމަށް ކަމަށެވެ.
އިމްތިޔާޒު ބިލްގެ 17 ވަނަ މާއްދާއަކީ މަޖިލީހަށް މީހުން ހާޒިރުކުރުމުގައި މަޖިލީހަށް ލިބިދީފައިވާ ބާރުތައް ކަނޑައަޅާ މާއްދާއެވެ. އަދި 18 ވަނަ މާއްދާއަކީ މަޖިލީހަށް ހާޒިރުވެ ޖަވާބުރާރީވާންވީ ގޮތް ކަނޑައަޅައިދީފައިވާ މާއްދާއެވެ. މަޖިލީހަށް ޖަވާބު ނުދީފިނަމަ އެ މީހަކު 1،000ރ. އާއި 3،000ރ ގެ އަދަދަކުން ޖޫރިމަނާކޮށް އަދި ތިން މަހާއި ހަމަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ ކަމަށްވެސް މިމާއްދާގައި ވަނީ ބުނެފައެވެ.
(ތަފްސީލް އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ